ޕެރޫގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޕެދްރޯ ކަސްތީލޯ، އިއްޔެ މަގާމުން އަޒުލުކުރުމަށް ފަހު، ނައިބު ރައީސް ކަމުގައި ހުންނެވި ދީނާ އެރްސީލިއާ ބޮލުއަރްތޭ، އެ ގައުމުގެ ރައީސްގެ މަގާމަށް، ގާނޫނު ހަދާ މަޖިލީހުން އިއްޔެ އައްޔަންކޮށްފި އެވެ.
ކުރީގެ ރައީސް ޕެދްރޯ މަގާމުން އަޒުލުކުރީ، އިދިކޮޅު މެމްބަރުންގެ އަޣުލަބިއްޔަތު އޮތް ގާނޫނު ހަދާ މަޖިލިސް އުވާލައްވައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވަން އުޅުއްވަނިކޮށެވެ. މި މައްސަލަގަނޑު ހިލުނީ، އިއްޔެ ހެނދުނު ޓީވީ މެދުވެރިކުރައްވައި ގައުމާ މުޚާތަބުކުރައްވަމުން، ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުމާ ގުޅިގެންނެވެ.
އޭގެ އިތުރުން ގާނޫނު ހަދާ މަޖިލިސް އުވައިލައްވާނެކަން އިއުލާން ކުރެއްވުމާ ގުޅިގެން، އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އޭނާގެ ކެބިނެޓްގެ ބައެއް މިނިސްޓަރުން ވެސް އިސްތިއުފާ ދެއްވި އެވެ. އަދި އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފެށި އެވެ.
ގާނޫނު ހަދާ މަޖިލިސް އުވައިލައްވަން ކުރީގެ ރައީސް ޕެދްރޯ ނިންމެވުމާ އެކު، އެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އިއްޔެ މެންދުރު ބޭއްވި އެވެ. އެ ބައްދަލުވުމުގައި، ގައުމުގައި ބަޣާވާތެއް ކުރަން ޕެދްރޯ އުޅުއްވި ކަމަށް ނިންމައި، އޭނާ މަގާމުން އަޒުލުކުރި އެވެ. އޭނާ މަގާމުން އަޒުލުކުރުމަށް 101 މެމްބަރުން ވޯޓު ދެއްވި އިރު، އެކަމާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ ހަ މެމްބަރުންނެވެ. ވޯޓުގައި ބައިވެރިނުވަނީ 10 މެމްބަރުންނެވެ.
ގާނޫނު ހަދާ މަޖިލިސް އުވާލައި، ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާން ކުރައްވަން ޕެދްރޯ ނިންމެވުމުން، އެ ގައުމުގެ ދުސްތޫރީ ކޯޓުން ވެސް އެކަމަށް ދެކޮޅު ހެދި އެވެ. ދުސްތޫރީ ކޯޓުގެ އިސް ފަނޑިޔާރު ވިދާޅުވި ގޮތުގައި ޕެދްރޯގެ އެ ނިންމެވުމަކީ ބަޣާވާތެއް ގެނައުމެވެ.
ގާނޫނު ހަދާ މަޖިލީހުން އޭނާ އަޒުލުކުރުމާ އެކު، އޭނާގެ ބައެއް ރަހުމަތްތެރިންނާ އެކު މިސްރާބު ޖެއްސެވީ ވެރިރަށުގައި ހުންނަ މެކްސިކޯގެ އެމްބަސީ އަށެވެ. ނަމަވެސް ދުސްތޫރީ ކޯޓުން ޕެދްރޯގެ ނިންމުމާ ދެކޮޅަށް ނެރުނު ބަޔާނާ ގުޅިގެން، ސިފައިންނާއި ފުލުހުންގެ ފަރާތުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދުސްތޫރީ ނިންމުންތަކަށް ސަލާމަތީ ބާރުތަކުން އިހްތިރާމްކުރާނެ ކަމަށާއި އެ ނިންމުންތައް ނަގަހައްޓާނެ ކަމަށެވެ.
އެ ބަޔާން ނެރުމާ އެކު، ސިފައިންނާއި ފުލުހުންގެ ޓީމެއް ގޮސް، ޕެދްރޯ ދަތުރުކުރެއްވި ކާރު މަގުމަތިން ހުއްޓުވައި އޭނާ ހައްޔަރުކުރި އެވެ. އޭގެ ފަހުން ޕެދްރޯ އަދިވެސް ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ޕެދްރޯ އަޒުލުކުރުމަށް ފަހު، ގައުމުގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންދެއްވުމަށް، ނައިބު ރައީސް ދީނާގެ އަރިހުން، ގާނޫނު މަޖިލީހުން އެދުމާ ގުޅިގެން އޭނާ އެކަން ގަބޫލުކުރެއްވި އެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ ކުރިމަތީގައި މަގާމުގެ ހުވާ ކުރައްވައި މަގާމާ ރަސްމީ ގޮތުން ހަވާލުވެވަޑައިގަތެވެ.
މިއީ ޕެރޫގެ ރައީސް ކަމުގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. އޭނާ ޕެރޫގެ ރައީސްގެ މަގާމުގައި ދެމިހުންނަވާނީ ޖުލައި 2026ގެ ނިޔަލަށެވެ. އެއީ ކުރީގެ ރައީސް ޕެދްރޯގެ ރިއާސީ ދައުރު ހަމަވާ މުއްދަތެވެ.