އެއާ އިންޑިއާގެ ބޯޓު ވެއްޓުނު ތަނުން މީހެއްގެ ހަށިގަނޑު ނަގައިގެން ގެންދަނީ: ބޯޓުން ދަތުރުކުރި މީހުންނާއި ބޯޓު ވެއްޓުނު އިމާރާތާއި އެތަނުގެ ކައިރީގައި ތިިބި މީހުންނާ އެކު މިހާތަނަށް ވަނީ 279 މީހަކު މަރުވިކަން ކަށަވަރުވެފައި. -- ފޮޓޯ: އޭއެފްޕީ
14 ޖޫން 2025 - 20:29
މިދިޔަ ބުރާސްފަތި ދުވަހު އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 279 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެފަ އެވެ.
އިންޑިއާގެ އަހްމަދުއާބާދުން އިނގިރޭސި ވިލާތުގެ ލަންޑަނަށް ދާން 242 މީހުންނާ އެކު ދަތުރު ފެށުމާ އެކު ޑޮކްޓަރުންގެ ހޮސްޓެލްއެއްގެ މައްޗަށް ބޯޓު ވެއްޓުނު ހާދިސާގައި އެކަކު ފިޔަވައި އެ ބޯޓުގެ އެންމެން ވަނީ މަރުވެފަ އެވެ. އަދި އެ ހޮސްޓެލް އިން ވެސް ވަނީ މީހުން މަރުވެފަ އެވެ.
ފުލުހުން ބުނީ ބޯއިން 787-8 ޑްރީމްލައިނާ ވެއްޓުނު ތަނުން މިހާތަނަށް 279 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި ސިފަ ނޭނގޭ ވަރަށް ހަށިތައް އަނދާފައި ވާތީ މީހުން ދެނެގަތުމަށް އާއިލާތަކުގެ މީހުންނާ އެ ހަށިތަކުގެ ޑީއެންއޭ ދިމާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މިއީ 21 ވަނަ ގަރުނުގައި ވެސް ހިނގި މަތިންދާބޯޓު ވެއްޓުމުގެ އެންމެ ހިތާމަވެރި އެއް ހާދިސާއަށް ވެފައި ވާއިރު ބޯޓު ވެއްޓުނު އިމާރާތާއި އެތަނުގެ ކައިރިން ވެސް މަދުވެގެން 38 މީހަކު ވަނީ މަރުވެފަ އެވެ.
އެއާ އިންޑިއާ އިން ބުނެފައިވާ ގޮތުގައި އެ ފްލައިޓުގައި އިންޑިއާގެ 169 ފަސިންޖަރުންނާއި އިނގިރޭސި ވިލާތުގެ 53 ފަސިންޖަރުންނާއި ޕޯޗުގަލްގެ ހަތް ފަސިންޖަރުންނާއި ކެނެޑާގެ އެކަކުގެ އިތުރުން 12 ފަޅުވެރިން ތިއްބެވެ.
ހާދިސާގައި މަރުވި މީހުންގެ އަދަދު ރަސްމީކޮށް އިއުލާނުކުރާނީ އެންމެންގެ ޑީއެންއޭ ހަދައި ނިމުމުންނެވެ. މިއީ ގިނަ ވަގުތުތަކެއް ނަގާނެ ކަމެކެވެ.
ބޯޓު ވެއްޓުނު ހާދިސާގައި ސަލާމަތްވި ހަމައެކަނި މީހާ ކަމަށްވާ، އުމުރުން 40 އަހަރުގެ ވިޝްވާޝް ކުމާރް ރަމޭޝް ބުނީ އޭނާ ސަލާމަތްވި ގޮތް އޭނާއަށް ވެސް ނޭނގޭ ކަމަށެވެ.
"ފުރަތަމަ އަހަރެން ވެސް ހީކުރީ މަރުވާނޭ. އެކަމަކު ލޯ ހުޅުވާލި އިރު އެނގިއްޖެ އަދި މަރުނުވާކަން،" އިނގިރޭސި ރައްޔިތެއް ކަމަށްވާ ރަމޭޝް އިންޑިއާގެ ގައުމީ ޓީވީ ޑީޑީ ނިއުސް އަށް ހޮސްޕިޓަލްގައި އޮވެ ދިން އިންޓަވިއުއެއްގައި ބުންޏެވެ.
އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ ކިންޖަރާޕޫ ހުކުރު ދުވަހު ވިދާޅުވީ "ކަޅު ފޮށި" ގެ ގޮތުގައި މަޝްހޫރު ފްލައިޓް ޑޭޓާ ރެކޯޑަރު ފެނިފައިވާ ކަމަށާއި އޭގެ ސަބަބުން ތަހުގީގަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށެވެ.
މަތިންދާބޯޓަށް މައްޗަށް ނޭރި، ރަންވޭއިން ނައްޓާލުމާ އެކު ވެއްޓުނު ސަބަބުތައް ދެނެގަތުމުގެ ގޮތުން ފޮރެންސިކް ޓީމުތަކުން ދަނީ ދެވަނަ ކަޅު ފޮށި ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy