ދުނިޔެ / އެމެރިކާ

ޕެންސްގެ ގެއިން ވެސް ސިއްރު ލިޔުންތަކެއް

އެމެރިކާގެ ކުރީގެ ނައިބު ރައީސް މައިކް ޕެންސް

25 ޖެނުއަރީ 2023 - 09:36

1 comments

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި ނައިބު ރައީސްގެ މަގާމު ފުރުއްވި މައިކް ޕެންސްގެ އަމިއްލަ ގެއަކުން ވެސް، ސަރުކާރުގެ ސިއްރު ލިޔުންތަކެއް ފެނިއްޖެ ކަމަށް އޭނާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ޕެންސްގެ އަމިއްލަ ގެއަކުން ސަރުކާރުގެ ސިއްރު ލިޔުންތަކެއް މިފެނުނީ، އޭނާގެ އަމިއްލަ އެއްވެސް ގެއެއްގައި އަދި އޮފީހެއްގައި ވެސް އެފަދަ ލިޔުމެއް ހުރިތޯ، އޭނާގެ މުވައްޒަފުން ބަލައި އެފަދަ ލިޔުމެއް ނެތްކަން ކަށަވަރުކޮށްފައިވާ ކަމަށް، ޕެންސް ވިދާޅުވެފައި ވަނިކޮށެވެ. އޭނާގެ ވަކީލުން ވިދާޅުވި ގޮތުގައި އެމެރިކާގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ދުވަސްވަރުގެ ސިއްރު ލިޔުންތަކެއް ފެނުނީ، އިންޑިއާނާގައި ހުރި، ޕެންސްގެ ގެއިންނެވެ.

އެ ލިޔުންތައް ފެނުނީ ޕެންސްގެ ގާނޫނީ ވަކީލުންނަށް ކަމަށާއި އެ ހުރިހާ ލިޔުމެއް ވެސް މިހާރު ވާނީ އެމެރިކާގެ މަރުކަޒީ ތަހުގީގީ އިދާރާ އެފްބީއައިއާ ހަވާލު ކޮށްފައި ކަމަށް ޕެންސްގެ ވަކީލުން ވިދާޅުވި އެވެ. އަދި އެއީ މާ ގިނަ ލިޔުންތަކެއް ނޫން ކަމަށާއި، އެ ގެއިން ފެނުނީ "ސިއްރު" ޖަހާފައިވާ މަދު ލިޔުމެއް ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

ޕެންސްގެ އަމިއްލަ ގެއަކުން ސިއްރު ލިޔުންތަކެއް މި ފެނުނީ، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމިއްލަ ގެއަކުން ސިއްރު ލިޔުންތަކެއް ފެނުނު މައްސަލައިގެ ޖިނާއީ ތަހުގީގެއް، އެފްބީއައިގެ ފަރާތުން ކުރަމުން ދަނިކޮށެވެ. އެ ތަހުގީގު ނުނިމި އުޅެނިކޮށް، އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން، އެމެރިކާގެ ނައިބު ރައީސްކަމުގެ މަގާމުގައި (2009-2017) ހުންނެވި ދުވަސްވަރުގެ ލިޔުންތަކެއް، ބައިޑެންގެ އަމިއްލަ ދެ ތަނަކުން ފެނިގެން އެ މައްސަލަ ވެސް މިހާރު އޮތީ ތަހުގީގު މަރުހަލާގަ އެވެ.

އެމެރިކާގެ ކުރީގެ ނައިބު ރައީސް އަދި އިންޑިއާނާ ސްޓޭޓްގެ ކުރީގެ ގަވަރުނަރު މައިކް ޕެންސްގެ އަމިއްލަ ގެއަކުން މިދިޔަ ހަފުތާގައި ސިއްރު ލިޔުންތަކެއް ފެނުމާއެކު، އޭނާގެ ވަކީލު ގްރެގް ޖެކޮބް ވަނީ އެކަން، އެމެރިކާގެ ގައުމީ އަރުޝީފަށް ލިޔުމަކުން އަންގައިފަ އެވެ. އެ ލިޔުމުގައި ގާނޫނީ ވަކީލު ވިދާޅުވެފައިވަނީ، އެ ގޭގައި އެފަދަ ލިޔުންތަކެއް ހުރި ކަން ޕެންސްއަށް އެނގިވަޑަގެންފައި ނެތް ކަމަށެވެ.

ގައުމީ އަރުޝީފަށް އެ ސިޓީ ފޮނުވުމާ އެކު، އެފްބީއައިގެ ތަހުގީގު ޓީމެއް އެ ގެއަށް ގޮސް، އެ ލިޔުންތައް ވަނީ އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ގާނޫނީ ވަކީލު ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިއްރު ލިޔުންތަކާ މެދު އަމަލުކުރަންޖެހޭ ގޮތް ޕެންސް އަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، ސިއްރު ލިޔުންތައް ފެނުނު މައްސަލައިގެ ތަހުގީގަށް ޕެންސް ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ގާނޫނީ ވަކީލުގެ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި ސިއްރު ލިޔުންތަކެއް ޕެންސްގެ އަމިއްލަ ގެއަކަށް ގެނެވިފައި އެހުރީ، ރިއާސީ ދައުރު ނިމުނު ދުވަހު، ނައިބު ރައީސްގެ ރަސްމީ އޮފީހުގައި ހުރި ޕެންސްގެ އަމިއްލަ ތަކެތި އެ އޮފީހުން ނެރުމުގެ ތެރޭގައި، އެކި ލިޔުންތައް ބަންދުކުރި ފޮށިތަކުގެ ތެރެއިން ފޮށިގަނޑަކަށް، "ނޭނގުމެއްގެ ތެރޭގައި" ސިއްރު ލިޔުންތަކެއް ލެވިގެންނެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ އަމިއްލަ އޮފީހަކުންނާއި އަމިއްލަ ގެއަކުން ފެނުނު މައްސަލަ ތަހުގީގު ކުރުމަށް، އެމެރިކާގެ ބަންޑާރަ ނައިބު މެރިކް ގާލޭންޑް ވަނީ، މި މަހުގެ 12 ވަނަ ދުވަހު ޚާއްސަ ވަކީލު ރުބަޓް ހޫރް އައްޔަން ކުރައްވައިފަ އެވެ. އެ މައްސަލައިގެ ތަހުގީގުގައި ބައިޑެންގެ ފަރާތުން ބައިވެރިވަނީ ޚާއްސަ ވަކީލު ރިޗަޑް ސައުބާ އެވެ.

އެ ދެ ވަކީލުންގެ ހާޒިރުގައި، އެފްބީއައިގެ ތަހުގީގު ޓީމުން، މި މަހުގެ 20 ވަނަ ދުވަހު 13 ގަޑިއިރު ވަންދެން، ބައިޑެންގެ ގެ ބަލައި ފާސްކުރުމުން، އިތުރު ސިއްރު ލިޔުންތަކެއް ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން ބައެއް ލިޔުންތަކަކީ، އެމެރިކާގެ ސެނެޓްގައި ޑެލްވެއާ ތަމްސީލް ކުރައްވާ މެމްބަރެއްގެ ގޮތުގައި ބައިޑެން ހުންނެވި (1973-2009) ދުވަސްވަރުގެ ލިޔުންތަކެކެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބޫބަކުރުބެ

25 January 2023

ބައިޑަން އިސްތިއުފާ. ޕެންސު ޖަލަށްލާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454