ޕޭޖަރު ގޮވުމުގެ ހާދިސާތަކުގައި ޒަހަމްވި މީހުން ހޮސްޕިޓަލަށް ގެންދަނީ: މިއީ ކިހިނެއް ހިނގި ހާދިސާއެއް ކަމަށް އަދި ޔަގީނެއް ނުވޭ. -- ފޮޓޯ: އޭއެފްޕީ
18 ސެޕްޓެމްބަރ 2024 - 00:10
އިޒްރޭލާ ދެކޮޅަށް ހަމަލާ ދެމުން ގެންދާ ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ މެންބަރުން މުއާސަލާތުކުރުމަށް ބޭނުންކުރާ ޕޭޖަރުތައް ގޮވުމުގެ ސަބަބުން ނުވަ މީހަކު މަރުވެ 2،800 މީހަކު ޒަހަމްވެއްޖެ އެވެ.
ވަޔަލެސް ކޮމިއުނިކޭޝަން ޑިވައިސްއެއް ކަމަށްވާ ޕޭޖަރުތައް ގޮވި ހާދިސާއަށް ފަހު ހިޒްބުﷲ އިން ބުނީ މިއީ އިޒްރޭލުގެ އަމަލަކަށް ނޫނީ ނުވާނެ ކަމަށެވެ.
މި ހާދިސާ ހިނގާފައި މި ވަނީ ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ އިޒްރޭލުން މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ދޭން ފެށި ހަމަލާތައް ފުޅާކުރަން ނިންމައި އެކަން އިއުލާނުކުރިތާ ގަޑިއިރުތަކެއް ފަހުންނެވެ. އެކަމަކު މި އާދަޔާ ހިލާފް ގޮވުންތަކާ ގުޅޭ ގޮތުން އިޒްރޭލުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ޕޭޖަރަކީ މޯބައިލް ފޯނު އުފެއްދުމުގެ ކުރިން މުއާސަލާތުގައި ވަރަށް އާންމު އެއްޗެކެވެ. މީހަކު ގުޅަން އުޅޭ ނަމަ މި ޑިވައިސްތަކަށް ޓެލެފޯން އޮޕަރޭޓަރު މެދުވެރިކޮށް ލިބޭ ޓެކްސް މެސެޖެއް އޭގެ ޑިސްޕްލޭއިން ފެންނާނެ އެވެ. މޯބައިލްފޯނު އިންޓަނެޓްގައި މަސައްކަތްކުރިޔަސް މި ޕޭޖަރަކީ ރޭޑިއޯ ފްރިކުއެންސީއަށް ހިނގާ އެއްޗެކެވެ. އަދި މި ފްރިކުއެންސީ ކޮންމެ ޑިވައިސްއަކަށް ތަފާތުވާނެ އެވެ.
ހިޒްބުﷲ އާއި މިފަދަ އެހެން ޖަމާއަތްތަކުގެ މެދުގައި ޕޭޖަރު މަގުބޫލީ މި މޮނިޓަކުރަން އުނދަގޫކަމުންނެވެ.
ލުބްނާންގެ އެކި ހިސާބުތަކުގައި ހިނގި ގޮވުމުގެ މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިޒްބުﷲގެ ގާނޫނު ހަދާ މަޖިލީހުގެ ދެ މެންބަރެއްގެ ދެ ދަރިން ވެސް ހިމެނޭ ކަމަށް އެ ޖަމާއަތާ ގާތް ބޭފުޅަކު އޭއެފްޕީއަށް ވިދާޅުވި އެވެ.
މި ގޮވުންތަކުގެ ސަބަބުން "އަންހެން ކުއްޖަކާ އެކު ނުވަ މީހުން މަރުވި" ކަމަށް ލުބުނާނުގެ ސިއްހަތާ ބެހޭ ވަޒީރު ފިރާސް އަބިއާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ހާދިސާގައި 2،800 މީހަކު ޒަހަމްވެފައި ވާއިރު އޭގެތެރެއިން 200 މީހެއްގެ ހާލު ސީރިއަސް އެވެ. ގޮވުންތަކުގެ ސަބަބުން، ގިނަ މީހުންގެ ފިހިފައިވަނީ މޫނާއި އަތާއި ބަނޑު ކަމަށް އޭނާ ވިދާޅުވި އެވެ.
މަރުތަކުގެ ތެރޭގައި، ހިޒްބުﷲގެ މެންބަރެއްގެ އުމުރުން 10 އަހަރުގެ އަންހެން ދަރިއަކު ވެސް ހިމެނެ އެވެ.
އޭގެ އިތުރުން ލުބްނާންގައި ހުންނަވާ އީރާންގެ ސަފީރު ވެސް ޕޭޖަރު ގޮވުމުގެ ސަބަބުން ޒަހަމްވި ކަމަށާއި އެކަމަކު ބޮޑު ގެއްލުމެއް ނުވާ ކަމަށް ވަނީ ބުނެފަ އެވެ.
އަލްޖަޒީރާއިން، ތަޖުރިބާކާރުންނާ ހަވާލާދީ ބުނެފައިވަނީ ޕޭޖަރުތައް ގޮވުމަކީ އިޒްރޭލުގެ އަމަލެއް ނަމަ އެއީ ވަރަށް ދުރާލައި ރާވައިގެން ކޮށްފައިވާ ކަމަކަށް ނޫނީ ނުވާނެ އެވެ. އެހެން ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ އެއް ގޮތަކީ އޭގެ ބެޓެރި އޭގެ ޒާތުގައި ގޮވުން ކަމަށާއި އެކަމަކު ފެންނަ ފެނުމަށް އެއީ ހަމައެކަނި ބެޓެރި ގޮވުން ނޫން ކަމަށެވެ.
އަނެއް ގޮތަކީ ހިޒްބުﷲ އަށް ފޮނުވި ޕޭޖަރު ޝިޕްމަންޓެއް އިޒްރޭލަށް އެނގި، ލުބްނާނާ ހިސާބަށް ދިއުމުގެ ކުރިން އެ މޮޑިފައިކޮށް، ގޮވާތަކެތި ހަރުކޮށްފައި ހުރުމެވެ. ނުވަތަ އިލެކްޓްރޯނިކް ޕަލްސް ފޮނުވައިގެން ޑިވައިސް ހޫނުކޮށް އަންދާލައިގެން ވެސް މިހެން ހެދިދާނެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެފައިވެ އެވެ.
ކޮންމެ ގޮތެއް ވިޔަސް މިއީ ހަމަ ހުރެފައި ދިމާވި ކަމެއް ނޫން ކަމަށާއި މިއީ އެނގުމުގެ ތެރެއިން ދުރާލައި ރާވައިގެން ހިންގި އަމަލެއް ކަމަށް ބައެއް ބޭފުޅުން ވިދާޅުވެފައިވެ އެވެ.
ޕޭޖަރުތައް ގޮވުމަކީ އެމެރިކާއިން އެނގިގެން ހިނގި ކަމެއް ނޫން ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު.
18 September 2024
މުސްލިމުންގެ ތެރޭގަ އުޅޭ މުނާފިގުން ގިނައީ. ލާރިއަށް ދީނާއި ގައުމު ވެސް ވިއްކާލަނީ. ތިއަ ޕޭޖަރުތައް ތިއީ އިރާނުގެ އެއްޗެއް. ކިހާބޮޑު ގެއްލުމެއް. މުސްލިމުން ހަލާކުވެ މިދަނީ ދުނިޔެއާހެދި.
މިހާލި
18 September 2024
ސުރުހީރަނގަޅުކޮއްބަލަ.ގެއްލުންވީ އާންމުރައްޔިތުންނަށް .
ޖަލީލީ
18 September 2024
ހިޒްބުﷲގެ މީހުންނަންވުރެ މިހަމަލާގަ ގިނައިން އަނިޔާވެފައިވަނީ އާންމުންނަށް. މީ އިސްލާމުންގެ ބަޔަކު ކުރިކަމެއްނަމަ ޓެރަރިސްޓުންނަށްގޮވާ މުޅި ދުނިޔެ ކޮށި އެރީސް. މިކަހަލަ ސައިބަރ އެޓޭކްތަކާހެދި އަތުގައި މި އޮންނަ މޯބައިލް ފޯންއާއިމެދުވެސް އެއްވެސް ރައްކާތެރިކަމެއް ނެތް. ޔަހޫދީންނަކީ މިފަދަ ލާއިންސާނީ ޖަރީމާތަށް ހިންގުމުގައި އަރާތިބިބައެއް.
އަލި
18 September 2024
މިމީހުންގެ ތެރޭގަ އުޅޭ ގައްދާރުންގެ ސަބަބުން މިކަހަލަ ކަންކަން ކުރުމަށް އިޒްރޭލަށް ފަސޭހައީ.
ޒަންޖަބީލު
18 September 2024
މި އިޒްރޭލަކީ މޮޔައިން އުޅޭ ގައުމެއް.
އަހުމަދު އަތީގު
18 September 2024
އެޔޯ. އެމީހުން ގަދައެއް ނޫންތަ
ޢިލްމު ހޯދާ އަމިއްލަވަންތަވޭ
18 September 2024
ޢިލްމު އުގެނުމުގެ މުހިއްމު ކަމާ ، ބޭނުން ކުރާ ގޮތުގެ ފިލާވަޅުތަކެވެ. ޙޭއަރާ ލޯ ހުޅުވުމަށް މިފަދަ ކަންތަކަކީ އިބްރަތެއް ކަމުގައި ނުބަލައިފި ނަމަ ތަކުރާރު ކޮށް މިއަށްވުރެ މާ ބޮޑެތި ކަންތައް ކުރިމަތިވާނެ އެވެ.
ރަބިޝް
18 September 2024
ސަހީމުވެސް އަވަދިނެތި އެދަނީ އިލްމުވެރިން އުފަންދަމުން އެޒާތު އިލްމުވެރިން ބޯކޮށް ތިކިޔާ ގައުމުތަކުކަ އޮވޭ
ކޮންކަހަލައިލްމެއް
18 September 2024
އިލްމު އުނގެނި އެ ބޭނުންކޮށްގެން އެމެރިކާއާ އިޒްރޭލުން ދުނިޔެ ހަލާކުކުރާ ގޮތްވެސް ބަލަންވީނު. މޮޅު ޓެކްނޮލޮޖީތައް އުފައްދަނީ ދުނިޔެއަށް ފާގަތިކަން ގެންނަންތޯ ނޫނީ ދުނިޔެ ހަލާކުކުރަންތޯ ނޫނީ މީހުން މަރަންތޯވެސް ބަލަންވީނު.
ޑައިތާ
18 September 2024
ބޮޑު ހިޔަޅަށް ނޭގި ކަމެއްވާނެތާ.