ބާލީ އަށް ރަސްގެފާން ހިތްޕުޅާވެ، ޗުއްޓީ އިތުރު ކުރައްވައިފި

ޖަކާޓާ (މާޗް 8) - އިންޑޮނީޝިއާގެ ބާލީ އަށް މާބޮޑަށް ހިތްޕުޅާވެ ސައުދީ ރަސްގެފާން ސަލްމާންގެ ޗުއްޓީ އިތުރު ކުރައްވަން ނިންމަވާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.


ޖަކާޓާގައި ހުންނަ ސައުދީ އަރަބިއާގެ ރޯޔަލް އެމްބަސީން އިންޑޮނީޝިއާގެ ފޮރިން މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ރަސްގެފާނުގެ ބާލީ ޗުއްޓީ ދަތުރުފުޅު މި މަހު 12 އާ ހަމައަށް އިތުރު ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ސަލްމާން ރަސްގެފާން އިންޑޮނީޝިއާ އަށް ވަޑައިގެންނެވީ މި މަހު 1 ވަނަ ދުވަހު އެވެ. ޖަކާޓާގައި ތިން ދުވަހު ހޭދަކުރެއްވުމަށް ފަހު ބާލީ އަށް ޗުއްޓީ އަށް ވަޑައިގެންނެވީ މި މަހު 4 ވަނަ ދުވަހު އެވެ. އަދި އިންޑޮނީޝިއާ އިން ފުރާވަޑައިގަތުމަށް ކުރިން ހަމަޖައްސާފައި އޮތީ 9 ވަނަ ދުވަހު އެވެ. ރަސްގެފާން ސަލްމާނާއި އެމަނިކުފާނާ އެކު ވަޑައިގެންނެވި 1،500 މެންބަރުންގެ ވަފުދުގެ ބޭފުޅުން ތިއްބަވަނީ ބާލީގެ އެންމެ އަގު ބޮޑު ހޮޓާތަކުގަ އެވެ.

ބާލީ ފުލުހުންގެ ތަރުޖަމާނަކު ވެސް ވިދާޅުވީ ސަލްމާން ރަސްގެފާނުގެ ޗުއްޓީ އިތުރު ކުރެއްވިކަން އަންގާފައިވާ ކަމަށެވެ.

"ރަސްގެފާނުގެ ޗުއްޓީ ވަނީ އިތުރު ކުރައްވާފައި. ބާލީ އަށް ރަސްގެފާން ވަރަށް ބޮޑަށް ހިތްޕުޅާވޭ،" ތަރުޖަމާން ވިދާޅުވި އެވެ.

ބާލީގައި ސަލްމާން ޗުއްޓީ ހޭދަކުރައްވަނީ މަޝްހޫރު ރީޖިސް ހޮޓަލުގަ އެވެ. އެ ހޮޓަލުގެ ކުރިމަތީގައި އޮންނަ ޖީޖާ ބީޗު ރަސްގެފާނަށް ވަރަށް ހިތްހަމަޖެހޭ ކަމަށްވެ އެވެ. ރަސްގެފާނަށް ޕްރައިވަސީ ދިނުމުގެ ގޮތުން އެ ބީޗު ވަށާ ވަނީ އޮނުން ފެންސެއް ޖަހައިފަ އެވެ. ބާލީގައި ޓޫރިސްޓުންނަށް ގަޔާވާ ތަންތަނަށް ރަސްގެފާން ވަޑައިނުގަންނަވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ރަސްގެފާން ޗުއްޓީ ހޭދަކުރައްވާ އިރު ފުލުހުންނާއި ސިފައިން ގެންދަނީ ވަރަށް ބޮޑަށް ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.