ކޮލަމްބޯ (ޖޫން 10) - ސްރީ ލަންކާގެ މާލީ ވަޒީރު ރަވީ ކަރުނަޔަކަގެ އިތުބާރު ނެތް ކަމަށް ޕާލަމެންޓުގައި އިއްޔެ ނެގި ވޯޓުން އެ މަނިކުފާން ސަލާމަތްވެވަޑައިގެންފި އެވެ. ކަރުނަނަޔަކަ މަގާމުން ދުރުކުރުމާ ބެހޭ ގޮތުން ޕާލަމެންޓުގައި ބަހުސް ކުރުމަށް ފަހު ނެގި ވޯޓު ކާމިޔާބުކޮށްފައި ވަނީ 94 ވޯޓުންނެވެ. ޕާލަމެންޓުގެ 225 މެންބަރުންގެ ތެރޭން 51 މެންބަރުން ވޯޓު ދިނީ ވަޒީރުގެ އިތުބާރު ނެތް ކަމަށެވެ. ސަރުކާރާ އެއްކޮޅަށް ވަނީ 145 މެންބަރުން ވޯޓު ދީފަ އެވެ. ވަކިކޮޅަކަށް ވޯޓު ނުދޭ 28 މެންބަރުން ތިއްބެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ތަމަޅަ ޕާޓީ ކަމަށްވާ ޓަމިލް ނޭޝަނަލް އެލަޔަންސް ވެސް ހިމެނެ އެވެ. މާކްސިސްޓް ޕާޓީން ވޯޓު ދީފައި ވަނީ ކަރުނަނަޔަކަގެ އިތުބާރު ނެތް ކަމަށެވެ.
އިތުބާރު ނެތްކަމުގެ ވޯޓުގެ ބަހުސް ކުރިއަށް ދިޔަ އިރު ރައީސް މަިތުރިޕާލާ ސިރިސޭނާ ވެސް ޗެމްބަރަށް ވަޑައިގެން އިންނެވި އެވެ.
މާލީ ވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓު އިދިކޮޅު 37 މެންބަރުންގެ ސޮޔާ އެކު ޕާލަމެންޓަށް ހުށަހެޅީ މާޗް 24 ވަނަ ދުވަހު އެވެ. ލަންކާގެ އިދިކޮޅު އިއްތިހާދުން ބުނެފައި ވަނީ ގައުމުގެ މާލީ ހާލަތު މިހާ ބޮޑަށް ދަށަށް ގޮސް ގައުމު ދަރަނިވެރިވާ ހިސާބަށް ދިޔައީ ކަރުނަނަޔަކަގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށެވެ.