މިފަދަ ބަލިތައް އެމެރިކާގައި ގިނަވަނީ ވެކްސިނާ މެދު ޝައްކު އުފައްދައި ވެކްސިން ނުޖަހާ މީހުން ގިނަވަމުންދާތީ ކަމަށް ތަޖުރިބާކާރުން ބުނޭ
ކުއްޖަކަށް ހިމަބިހީގެ ވެކްސިން ދޭން ތައްޔާރުވަނީ: މިއީ ފަހުގެ ތާރީހެއްގައި އެމެރިކާގައި ހިމަބިހި އެންމެ ގިނަވި އަހަރު. -- ފޮޓޯ: އޭއެފްޕީ
09 ޖުލައި 2025 - 06:05
އެމެރިކާގެ ހެލްތު ސެކްރެޓަރީ ވެކްސިނާ މެދު ސުވާލު އުފައްދަވަމުން ގެންދަވާއިރު މިއީ މިދިޔަ 30 އަހަރު ތެރޭގައި ވެސް އެމެރިކާގައި ހިމަބިހީގެ ކޭސްތައް އެންމެ ގިނަވި އަހަރު ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވަސިޓީން ބުނެފި އެވެ.
ފުޅާ ދާއިރާއެއްގައި ވެކްސިން ދޭން ފެށުމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާއިން ނައްތާލެވިފައިވާ ކަމަށް ބެލެވިފައި އޮތް، ވަރަށް ފަސޭހައިން ފެތުރޭ އަދި ނުރައްކާތެރި މި ބަލި އަލުން އެނބުރި އައީ އެމެރިކާގައި ވެކްސިނާ ދެކޮޅު ފިކުރު ފެތުރިގެން ދިޔަ ފަހުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ޖޯންސް ހޮޕްކިންސް އިން ބުނި ގޮތުގައި މި އަހަރު ފެށުނު ފަހުން އެމެރިކާގެ 50 ސްޓޭޓްގެ ތެރެއިން 40 ސްޓޭޓަކުން ހިމަބިހީގެ 1،277 ކޭސް ފެނިފައިވެ އެވެ. އަދި ޓެކްސަސް ވެފައި ވަނީ ކޭސްތަކުގެ 60 ޕަސެންޓް ހިއްސާވާ ސްޓޭޓަށެވެ.
މިއީ 1992 ވަނަ އަހަރުގެ ފަހުން އެމެރިކާގައި މިހާތަނަށް އެންމެ ގިނަ ކޭސް ރެކޯޑް ކުރެވުނު އަހަރެވެ.
މި ބަލީގައި މިހާތަނަށް ތިން މީހަކު މަރުވެފައިވާއިރު، އެ އެންމެންނަކީ ވެސް ވެކްސިން ނުޖަހާ ތިބި މީހުންނެވެ. އަދި އޭގެ ތެރޭގައި ކުޑަ ދެ ކުއްޖަކު ވެސް ހިމެނެ އެވެ. ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި ހަގީގީ އަދަދު މިއަށްވުރެ އިތުރުވާނެ އެވެ. އެއީ މިފަދަ ކޭސްތައް ރިޕޯޓްނުކުރާ މައްސަލަ ވެސް ބޮޑުކަމުންނެވެ.
އެމެރިކާގައި ހިމަބިހި ޖެހިގެން އެންމެ ފަހުން ތުއްތު ކުއްޖަކު މަރުވެފައިވަނީ ހިމަބިހި ނައްތާލެވިފައިވާ ކަމަށް ރަސްމީކޮށް އިއުލާނުކުރިތާ ތިން އަހަރު ފަހުން 2003 ވަނަ އަހަރު އެވެ.
އެމެރިކާގައި އެންމެ ފަހުން ހިމަބިހި އާދަޔާ ހިލާފަށް ގިނަވީ 2019 ވަނަ އަހަރު، ނިއު ޔޯކާއި ނިއު ޖާޒީގެ އޯތޮޑޮކްސް ޔަހޫދީ މުޖުތަމައުތަކުގެ ތެރޭގަ އެވެ. އެފަހަރު 1،274 މީހުން ޕޮޒިޓިވްވި ނަމަވެސް އެއްވެސް މީހަކު މަރެއް ނުވެ އެވެ.
ހިމަބިއްސަކީ ބަލި ޖެހިފައިވާ މީހަކު ކެއްސައި، ކިނބިހި އެޅުމުން، ނުވަތަ ނޭވާއާ އެކު ބުރައިގެންދާ ކުޅުތިކިތަކުގެ ޒަރިއްޔާއިން ފެތުރޭ ނޭވާލާ ނިޒާމުގެ ވައިރަހެކެވެ.
ވެކްސިން ނުޖަހާ މީހުން އެމެރިކާގައި ގިނަވެ ނުރައްކާ ބޮޑުވެފައި ވާއިރު އެމެރިކާގެ ހެލްތު ސެކްރެޓަރީ ރޮބަޓް އެފް ކެނެޑީ ޖޫނިއާ ހިމަބިހި، މަމްޕްސް އަދި ރުބެއްލާ (އެމްއެމްއާރު) ވެކްސިނާ މެދު ބިރުވެރިކަން އުފައްދައި، ސިއްހީ ހާލަތު އިތުރަށް ގޯސްކުރަމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ޖެނުއަރީ މަހުގެ ފަހުކޮޅު ޓެކްސަސްގެ ރަށްފުށުގެ ސަރަހައްދެއްގައި ހިމަބިހީގެ ކޭސްތައް ފުރަތަމަ އާންމުވެގެން ދިޔައިރު އެއީ ވެކްސިންއާ މެދު ޝައްކު އުފައްދާ މެނޮނައިޓް ކްރިސްޓިއަން ކޮމިއުނިޓީއެކެވެ.
އެމެރިކާގެ އަވަށްޓެރި ކެނެޑާ އާއި މެކްސިކޯގައި ވެސް މި އަހަރު ހިމަބިހި އާދަޔާ ހިލާފަށް ގިނަވި އެވެ. ކެނެޑާގައި މިހާތަނަށް 3،500 އަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވެ އެވެ. އަދި އެކަކު ވަނީ ބަލީގައި މަރުވެފަ އެވެ. މެކްސިކޯގައި 2،600 މީހަކަށް ބަލި ޖެހި ނުވަ މީހަކު މަރުވެފައިވެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޫލާ
10 July 2025
އަދިވެސް ގައުމުތަށް ސުންނާފަތި ކުރެވޭތޯބަލާ އެމެރިކާ!