ޓްރަމްޕުގެ ޚާރިޖީ ވަޒީރަކަށް ރަޝިޔާގެ އެކުވެރިއެއް ހަމަޖައްސައިފި

ނިއު ޔޯކް (ޑިސެމްބަރު 13) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުގެ ޚާރިޖީ ވަޒީރަކަށް ރަޝިޔާއާ ގުޅުން އޮންނަ ބޭފުޅެއް ކަމަށްވާ ރެކްސް ޓިލާސަން ހަމަޖައްސައިފި އެވެ.


އެމެރިކާ ސަރުކާރުގެ އެންމެ މުހިންމު އެއް މަގާމު ހަވާލުކުރެއްވި ޓިލާސަން އަކީ ތެޔޮ ކުންފުނި އެކްޒޮން މޯބިލްގެ ސީއީއޯ އެވެ. އުމުރުން 64 އަހަރުގެ ޓިލަސަން އަކީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ ރަނގަޅު ގުޅުމެއް އޮންނަ ބޭފުޅެކެވެ. އެ ދެ ބޭފުޅުންގެ ގުޅުމާ މެދު ޑިމޮކްރެޓިކުންނާއި ރިޕަބްލިކަނުންގެ ވެސް ކަންބޮޑުވުންތައް އެބަހުއްޓެވެ. ޓިލަސަންގެ މަގާމު ކަށަވަރު ކުރަން ސެނެޓުން ފާސްކުރަން ޖެހެ އެވެ.

ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވީ ނަމަވެެސް އެ ގައުމުގެ ސަރުކާރުގެ ތެޔޮ ކުންފުނި ރޮސްނެފްޓާ އެކު ޓިލަސަން ވަނީ މަލްޓި ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. ޓިލަސަން އަށް ވަނީ ރަޝިޔާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާ ބޭރުގެ ފަރާތްތަކަށް ދޭ ޚާއްސަ ޝަރަފެއް ކަމަށްވާ އޯޑާ އޮފް ފްރެންޑްޝިޕް މެޑަލް ކްރެމްލިން އިން ދީފަ އެވެ. ޕުޓިންއާ ގުޅުން އޮންނަ ފަރާތަކަށް ޚާރިޖީ ވަޒީރުކަން ދިނުމުން ޕްރައިމަރީގައި ޓްރަމްޕާ ވާދަ ކުރެއްވި މާކޯ ރޫބިން ވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރަކަށް ހަމަޖެއްސި ޓިލަސަން (ވ) ރައީސް ޕުޓިންއާ އެކު.

ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވަނީ ޓިލަސަން އަށް ތައުރީފް ކުރައްވައިފަ އެވެ. އަދި އެއީ ދުނިޔޭގެ ސަރުކާރުތަކާ އެކު ބޮޑެތި މުއާމަލާތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ތަޖްރިބާކާރެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އެމެރިކާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ޓިލަސަންގެ ކެރިއަރަކީ ނަމޫނާއެއް ކަމަށް ވިދާޅުވި އެވެ.

ޓިލަސަން ވިދާޅުވީ އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓުގެ މަގާމު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށާއި އެމެރިކާގެ ޚާރިޖީ ގުޅުންތަކުގެ އިތުބާރު ދެމެހެއްޓުމަށް ޓްރަމްޕް ގެންގުޅުއްވާ ތަސައްވަރު އޭނާ ވެސް ހިއްސާ ކުރައްވާ ކަމަށެވެ.

ޚާރިޖީ ވަޒީރުކަމަށް ޓިލަސަން ހަމަޖެއްސުމުގެ ކުރިން އެ މާގަމަށް ގެނައުމަށް އެންމެ ބޮޑަށް މަޝްވަރާ ކުރި ފަރާތަކީ 2012 ވަނަ އަހަރުގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މިޓް ރޮމްނީ އެވެ.

ޚާރިޖީ ސިޔާސަތާ ބެހޭ ތަޖްރިބާއެއް ނެތް ނަމަވެސް ޓިލަސަން ވަނީ ދުނިޔޭގެ 50 ގައުމުގައި ހިންގާ އޭނާގެ ވިޔަފާރީގެ ކަންކަމުގައި އުޅޭ 75،000 މުވައްޒަފުންގެ ކަންކަން ބެލަހައްޓާ ހިންގުމުގެ ތަޖްރިބާ ހޯއްދަވައިފަ އެވެ.