ޓްރަމްޕުގެ ދެކޮޅު ހެއްދެވުމާ އެކު އިޒްރޭލާ ގުޅޭ ގަރާރު ހުށަހެޅުން ފަސްކޮށްފި

ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 23) - ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުން ހުއްޓުވުމަށް ސަލާތީ މަޖިލީހަށް ހުށަހަޅާ ގަރާރަށް އެމެރިކާގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހެއްދެވުމާ އެކު އެ ގަރާރު ހުށަހެޅުން މިސްރުން ފަސްކޮށްފި އެވެ.


ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ގެދޮރު އެޅުން ހުއްޓުވުމާ ބެހޭ ގޮތުން 2011 ވަނަ އަހަރު ވެސް ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހެޅި އެވެ. ނަމަވެސް އެ ގަރާރު އެމެރިކާ އިން ވަނީ ވީޓޯކޮށްފަ އެވެ.

މިސްރުން ހުށަހަޅާ ގަރާރަށް އެމެރިކާ އިން ވަކިކޮޅަކަށް ވޯޓު ނުދޭނެ ކަމަށް އެ ގައުމުގެ އޮފިޝަލަކު ވިދާޅުވުމާ އެކު އިޒްރޭލުން ވަނީ ޓްރަމްޕުގެ އެހީ އަށް އެދިފަ އެވެ. އަދި އިޒްރޭލުން ވަނީ މިސްރުގެ ގަރާރު ވީޓޯ ކުރުމަށް އޮބާމާ ސަރުކާރަށް އަންގައިފަ އެވެ.

މިސްރުން ގަރާރު ނެގީ ސަލާމަތީ މަޖިލީހުގައި އިއްޔެ ވޯޓަށް އަހަން ތައްޔާރުވެފައި ވަނިކޮށެވެ. ގަރާރާ ގުޅޭ ގޮތުން މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީ އާއި ޓްރަމްޕް ފޯނުން ވާހަކަ ދެއްކެވި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އަދި މި މައްސަލައިގައި ގޮތެއް ނިންމުމަށް އެމެރިކާގެ އާ ސަރުކާރަށް ދޫކޮށްލުމަށް ދެ ލީޑަރުން އެއްބަސްވި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އިޒްރޭލާއި ފަލަސްތީނުގެ ސުލްހަ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ވެސް ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމެވެ. އދ. އިން ބުނެފައި ވަނީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކުރާ ކަމެއް ކަމަށެވެ. އެމެރިކާ އިން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މިސްރުގެ ގަރާރު ވީޓޯ ކުރުމަށް އެމެރިކާ އަށް ގޮވާލައިފަ އެވެ. އަދި ޒަމާނުއްސުރެ އިޒްރޭލް ދިފާއު ކުރަން އެމެރިކާ ގެންގުޅެމުން ދިޔަ ސިޔާސަތު ބަދަލު ނުކުރުމަށް ނަތަންޔާހޫ ވަނީ ގޮވާލައްވައިފަ އެވެ. ނަމަވެސް އޮބާމާގެ ވެރިކަމުގެ އެންމެ ފަހު ދުވަސްތަކަށް އެޅުމާ އެކު، އެމަނިކުފާން ބޭނުން ވަނީ މި ގަރާރު ފާސްކުރަން ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ. ނަތަންޔާހޫގެ ވެރިކަމުގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތެރޭ ހުޅަނގު އައްސޭރި އަށް ވަނީ 15،000 އަށް ވުރެ ޔަހޫދީން ބަދަލުކޮށްފަ އެވެ.

ޓްރަމްޕް ވަނީ މިސްރުގެ ގަރާރު ފޭލްކޮށްލުމަށް ސަލާމަތީ މަޖިލީހަށް ގޮވާލައްވައިފަ އެވެ. ޓްރަމްޕް ވިދާޅުވީ މެދުއިރުމައްޗަށް ސުލްހަ ހޯދޭނީ އދ. އިން އެއް ގައުމަކާ ދެކޮޅަށް ފިޔަވަޅު އަޅައިގެން ނޫން ކަމަށާއި ދެ ގައުމުގެ މެދުގައި ސުލްހައިގެ ވާހަކަތައް ފަށައިގެން ކަމަށެވެ.

މިސްރުން ގަރާރު ހުށަހެޅުން ލަސްކުރި ނަމަވެސް ސަލާމަތީ މަޖިލީހުގައި ހިމެނޭ ނިއު ޒީލެންޑް، ވެނެޒުއެލާ، މެލޭޝިއާ އަދި ސެނެގާލުން ވަނީ ގަރާރައިގެން ކުރިއަށް ދާނެ ކަމަށް ބުނެފަ އެވެ.

މިސްރުގެ ގަރާރުގައި ވަނީ އިރުމަތީ ގުދުސް ވެސް ހިމެނޭ ގޮތަށް ފަލަސްތީނުގެ ހުރިހާ ބިމެއްގައި އިޒްރޭލުން ޔަހޫދީންނަށް ހިންގާ ގެދޮރު އިމާރާތް ކުރުމުގެ މަޝްރޫއު ވަގުތުން ހުއްޓާލުމަށް ގޮވާލައިފަ އެވެ. އަދި އެއީ ދެ ދައުލަތް ގާއިމްކޮށްގެން މެދުއިރުމައްޗަށް ސުލްހަ ހޯދަން ކުރާ އުއްމީދަށް ހުރަސް އަޅާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.