ސައުދީ ރަސްގެފާނުގެ ދަތުރުފުޅުން 25 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަށް އުއްމީދު ކުރަން: އިންޑޮނީޝިއާ

ޖަކާޓާ (ފެބްރުއަރީ 28) - ސައުދީ ރަސްގެފާން އިންޑޮނީޝިއާ އަށް ކުރައްވާ ނުވަ ދުވަހުގެ ދަތުރުފުޅުން 25 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ކެބިނެޓް ސެކްރެޓަރީ ޕްރަމޮނޯ އަނުންގް ވިދާޅުވެއްޖެ އެވެ.


އޭނާ ވިދާޅުވީ ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯ އިން ހަ ބިލިއަން ޑޮލަރު އިންޑޮނީޝިއާގެ އިންވެސްޓް ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. ސަލްމާން މެލޭޝިއާ އަށް ކުރައްވާ ދަތުރުފުޅުގައި ވެސް އެ ގައުމުގެ ގައުމީ ތެޔޮ ކުންފުނި ޕެޓްރޮނަސް އިން ހިންގާ ތެލުގެ ބިޔަ މަޝްރޫއަކަށް އަރާމްކޯ އިން ހަތް ބިލިއަން ޑޮލަރު އިންވެސްޓް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރާނެ އެވެ.

އަންމަ މަހު 1-9 އަށް ސަލްމާން އިންޑޮނީޝިއާ އަށް ކުރައްވާ ދަތުރުފުޅުގެ ބޮޑު ބައި ހޭދަކުރައްވާނީ ބާލީގައި ޗުއްޓީގަ އެވެ. ސަލްމާނުގެ ދަތުރުފުޅަށް 459 ޓަނުގެ ސާމާނު އިންޑޮނީޝިއާ އަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި މަތިންދާ ބޯޓުން ފޭބުމަށް ކަރަންޓް ސިޑި އާއި މާސިޑީޒް-ބެންޒް ދެ ކާރު ހިމެނެ އެވެ. ސަލްމާނުގެ ވަފުދުގެ ބޭފުޅުން ތިއްބެވުމަށް މިހާރު ވަނީ ޖަކާޓާގެ ދެކުނުން ހަތަރު ހޮޓާ ބުކްކޮށްފަ އެވެ.

ކެބިނެޓް ސެކްރެޓަރީ އަނުންގް ވިދާޅުވީ ރަސްގެފާން ސަލްމާނާއި އިންޑޮނީޝީއާގެ ރައީސް ޖޮކޯ ވިޑޯޑޯ ބާއްވަވާ ބައްދަލުވުމުގައި ވިޔަފާރީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން އިންޑޮނީޝިއާގެ ވިޔަފާރި ކުންފުނިތަކުގެ ވެރިންނާ ބައްދަލު ކުރައްވާ އެ ގައުމުގެ އެންމެ ބޮޑު މުސްލިމް ޖަމާއަތުގެ ލީޑަރުންނާ ވެސް ސަލްމާން ބައްދަލު ކުރައްވާނެ އެވެ. އަންނަ ހުކުރު ދުވަހުގެ ހުކުރަށް ސަލްމާން ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ޖަކާޓާގެ އިސްތިގްލާލް މިސްކިތަށެވެ.

އިންޑޮނީޝިއާގެ ގިނަ ބަޔަކު މެއިޑުންގެ ގޮތުގައި ސައުދީގައި މަސައްކަތް ކުރެ އެވެ. ނަމަވެސް ސައުދީ މީހަކު މަރާލި ކަމުގެ ކުށް ސާބިތުވި އިންޑޮނީޝިއާގެ އަންހެނަކަށް މަރުގެ އަދަބު ދިނުމާ ގުޅިގެން ސައުދީ އަށް މަސައްކަތު މީހުން ފޮނުވުން އިންޑޮނީޝިއާ އިން ވަނީ 2011 ވަނަ އަހަރުން ފެށިގެން ހުއްޓާލައިފަ އެވެ. އަނެއްކޮޅުން 2015 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި މައްކާގައި މަރުވި އިންޑޮނީޝިއާ މީހުންގެ އާއިލާތަކަށް ބަދަލު ދޭނެ ކަމަށް ސައުދީން ވައުދުވެފައިވާ މައްސަލައާ ގުޅޭ ގޮތުން ވެސް ސަލްމާންގެ ވަފުދުގެ ބޭފުޅުންނާ އެކު މަޝްވަރާ ކުރާނެ އިންޑޮނީޝިއާގެ އޮފިޝަލުން ބުނެ އެވެ.