ފަސް އަހަރުގެ ދަރިވަރުގެ ފުރާނަ ސަލާމަތްކުރަން ޓީޗަރުގެ ކިޑްނީ ހަދިޔާކޮށްފި

ވޮޝިންޓަން (މާޗް 1) - ކިޑްނީ މައްސަލަ ޖެހި ކޮންމެ ދުވަހަކު ޑައިލިސިސް ހަދަން ޖެހިފައިވާ ފަސް އަހަރުގެ ދަރިވަރުގެ ފުރާނަ ސަލާމަތް ކުރަން އެއް ކިޑްނީ ހަދިޔާ ކުރެވުނީތީ އުފާ ކުރާ ކަމަށް އެމެރިކާގެ ޕްރީ ސްކޫލް ޓީޗަރަކު ބުނެފި އެވެ.


ކިޑްނީއެއް ހޯދުމުގެ މަސައްކަތް ދަރިވަރު ލީލާ ކުރަމުންދާކަން އެނގުމާ އެކު ކިޑްނީ ހަދިޔާ ކުރަން އެއްވެސް ފަސް ޖެހުމެއް ނެތް ކަމަށް ޓީޗަރު ބެތު ބަޓިސްޓާ ބުންޏެވެ. ދެ ކުދިންގެ މަންމަ ބެތު ބުނީ ދަރިވަރު ލީލާ ކިޑްނީއެއް ބޭނުންވެގެން އުޅޭކަން އެނގުނީ ލީލާގެ މަންމަ ފޭސްބުކުގައި ލިޔުނު ޕޯސްޓަކުން ކަމަށެވެ. ލީލާގެ ކިޑްނީގައި މައްސަލަ ޖެހި އޭނާ ޑައިލިސިސް ހަދަން ޖެހޭކަން އެނގުނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

ލީލާގެ ކިޑްނީއާ ގުޅޭތޯ ބެލުމަށް ބެތު ވަނީ ޖުލައި އަދި އޮގަސްޓް މަހު ދެ ޓެސްޓެއް ހަދައިފަ އެވެ. ލީލާ އަކީ އޭނާ ކިޔަވައިދޭ މެޑިސަންގެ ކިޑްސް އެކްސްޕްރެސް ލާނިން ސެންޓަރުގެ ކްލާހުގެ ދަރިވަރެއްކަން އެނގުނީ މި ޓެސްޓްތައް ވެސް ހެދި ފަހުންނެވެ.

ދަރިވަރަށް ކިޑްނީއެއް ބޭނުންވާކަން އެނގުމާ އެކު ކިޑްނީ ހަދިޔާ ކުރުމުގައި ޓީޗަރުގެ ފަސްޖެހުމެއް ނެތް.

ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަން މިދިޔަ ބުދަ ދުވަހު ކުރުމަށް ފަހު ލީލީ އާއި ބެތުގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

"މިއީ ސިޒޭރިއަން ހެދުންހާ ވޭން ހުރި އޮޕަރޭޝަނެއް،" ބެތު ބުންޏެވެ. "އެކަމަކު ކިޑްނީ ހަދިޔާކޮށް ލީލާގެ ކިޑްނީ މަސައްކަތް ކުރާކަން އެނގުމުން ވަރަށް އުފާވި."

ބެތު ބުނީ އޮޕަރޭޝަނަށް ފަހު 48 ގަޑިއިރު ފަހުން އޭނާ ހޮސްޕިޓަލުން ދޫކޮށްލި ކަމަށެވެ. އަދި ވަރުބަލިކަން އިހުސާސްވުން ފިޔަވައި އެހެން އުނދަގުލެއް ނުވާ ކަމަށް ޓީޗަރު ބުންޏެވެ.

"ފުރާނައެއް ސަލާމަތްކޮށްދިނުމުގައި އެހީތެރިވުމުން އަހަރެން މި ހުރީ ވަރަށް އުފަލުން،" ބެތު ބުންޏެވެ.

ޓީޗަރު މިކޮށްދިން ހެޔޮކަމަށްޓަކައި ސޯޝަލް މީޑިއާގައި އޭނާ އަށް ދަނީ ގިނަ ބަޔަކު ތައުރީފް ކުރަމުންނެވެ.