ދުނިޔެ / ކޮވިޑް-19

އިންޑިއާ އަށް ދިޔަ އިޓަލީގެ ބަޔަކު ޕޮޒިޓިވްވެގެން ލެބޯޓެރީއަށް ފިޔަވަޅު އަޅައިފި

އިޓަލީގެ މިލާނުގެ ސުޕަމާކެޓަކުން ތަކެތި ގަތުމަށް ފަހު ބަޔަކު ދަނީ: ކޮވިޑް-19 ގައި އިޓަލީން މަރުވި މީހުންގެ އަދަދު 366 އަށް ވަނީ އަރާފައި. --ފޮޓޯ:އޭއެފްޕީ

12 ޖެނުއަރީ 2022 - 12:46

1 comments

އިޓަލީ ވިލާތުން އިންޑިއާ އަށް އައި ދަތުރުވެރިންތަކެއް ކޮވިޑަށް ޓެސްޓުކުރި އިރު، އެމީހުންގެ ނަތީޖާ ޕޮޒިޓިވްވުމާ ގުޅިގެން، އެމީހުންގެ ސާމްޕަލްތައް ތަހުލީލު ކުރި ލެބޯޓެރީގެ ކަންތައް ތަހުގީގުކޮށް ފިޔަވަޅު އަޅައިފި އެވެ.

އިޓަލީން އައި ދެ މަތިންދާބޯޓަކުން ދަތުރުކުރި 300 އަށް ވުރެ ގިނަ ދަތުރުވެރިން، އިންޑިއާ އަށް އެތެރެވުމަށް ފަހު، އަމިއްލަ ބަޔަކު ހިންގާ ލެބޯޓެރީއެއް މެދުވެރިކޮށް ހެދި ޓެސްޓުތަކުން، އޭގެ ތެރެއިން 290 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ކޮވިޑަށް ޕޮޒިޓިވްވި މީހުން ތުހުމަތުކުރާ ގޮތުގައި އެމީހުންގެ ހަށިގަނޑުން ނެގި ސާމްޕަލްތައް ޕޮޒިޓިވްކަމަށް ދައްކާފައިވަނީ، ލެބޯޓެރީގެ ފަންނީ ކުށަކުން ކަމަށް ބެލެވެ އެވެ.

މިދިޔަ ހަފުތާގައި އިޓަލީގެ ރޯމުން އިންޑިއާގެ އަމްރިޓްސަރަށް އައި މަތިންދާބޯޓެއްގެ 173 މީހެއްގެ ހަށިގަނޑުން ނެގި ސާމްޕަލް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އިޓަލީގެ މިލާނުން އަމްރިޓްސަރަށް އައި މަތިންދާބޯޓަކުން ދަތުރުކުރި 125 މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްކަމަށް ދެއްކި އެވެ.

ފުރަތަމަ ހެދި ޓެސްޓުން ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ދެއްކި މީހުންގެ ތެރެއިން 30 މީހެއްގެ ހަށިގަނޑުން ދެ ވަނަ ފަހަރަށް ސާމްޕަލް ނަގައިގެން އެއާޕޯޓްގައި ޓެސްޓުކުރުމުން، އޭގެ ތެރެއިން ޕޮޒިޓިވްވީ އެންމެ ތިން މީހުންނެވެ. އަމްރިޓްސަރު އެއާޕޯޓްގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ގިނަ އަދަދެއްގެ ދަތުރުވެރިން ޕޮޒިޓިވްކަމަށް ދެއްކި ސާމްޕަލްތައް ތަހުލީލުކުރި، ސްޕައިސް ހެލްތު ކިޔާ ލެބޯޓެރީގެ ހިދުމަތް މިވަގުތު ބޭނުން ނުކުރުމަށް އެއާޕޯޓުން ވަނީ ނިންމައިފަ އެވެ.

އެއާޕޯޓް އޮފިޝަލުން ވިދާޅުވި ގޮތުގައި، ސާމްޕަލްތައް ޕޮޒިޓިވްކަމަށް ދެއްކީ، ސާމްޕަލްތައް ތަހުލީލު ކުރުމުގައި ބޭނުންކުރި އާލާތްތަކުގައި ހުރި ފަންނީ ކުށަކުން ކަމަށް ވިޔަސް، ތަހުލީލުކުރި މީހުންނަށް ހެދުނު ގޯހަކުން ކަމަށް ވިޔަސް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ އެވެ.

އަމްރިޓްސަރުގެ ސިވިލް ސާޖަން ޑރ. ޗަރަންޖީތު ސިންގް ވިދާޅުވި ގޮތުގައި އެ ލެބޯޓެރީގެ މައްސަލަ ތަހުގީގުކުރުމުން އެނގުނީ، ކޮވިޑް ސާމްޕަލްތައް ތަހުލީލުކުރި މެޝިންތަކުގެ ކޮންޓްރޯލް ބައިގައި ފަންނީ މައްސަލަތަކެއް ހުރި ކަމެވެ. މެޝިންތަކުގެ ކޮންޓްރޯލް ބައިތައް ރަނގަޅަށް މަސައްކަތް ނުކުރާކަމަށް ފާހަގަކުރެވޭތީ، އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަތުރުވެރިންގެ ސާމްޕަލްތައް ނަގައި ތަހުލީލުކުރުމުގެ މަސައްކަތް، ސްޕައިސް ހެލްތު ލެބޯޓަރީން އަމްރިޓްސަރު އެއާޕޯޓްގައި ކުރަމުން ދަނީ، އެއާޕޯޓު ހިންގާ އިދާރާއިން ކުއްޔަށް ހިފައިގެންނެވެ. ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުކަމަށް އިންޑިއާ އިން ކަނޑައަޅާފައިވާ ގައުމުތަކުން އަންނަ މީހުން، އެއާޕޯޓަށް ފޭބުމަށް ފަހު، އެއާޕޯޓްގައި ކޮވިޑަށް ޓެސްޓު ކުރަންޖެހެ އެވެ.

ކޮވިޑް-19 ބަލިމަޑުކަން ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ދާއިރު، އިންޑިއާގައި މިހާރު ދަނީ ކޮވިޑްގެ ތިން ވަނަ ރާޅެއް ފެތުރެމުންނެވެ. އިއްޔެ އެކަނިވެސް އިންޑިއާ އިން 167000 މީހަކަށް އަލަށް ކޮވިޑް ޖެހުނު ކަމަށް އިންޑިއާގެ ރަސްމީ ހިސާބުތައް ދައްކަ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާސީނުތަށި

12 January 2022

ކޮވިޑަކީ ހުރިހާ ގައުމަށްވެސް ވިޔަފާރިއެއް. ގައުމަށް އަންނަ ބޭރުގެ މީހުންނަށް ޕޮޒިޓިވް ނަތީޖާ ދިނީމަ ދެން މި ޖެހެނީ އެ ހުންނަ ހޮޓަލަކަށް އިތުރުވާ ދުވަސްތަކަށް ލާރި ދައްކައިގެން ކަރަންޓީނުގައި އެގައުމެއްގައި ހުންނަން. ވިޔަފާރިވެރިންގެ ޖީބުތައް ފުރޭ. ސަރުކާރުތަކުންވެސް އަޅައެއް ނުލާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454