ކުވޭތުގެ އަމީރު އިއްޔެ ވަނީ ޕާލަމެންޓް އުވާލައްވާފައި. --ފޮޓޯ:އޭޕީ
24 ޖެނުއަރީ 2023 - 14:30
މީގެ ތިން މަސް ކުރިން ކުވައިތުގައި އެކުލަވައިލި ސަރުކާރު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހާ ދެމެދު އުފެދުނު ދެބަސްވުންތަކެއްގެ ސަބަބުން، އިއްޔެ އިސްތިއުފާ ދީފި އެވެ.
ކުވައިތުގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި ބޮޑުވަޒީރު ޝައިޚް އަހްމަދު ނަވާފް އާލް ސަބާހް އާއި އޭނާގެ ކެބިނެޓް އިއްޔެ ވަނީ، މަގާމުން އިސްތިއުފާ ދެއްވި ކަމުގެ ލިޔުން އެ ގައުމުގެ ވަލީ އަހުދުގެ އަތްޕުޅަށް އަރުވައިފަ އެވެ. ކުވައިތުގެ އަމީރުގެ ރަސްމީ ވާޖިބުތައް މިހާރު އަދާކުރައްވަމުން ގެންދަވަނީ ވަލީ އަހުދު ޝައިޚް މިޝްއަލް އަލް އަހްމަދު އާލް ސަބާހް އެވެ.
ކުވައިތުގައި އޮތް ގާނޫނު ހަދާ މަޖިލިސް، ވަލީ އަހުދުގެ ގަރާރަކުން މިދިޔަ އަހަރު އުވާލައްވައި، އަވަސް އިންތިޚާބެއް ބޭއްވުމަށް ފަހު، އާ ސަރުކާރެއް އެކުލަވައިލުމުގެ ޒިންމާ ހަވާލުކުރެއްވީ، އިއްޔެ މަގާމުން އިސްތިއުފާ ދެއްވި ޝައިޚް އަހްމަދު ނަވާފް އާލް ސަބާހްއާ އެވެ. ނަމަވެސް އަލަށް އިންތިޚާބުކުރި ގާނޫނު ހަދާ މަޖިލީހާއި، އާ ސަރުކާރާ ދެމެދު، މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ފެށިގެން ވަނީ މައްސަލަ ޖެހެން ފަށައިފަ އެވެ.
ސަރުކާރު އިސްތިއުފާ ދިނުމާ ގުޅިގެން، ގާނޫނު ހަދާ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. މިއަދުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށް ބަހުސް ކުރާނެ ކަމަށް ބެލެވެނީ، ބޮޑުވަޒީރުގެ މަގާމަށް އައްޔަންކުރާނެ ބޭފުޅަކާއި އާ ސަރުކާރެއް އެކުލަވައިލުމާ ބެހޭ ގޮތުންނެވެ.
ގާނޫނު ހަދާ މަޖިލީހާއި ސަރުކާރާ ދެމެދު މައްސަލަތައް ޖެހެން ފެށީ، ސަރުކާރުގެ މާލީ ހިންގުމުގެ ދާއިރާ އިސްލާހުކުރަން ސަރުކާރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށް، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ތުހުމަތު ކުރަން ފެށުމުންނެވެ.
ކުވައިތުގެ ގާނޫނު ހަދާ މަޖިލީހުން ސަރުކާރަށް ބާރު އަޅަމުން އަންނަނީ ސަރުކާރު މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނާއި ކުވައިތުގެ އާންމު ރައްޔިތުންނަށް ދޭ އިޖްތިމާއީ އެހީތައް އިތުރު ކޮށްދިނުމަށެވެ. އޭގެ އިތުރުން ދައުލަތުގެ ދަރަނި ކުޑަކުރުމަށް އަޅާނެ ހަރުދަނާ ފިޔަވަޅުތަކެއް ކަނޑައެޅުމަށް ވެސް، ގާނޫނު ހަދާ މަޖިލީހުން އަންނަނީ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.
ތެލުގެ މުއްސަނދިކަން ލިބިފައިވާ ކުވައިތުގައި ސިޔާސީ ހަމަނުޖެހުންތައް އުފެދިފައި އޮންނަތާ އަހަރުތަކެއް ވެފައިވާ އިރު، ބޭރުގެ އިންވެސްޓްމަންޓްތައް މަދުވެ ގައުމުގެ އިގްތިސާދަށް ވަނީ ނޭދެވޭ އަސަރު ކުރަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞާބިހު2
29 January 2023
ރަސްގެފާނުވެސް އާލުޞަބާޙް. ވަލީޢަހުދުވެސް އާލްޞަބާޙް. ބޮޑުވަޒީރުވެސް ކެބިނެޓްވެސް މަޖިލީސްވެސް އާލްޞަބާޙް. އިސްތިއުފާދިނީވެސް އިސްތިއުފާ ޤަބޫލުކުރީވެސް ދެން އައްޔަންުކުރާފަރާތަކީ ކުރެވޭ ފަރާތަކީވެސް އާލްޞަބާޙް.
ރޯއަމަށުން
26 January 2023
ކުވައިތުގަވެސް ގެސްޓުހައުސް އަޅާބަލަ. ދެން މުއްސަނދި ވެދާނެ އިސާހިތަކު.
48343
24 January 2023
ނަންވާނީ އަންނި.
އަހަންމާކަލޯ
24 January 2023
"ތެލުގެ މުއްސަނދިކަން ލިބިފައިވާ ކުވައިތުގައި ސިޔާސީ ހަމަނުޖެހުންތައް އުފެދިފައި އޮންނަތާ އަހަރުތަކެއް ވެފައިވާ އިރު، ބޭރުގެ އިންވެސްޓްމަންޓްތައް މަދުވެ ގައުމުގެ އިގްތިސާދަށް ވަނީ ނޭދެވޭ އަސަރު ކުރަން ފަށައިފަ އެވެ." ދުނިޔޭގެ ޤައުމުތަކުގައި "ޒަމާނީ ޑިމޮކްރެސީ" ފެތުރުމަށްޓަކައި މުއްސަނދި ޤައުމުތަކުން ބާރުއަޅާ ޙަޤީޤީ ސަބަބު.....