ލީމާ (މާޗް 22) - ޕާލަމެންޓުގެ އިދިކޮޅު މެންބަރުންގެ ވޯޓު ހޯދަން ރިޝްވަތު ދިންކަމުގެ ތުހުމަތުކޮށްފައިވާ ޕެރޫގެ ރައީސް ޕެޑްރޯ ޕަބްލޯ ކުޒީންސްކީ އިސްތިއުފާ ދެއްވައިފި އެވެ.

އުމުރުން 79 އަހަރުގެ ކުޒީންސްކީ އިސްތިއުފާ ދެއްވަމުން ވިދާޅުވީ ގައުމުގެ ތަރައްގީގެ ހުރަހަކަށް އޭނާ ވާން ބޭނުން ނުވާ ކަމަށެވެ. އޭނާ އިސްތިއުފާ ދެއްވި އިރު ޕާލަމެންޓުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މިއަދު އޮތީ ހަމަޖެހިފަ އެވެ.

ޕާލަމެންޓުގެ އިދިކޮޅު ލީޑަރުންގެ ވޯޓު ހޯދަން ވެރިކަންކުރާ ކޯލިޝަނުން ރިޝްވަތު ދިން ވީޑިއޯތައް އާއްމުވުމާ އެކު ރައީސް ކުޒީންސްކީ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ކުޒިންސްކީގެ މައްޗަށް ޑިސެމްބަރު މަހު ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުން އޭނާ ވަނީ ސަލާމަތްވެފަ އެވެ.

އިދިކޮޅު މެމްބަރުން ވަނީ ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏަކުން ކުޒިންސްކީ ރިޝްވަތު ނެގިކަމަށް ބުނެ އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތްކޮށްފަ އެވެ.

ގައުމާ މުޚާތަބް ކުރައްވާ ކުޒިންސްކީ ވިދާޅުވީ ރިޝްވަތު ދޭ ކަމަށް ބުނާ ވީޑިއޯ އަކީ އޭނާ ކުށްވެރިކުރުމުގެ ބޭނުމުގައި ބަޔަކު ހަދާފައިވާ އެއްޗެއް ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން ވަނީ އަޅުގަނޑަކީ ކޮރަޕްޓް މީހެއް ކަމަށް ދައްކަން މަސައްކަތްކޮށްފައި،" ކުޒިންސްކީ ވިދާޅުވި އެވެ.

އޮކްސްފޯޑް ޔުނިވާސިޓީން ކިޔަވާ ވިދާޅުވެފައިވާ ކުޒިންސްކީ ޕެރޫގެ ވެރިކަމަށް ވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ. ކުޒިސްންކީ އިސްތިއުފާ ދިނުމާ ގުޅިގެން ވަގުތީ ގޮތުން ވެރިކަމާ ހަވާލުވާނީ ނައިބް ރައީސް އެވެ.