ކޮލަމްބޯ (ޖެނުއަރީ 7) - ސެންޓްރަލް ބޭންކުން ބޮންޑް ވިއްކުމުގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލާގައި ލަންކާގެ ކުރީގެ މާލީ ވަޒީރު ރަވީ ކަރުނަނަޔަކަ އަށް ދައުވާ ކުރަން ޖެހޭނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
ބޮންޑުގެ މައްސަލަ ތަހުގީގު ކުރަން މިދިޔަ އަހަރު ކުރީކޮޅު އެންގެވީ ސިރިސޭނާ އެވެ. އެގާރަ މަސް ދުވަހުގެ ތަހުގީގަށް ފަހު ތައްޔާރު ކުރި ރިޕޯޓްގައި ބުނެފައި ވަނީ ސެންޓްރަލް ބޭންކުގެ އޭރުގެ ގަވަރުނަރު އަރްޖުނާ މަހެންދްރަންގެ ދަނބިދަރިއެއް ކަމަށްވާ އަރްޖުން އަލޮއިސިއަސް އަށް ބޮންޑް ވިއްކައިގެން ނާޖާއިޒް ފައިދާ ލިބިފައިވާ ކަމަށެވެ. ތަހުގީގު ޓީމުގައި ހިމެނެނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާއި ކުރީގެ އޮޑިޓާ ޖެނެރަލް އެވެ. ބޮންޑު ވިއްކައިގެން ސަރުކާރަށް ލިބުނު ގެއްލުން ބެލުމަށް ސެންޓްރަލް ބޭންކުގެ ފޮރެންސިކް އޮޑިޓެއް ހެދުމަށް ވަނީ އަންގައިފަ އެވެ.
ސެންޓްރަލް ބޭންކުގެ ބޮންޑުގެ ކޮރަޕްޝަނުގެ ތެރޭން ރިޝްވަތުގެ ގޮތުގައި ކަރުނަނަޔަކަ އަށް ލަގްޒަރީ އެޕާޓްމަންޓެއް ލިބިފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. ކަރުނަނަޔަކަގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން މާލީ ވަޒީރުކަމުން އޭނާ ދުރުކުރުމަށް ފަހު ވަނީ ޚާރިޖީ ވަޒީރުގެ މަގާމަށް ބަދަލުކޮށްފަ އެވެ. އޭގެ ފަހުން މިދިޔަ އޮގަސްޓް މަހު އޭނާ ވަނީ ކެބިނެޓުން ވެސް ވަކިކޮށްފަ އެވެ.
ސެންޓްރަލް ބޭންކުގެ ބޮންޑުގެ މައްސަލާގައި ރައީސް ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ ދެމެދު ވަނީ ޚިޔާލުތަފާތުވެފަ އެވެ. ގަވަރްނަރުގެ މަގާމަށް މަހެންދްރަން ހަމަޖެއްސީ ރަނިލްގެ ލަފާގެ މަތިންނެވެ. މަހެންދްރަންގެ ޓާމް ޖޫން 2016 ގައި ހަމަވުމުން ސިރިސޭނާ ވަނީ އިތުރު މުއްދަތެއް އޭނާ އަށް ދޭން ދެކޮޅު ހައްދަވައިފަ އެވެ. އަދި ބަދަލުގައި ގަވަރްނަރުގެ މަގާމަށް ރަނިލްގެ ފަރާތުން ހުށަހެޅި ނަމަށް ވެސް ސިރިސޭނާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ.