އެއާ އިންޑިއާގެ ބޯޓު ވެއްޓުނު ތަނުން ދުން އަރަމުން ދާއިރު މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތްކުރަނީ: ހާދިސާގެ ތަހުގީގުގައި މިއީ ބަޔަކު ގަސްތުގައި ކުރި ކަމެއްތޯ ވެސް ބަލާނެ. -- ފޮޓޯ: އޭއެފްޕީ
29 ޖޫން 2025 - 20:18
އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ހުރިހާ ދިމާލަކުން ވެސް ބަލަމުން އަންނަ ކަމަށާއި އެއީ ބަޔަކު ގަސްތުގައި "ސަބޮޓޭޖް" ކޮށްގެން ހިންގި އަމަލެއްތޯ ވެސް ބަލާނެ ކަމަށް އިންޑިއާގެ އޭވިއޭޝަން މިނިސްޓްރީން ބުނެފި އެވެ.
މި މަހުގެ 12 ވަނަ ދުވަހު ބޯއިން 787-8 ޑްރީމްލައިނާގެ ބޯޓު ވެއްޓި އޭގައި ތިބި 242 މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން މަރުވީ އަހްމަދުއާބާދުން ބޯޓު ފުރިތާ ސިކުންތުކޮޅެއްގެ ތެރޭގަ އެވެ. އަދި އެ ބޯޓު ވެއްޓުނު ދިމާލުގައި ތިބި އެތައް ބަޔަކު ވެސް މަރުވި އެވެ. މިހާތަނަށް އޭގެ ތެރެއިން 19 މީހަކު ދެނެގަނެވިފައި ވާއިރު ޖުމްލަ އަދަދު 38 އަށް އަރާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުރްލީދަރް މޮހޯލް އިންޑިއާގެ ނިއުސް ޗެނަލް އެންޑީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި، ތަހުގީގަށް ހުރިހާ އޭންގަލްއަކުން ވެސް ބަލަމުން އަންނަ ކަމަށް ވިދާޅުވީ މިއީ "ސަބޮޓޭޖް" އަކަށް ވެދާނެތޯ ވަކިން ސުވާލުކުރުމުންނެވެ.
"ދެ އިންޖީނު އެއްކޮށް ފެއިލްވުމަކީ މީގެ ކުރިން ދުވަހަކު ވެސް ހިނގާފައި އޮތް ކަމެއް ނޫން،" ބޯޓު ވެއްޓުނީ ދެ އިންޖީނު އެއްފަހަރާ ފެއިލްވެގެން ކަމަށް ވެދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ގެންގުޅޭ ތިއަރީއަށް އިޝާރާތް ކުރައްވައި މޮހޯލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބޯޓު ވެއްޓުނު ސަބަބެއް ކަމަށް ބުނެ ވަކި ކަމެއްގެ ވާހަކަ އަދި ދެއްކެން ނެތް ކަމަށާއި އެ ވާހަކަ ދެއްކޭނީ ތަހުގީގު ފުރިހަމަވުމުން ކަމަށެވެ.
ބޯޓު ވެއްޓުނު މައްސަލަ ތަހުގީގުކުރާ ޓީމުން ގެންދަނީ ހާދިސާ ހިނގަން ދިމާވި ގޮތް ދެނެގަތުމަށް، ބޯޓުގައި ކަން ހިނގި ގޮތް ދެނެގަތުމުގެ ގޮތުން މަތިންދާބޯޓުގެ ކޮކްޕިޓް ވޮއިސް އާއި ފްލައިޓް ޑޭޓާ ރެކޯޑަރުތަކުން ޑޭޓާ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.
އެއާ އިންޑިއާ އިން ބުނެފައިވަނީ ވެއްޓުނު މަތިންދާބޯޓަކީ "ރަނގަޅަށް ބަލަހައްޓަމުން އައި" ބޯޓެއް ކަމަށާއި އޭގެ ޕައިލެޓުންނަކީ ވެސް ތަޖުރިބާކާރު އެވިއޭޓަރުން ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy