ބޮޑު ވަފުދަކާ އެކު ސަލްމާން ރަސްގެފާން އިންޑޮނީޝިއާ އަށް

ޖަކާޓާ (މާޗް 1) - ބޮޑު ވަފުދަކާ އެކު ސައުދީ ރަސްގެފާން ސަލްމާން އިންޑޮނީޝިއާ އަށް މިއަދު ވަޑައިގެންފި އެވެ.


ދުނިޔޭގެ އެންމެ މުސްލިމް އާބާދީ ބޮޑު ގައުމަށް ސައުދީ ރަސްކަލަކު މި ވަޑައިގެންނެވީ 47 އަހަރަށް ފަހު އެވެ. ރަސްގެފާނުގެ އިންޑޮނީޝިއާ ދަތުރުގައި 1،000 މީހުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ޕްރިންސުންނާއި ވަޒީރުން ވެސް ހިމެނެ އެވެ. ޖަކާޓާގެ އެއާޕޯޓުން ސަލްމާން ރަސްގެފާނަށް މަރުހަބާ ވިދާޅުވީ އިންޑޮނީޝިއާގެ ރައީސް ޖޮކޯ ވިޑޯޑޯ އެވެ.

ސައުދީ ރަސްގެފާން ސަލްމާނަށް ޖަކާޓާ އެއާޕޯޓުން ރައީސް ވިޑޯޑޯ މަރުހަބާ ދަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ސަލްމާން ރަސްގެފާނުގެ ދަތުރުފުޅަށް ޚާއްސަކޮށް އިންޑޮނީޝިއާ އަށް ވަނީ ގާތްގަނޑަކަށް 460 ޓަނުގެ މުދާ ގެންގޮސްފަ އެވެ. އޭގެ ތެރޭގައި މަތިންދާ ބޯޓުން ފައިބައިން ކަރަންޓް ސިޑި އާއި މާސިޑީޒް- ބެންޒް ކާރު ވެސް ހިމެނެ އެވެ. ގިނަ ތަކެތި ގެންގޮސްފައި ވަނީ ރަސްގެފާނުގެ ދަތުރުފުޅުގެ ބޮޑު ބައި ހޭދަކުރައްވާ ބާލީ އަށެވެ.

"މިއީ ސައުދީ ރަސްގެފާން އިންޑޮނީޝިއާ އަށް ކުރައްވާ ވަރަށް ތާރީޚީ ދަތުރުފުޅެއް،" އިންޑޮނީޝިއާގެ ކެބިނެޓް ސެކްރެޓަރީ ޕްރަމޮނޯ އަނުންގް ވިދާޅުވި އެވެ.

ސައުދީ ރަސްގެފާން ސަލްމާން ދަތުރު ކުރައްވާ މަތިންދާ ބޯޓު ޖަކާޓާ އެއާޕޯޓުގައި. --ފޮޓޯ:އޭއެފްޕީ

ރައީސް ވިޑޯޑޯއާ ރިޔާސީ ގަނޑުވަރުގައި މިއަދު ބައްދަލު ކުރެއްވުމަށް އިންޑޮނީޝިއާ ޕާލަމެންޓުގައި ރަސްގެފާނު މާދަމާ ތަގްރީރު ކުރައްވާނެ އެވެ. ސަލްމާންގެ މި ދަތުރުފުޅުގައި ވިޔަފާރި އާއި އިގްތިސާދީ ދާއިރާތަކާ ގުޅޭ ގޮތުން އިންޑީނީޝިއާގެ ވެރިންނާ އެކު މަޝްވަރާ ކުރައްވާނެ އެވެ.

ރަސްމީ މަސައްކަތްޕުޅުގައި ޖަކާޓާގައި ތިން ދުވަސް ހޭދަކުރެއްވުމަށް ފަހު ރަސްގެފާން ދެން ވަޑައިގަންނަވާނީ ބާލީގައި ޗުއްޓީ ހޭދަކުރެއްވުމަށެވެ. ރަސްގެފާނުގެ ވަފުދުގެ ބޭފުޅުން ތިއްބެވުމަށް ވަނީ ލަގްޒަރީ ފަސް ހޮޓާ ބުކްކޮށްފަ އެވެ.

ސަލްމާން ރަސްގެފާން ޖަކާޓާ އެއާޕޯޓުގައި. --ފޮޓޯ:އޭއެފްޕީ

ސަލްމާން އިންޑީނީޝިއާ އަށް މި ވަޑައިގެންނެވީ މެލޭޝިއާ އަށް ކުރެއްވި ތިން ދުވަހުގެ ދަތުުރުފުޅަށް ފަހު އެވެ. އެމަނިކުފާނުގެ އޭޝިއާ ދަތުރުފުޅުގައި ޗައިނާ، ޖަޕާން، ރާއްޖެ އަދި ޖޯޑަން އަށް ވެސް ވަޑައިގަންނަވާނެ އެވެ.