ތެލް އަވީވް (ފެބްރުއަރީ 9) - ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް 4،000 ގެ އެޅުމަށް އިޒްރޭލުން ފާސްކޮށްފައިވާ ބިލް ހުއްޓުވުމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ދެ ޖަމާއަތަކުން އިޒްރޭލުގެ ސުޕްރީމް ކޯޓަށް ހިނގައްޖެ އެވެ.

ޔަހުދީންނަށް ގެ އަޅަން އިޒްރޭލުގެ ޕާލަމެންޓުން ފާސްކުރި ބިލާ ފަލަސްތީނުން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ. އިޒްރޭލުގެ އެޓާނީ ޖެނެރަލް ވަނީ މިއީ ގާނޫނު އަސާސީ އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ޚިލާފު ބިލެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ސްޕްރީމް ކޯޓަށް ދާން ޖެހިއްޖެ ނަމަ އެ ބިލް ދިފާއު ނުކުރާނެ ކަމަށް އެޓާނީ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ. އިޒްރޭލުގެ ޕާލަމެންޓުގެ ބައެއް މެންބަރުން ވެސް ވަނީ ބިލް ތަންފީޒުކޮށްފި ނަމަ އިޒްރޭޭލް ސިފައިން ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ދާންޖެހިދާނެކަމުގެ ބިރު އޮތް ކަމަށް ބުނެފަ އެވެ.

އިޒްރޭލުން ފާސްކުރި "ރެގިއުލޭޝަން ބިލް" އުވާލުމަށް އެ ގައުމުގެ ބައެއް އެންޖީއޯތައް ކަމަށްވާ ޕީސް ނައު، ޔެޝް ދިން އަދި އެސޯސިއޭޝަން ފޯ ސިވިލް ރައިޓްސް އިން ވަނީ ސްޕްރީމް ކޯޓަށް ދާނެ ކަމަށް ކުރިން ބުނެފަ އެވެ. ޕީސް ނައު އިން ބުނެފައި ވަނީ އެ ގާނޫނުގެ ސަބަބުން ފަލަސްތީނުގެ 2،020 އޭކަރުގެ ބިމުގައި އިޒްރޭލުން ގެ އަޅާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިޒްރޭލް ސަރުކާރުން ޖަވާބުދާރީވުމަށް ސުޕްރީމް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތު ދީފަ އެވެ. އިޒްރޭލުގެ ގާނޫނު އަސާސީއާ ޚިލާފު ބިލްތައް އެ ގައުމުގެ ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ބާތިލްކޮށްފަ އެވެ.

އެމެރިކާގެ ރައީސްކަމުގެ ހުވާ ޑޮނަލްޑް ޓްރަމްޕް ކުރެއްވި ފަހުން ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ޔަހޫދީންނަށް 6،000 ގެ އަޅަން އިޒްރޭލުން ވަނީ އިއުލާންކޮށްފަ އެވެ.

އިޒްރޭލުން 1967 ވަނަ އަހަރުގެ ހަނގުރާމައިގައި ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް ހިފިފަހުން ހުޅަނގު އައްސޭރީގައި އިޒްރޭލުން ވަނީ 400،000 ޔަހޫދީން ވަޒަންވެރި ކުރުވައިފަ އެވެ. އަދި އިތުރު 200،000 މީހުން ވަނީ އިރުމަތީ ގުދުސްގައި ވަޒަންވެރި ކުރުވައިފަ އެވެ. ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ދިރިއުޅެނީ ފަލަސްތީނުގެ 2.9 މިލިއަން މީހުންނެވެ. އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކުރާ ކަމެއް ކަމަށް އދ. އިން ނިންމާފައިވެ އެވެ.