16 ޖޫން 2025 - 23:27
އިޒްރޭލާއި އިރާނުން ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށް، އެ ސަރަހައްދު ހަމަނުޖެހުންތަކުގެ ތެރެއަށް ވެއްޓިފައި ވަނިކޮށް އެމެރިކާގެ އަސްކަރީ މަނަވަރެއް މެދުއިރުމައްޗަށް މިއަދު ދަތުރު ފަށައިފި އެވެ.
އެމެރިކާގެ ވައިގެ އަސްކަރީ އުޅަނދުތައް އުފުލާ މި މަނަވަރު މެދުއިރުމައްޗަށް ދަތުރު ފެށީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުންނެވެ.
ކަނޑު އުޅަނދުތަކުގެ ޓްރެކިން މޮނިޓާކުރާ "މެރިން ޓްރެފިކް" އާ ހަވާލާދީ އޭއެފްޕީން ބުނީ ޖީއެމްޓީން ގަޑިން މިއަދު މެންދުރު 1:45 ގައި (ރާއްޖޭގެ ގަޑިން އިރުއޮއްސި 6:45) މެލޭޝިއާ އާއި އިންޑޮނޭޝިއާ އަދި ސިންގަޕޫރު ހިއްސާ ކުރާ މަލަކާ ކަނޑުއޮޅިން އެމެރިކާގެ އަސްކަރީ އެއާކްރާފްޓް ކެރިއާ ޔޫއެސްއެސް ނިމިޓްޒް އިންޑިއާ ކަނޑަށް ނުކުންނަން ދަތުރު ފެށި ކަމަށެވެ.
އޭއެފްޕީން ބުނިގޮތުގައި، އެ މަނަވަރުގެ މިސްރާބު ހުރީ މެދުއިރުމައްޗަށެވެ.
އެމެރިކާގެ އަސްކަރީ އެއާކްރާފްޓް ކެރިއާ ޔޫއެސްއެސް ނިމިޓްޒް މަރާމާތު ކުރަން ވިއެޓްނާމަށް ދަތުރު ކުރަން ކުރިން އޮތީ ހަމަޖައްސައިފަ އެވެ. ވިއެޓްނާމްގެ ވިޔަފާރީގެ މައި ސިޓީ ޑަނަންގްގައި ހުންނަ މެރިން ޑޮކަށް މަނަވަރު އެހެލަން ހަމަޖެހިފައިވާ ކަމަށް ވިއެޓްނާމްގެ ސަރުކާރުން ކުރިން ބުނެފައިވާކަން އޭއެފްޕީން ރިޕޯޓު ކުރި އެވެ.
އޭރު ހަމަޖައްސާފައި އޮތީ މިމަހު 19 އިން 22 އަށް އެ މަނަވަރުގެ މަރާމަތުގެ މަސައްކަތް ކުރުމަށެވެ. އެކަމަކު އެމެރިކާގެ ޑިފެންސް ޑިޕާޓްމެންޓުން ފަހުން އެ އޯޑަރު ކެންސަލް ކުރި ކަމަށް ވިއެޓްނާމްގެ ސަރުކާރާ ހަވާލާދީ އޭއެފްޕީން ބުންޏެވެ.
އަސްކަރީ މި ކެރިއާ މެދުއިރުމައްޗަށް ދަތުރު ފަށާފައި މި ވަނީ، އިޒްރޭލާއި އިރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއަށް އެމެރިކާގެ ވަދެފާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުންކުރު
17 June 2025
މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހަމަތައް މުގުރާލަން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުން ނޫން ދެން ކޮންކަމެއް؟ މިހާރު ބައިނަލްއަޤްވާމީ މުއައްސަސާތަކުގެ އެއްވެސް ބޭނުމެއް ނެތް. އެބަޔަކު ހިތު ހުރި ގޮތަކަށް ކަންކަން ކުރަންވީ!!
އައިމިނާ
17 June 2025
މިހާރު ނުވަދެތަ ތިއުޅެނީ.
އައިމިނާ
17 June 2025
އެއްކަލަ ޓްރަންޕޭ ނިދިފިޔައެއް ނުޖެހިގެން މިއުޅެނީ. މީނަޔަށް ހަލާކުހުރި. މުސްލިމުންގެ ލޭ ކޮޅެއްގަ އަތްނުލާ މީނަޔަށް ހަމަނިދި ނުލިބޭނެ.
raajje
17 June 2025
ތީގޮތްދެެއްކެނީ އެމެރިކާއަކީ އަބަދުވެސްވަރަށްގޮތްދެއްކެންއުޅޭބައެއް، މަނަވަރުގަނޑުތިގެންދަނީ ލަދެއްގަބެދެން، އެނގިދާނެތާވާއެއްޗެއް، ހަތިޔާރެއްނެތި ތިބި ގާޒާގެއާންމުރައްޔިތުންގެ ބޮލަށްބޮންއެޅުނީމާ މިބައިމީހުންހީކުރީ ތިމަންނަމެންވަރުގެ ބަޔަކުނެތޭދޯ! އިޒުރޭލާ އެމެރިކާގެވާހަކަމިބުނީ
އޯކިޑް1
16 June 2025
ޔާ ﷲ. އިޒްރޭލަށް ވާގިވެރިވާ ޒާލިމުން ހަލާކުކުރައްވާދޭން. އާމީން