ވެކްސިން ޖެހުމަށް ފަސްޖެހޭ މިންވަރު އިތުރުވަމުން ދާއިރު ހިމަބިހި ޖެހޭ މީހުންގެ އަދަދު އިތުރުވެ، އެމެރިކާގައި މިހާރު ވަނީ ފާއިތުވި 35 އަހަރު ތެރޭ ގޯސް ނުވާ ވަރަށް ނުރައްކާވެފައި ކަމަށް  ހުކުރު ދުވަހު އާންމުކުރި ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.

ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނި ގޮތުގައި، ފަސޭހަކަމާ އެކު ފެތުރޭ މި ބަލި މި އަހަރު ފެށުނު ފަހުން 2,318 މީހަކަށް ޖެހުނުކަން ވަނީ ކަށަވަރުވެފަ އެވެ.

މިއީ 2,289 ކޭސްއާ އެކު ރެކޯޑު މިންވަރަކަށް ބަލި ފެތުރި،  ދެ ކުދިންނާއި މީހަކު މަރުވި 2025 ވަނަ އަހަރުގެ މުޅި ޖުމްލައަށްވުރެ ވެސް އިތުރު އަދަދެކެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ރައްކާތެރި ވެވިގެން ތިބެވިދާނެ ކަމެއްގެ ނުރައްކާ ކުޑަކުދިންނަށް ވަރަށް ބޮޑުވެގެންދާތަން،" އެމެރިކަން އެކަޑެމީ އޮފް ޕީޑިއޭޓްރިކްސްގެ ރައީސް އެންޑްރޫ ރެސިން ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން އާންމު ކަމެއްގެ ގޮތުގައި ބަލައިގެންވާނެ ކަމެއް ނޫން."

ހިމަބިހި ޖެހުމުން ހުން އައިސް، ނޭވާލާ ނިޒާމުގެ މައްސަލަތައް ދިމާވެ ހަންގަނޑުގައި ބިހިތަކެއް ނަގަ އެވެ.

ބައެއް ހާލަތްތަކުގައި، މިއީ ނިއުމޯނިއާ އަދި ސިކުނޑި ދުޅަވުން ފަދަ ނުރައްކާތެރި އުނދަގޫތަކާ ކުރިމަތިލާންޖެހި، ދިގު މުއްދަތަކަށް ސިއްހީ ނުކުޅެދުންތެރިކަން މެދުވެރިވުން ނުވަތަ މަރުވުމަށް ވެސް މަގުފަހިކުރުވާ ބައްޔެކެވެ.

ވެކްސިންގެ ކާމިޔާބީއާ އެކު، 2000 ވަނަ އަހަރު އެމެރިކާއިން ވަނީ ހިމަބިހި ނައްތާލެވިފައިވާ ކަމަށް އިއުލާންކޮށްފަ އެވެ.

އަޅުގަނޑުމެންނަށް މި ފެންނަނީ ރައްކާތެރި ވެވިގެން ތިބެވިދާނެ ކަމެއްގެ ނުރައްކާ ކުޑަކުދިންނަށް ވަރަށް ބޮޑުވެގެންދާތަން.
އެންޑްރޫ ރެސިން

ނަމަވެސް ވެކްސިން ޖަހާ މިންވަރު ފަހަކަށް އައިސް ދަށްވުމާއި، ސިއްހީ އިދާރާތަކަށް އޮތް އިތުބާރު ކުޑަވެ ބަލިން ރައްކާތެރިވާން ފިޔަވަޅު ނޭޅުމުގެ ސަބަބުން މި ބަލި ވަނީ އަލުން ބާރަށް ފެތުރެން ފަށައިފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހެލްތު ސެކްރެޓަރީ ރޮބަޓް އެފް ކެނެޑީ ޖޫނިއާ އަކީ ވެކްސިނާ ދެކޮޅުު ފިކުރު ފަތުރައި، ވެކްސިންތަކާ މެދު ބިރުވެރިކަން އުފައްދައިގެން މި ނުރައްކާތެރި ހާލަތަށް އާންމުން ވައްޓާލުމުގައި ހިއްސާވާ ކަމުގެ ތުހުމަތު ވަރަށް ބޮޑަށް އޮތް ބޭފުޅެކެވެ.

އެމެރިކާގައި އެންމެ ފަހުން މިހާ ގިނަ އަދަދަކަށް ހިމަބިހީގެ ކޭސްތައް ފެނިފައިވަނީ 1991 ވަނަ އަހަރު އެވެ. އެ އަހަރު 9,643 ކޭސް ރެކޯޑުކުރެވުނެވެ.

އެކަމަކު އޭރު، ވެކްސިންގެ ދެ ޑޯޒް ދިނުން އާންމު އުސޫލަކަށް ހެދުމުން، ބަލިޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވާން ފެށި އެވެ. 

ހިމަބިހީގެ ވެކްސިން 1960 ގެ އަހަރުތަކުގެ ކުރީކޮޅު އުފެއްދުމުގެ ކުރިން، އެމެރިކާގައި އަހަރަކު އެތައް ސަތޭކަ ކުދިންނެއް މި ބަލީގައި މަރުވަމުން ދިޔަ އެވެ.

އަދިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބަލީގައި ކޮންމެ އަހަރަކު ވެސް އެތައް ހާސް ފުރާނައެއް ގެއްލެ އެވެ.

ވެކްސިނާމެދު ޝައްކުު އުފެދުމާއި ކޭސްތައް އިތުރުވުން

އެމެރިކާގައި މިހާރު ފެތުރެމުންދާ ހިމަބިހި އަދި ކޮންޓްރޯލެއް ނުވެ އެވެ.

ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ބަލިޖެހޭ މީހުންގެ އަދަދު އަދިވެސް އިތުރުވަމުންދާނެ އެވެ.

"އަޅުގަނޑު ޔަގީންކަމާ އެކު ބުނާނީ، ބަލިޖެހިފައިވާ ނަމަވެސް ޑައިގްނޯސް ނުކުރެވި (ބަލި ހުރިކަން ނޭނގި) ގިނަ އަދަދެއްގެ މީހުން އެބައުޅޭ،" މި އަހަރު އެންމެ ގިނަ ކޭސް ރެކޯޑް ކުރެވުނު ސްޓޭޓްގައި ހުންނަ ޔުނިވަސިޓީ އޮފް ސައުތު ކެރޮލައިނާގެ އެޕިޑެމިއޮލޮޖީ ޕްރޮފެސަރު މެލީސާ ނޯލަން ވިދާޅުވި އެވެ.

"ދަރިންނަށް ވެކްސިން ނުޖެހުމަށް ނިންމާ މީހުންނާ މެދު ވިސްނާލާއިރު، މިއީ އާންމުކޮށް ސިއްހީ ފަރުވާއަށް ފަސްޖެހޭ މީހުން،" އޭއެފްޕީއަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގައި ހިމަބިހި ވެކްސިނަކީ މަޖުބޫރު ވެކްސިނެއް ކަމުގައި ވިޔަސް، އެމެރިކާގެ ގިނަ ހިސާބުތަކެއްގައި ދީނީ ނުވަތަ އެކި ގަބޫލުކުރުންތައް ސަބަބެއްގެ ގޮތުގައި ދައްކައިގެން މި އުސޫލުން އިސްތިސްނާ ހޯދެ އެވެ.

ހިމަބިހި ޖެހިފައިވާ މީހެއް: ވެކްސިން ނުޖަހާ މީހުން ގިނަވަމުންދާ ވަރަކަށް އެމެރިކާގައި ދަނީ މި ބަލި ގިނަވަމުން.
ހިމަބިހި ޖެހިފައިވާ މީހެއް: ވެކްސިން ނުޖަހާ މީހުން ގިނަވަމުންދާ ވަރަކަށް އެމެރިކާގައި ދަނީ މި ބަލި ގިނަވަމުން.

ކޮވިޑް-19 އާންމުވި ދުވަސްވަރަށް ފަހު، ސިއްހީ އިދާރާތަކާ މެދު އޮތް ނުވަތަނަވަސްކަމާއި ސިއްހީ ދޮގު މައުލޫމާތު ފެތުރުމުގެ މައްސަލަތަކާ އެކު، ސިއްހީ ނޫން ސަބަބުތަކާ ހެދި ވެސް ވެކްސިނުން އިސްތިސްނާވުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ނޯލަން ވިދާޅުވި ގޮތުގައި ސައުތު ކެރޮލައިނާގައި ވެކްސިކުން "އިސްތިސްނާ ހޯދާނެ ގޮތް ކިޔައިދޭ ގިނަ އޮންލައިން ވަސީލަތްތަކާއި ސޯޝަލް މީޑިއާ ޕޭޖުތައް" ވަނީ އުފެދިފަ އެވެ.

ވޮޝިންގްޓަން ޕޯސްޓާއި ކޭއެފްއެފް ނޮންޕްރޮފިޓް ޖަމިއްޔާއިން ސެޕްޓެމްބަރު 2025 ގައި ނެގި ހިޔާލުހޯދުމުގެ ސާވޭއަކުން ދައްކާ ގޮތުގައި، އެމެރިކާގެ ކޮންމެ ހަ ބެލެނިވެރިންގެ ތެރެއިން އެކަކު، ނޭދެވޭ އަސަރުތަކަށް ބިރުން އަދި ސިއްހީ އިދާރާތަކަށް އިތުބާރު ނުކުރެވޭތީ ދަރިންނަށް ވެކްސިން ދިނުން ލަސްކުރެ އެވެ. ނުވަތަ ވެކްސިނެއް ނުޖަހަ އެވެ.

ނޯލަން ވިދާޅުވާ ގޮތުގައި މިހާރު ފެތުރެމުންދާ ބައްޔަކީ އަދި ފެށުމެކެވެ. އޭނާ ވިދާޅުވީ މިފަދަ ކިތަންމެ ބައްޔެއް އަދި އާންމުވާނެ ކަމަށާއި ހިމަބިހި ފެންނަން ފަށާފައި މި ވަނީ މިއީ ވަރަށް ފަސޭހައިން ފެތުރިގަންނަން ބައްޔަކަށް ވާތީ ކަމަށެވެ. 

ކުރިއަށް އޮތް ތަނުގައި ހޯއްގޮވާ ކެއްސުމުގެ އިތުރުން، ވެކްސިންޖަހައިގެން ރައްކާތެރިވެވޭނެ އެހެން ބަލިތައް އިތުރުވަމުންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. -- އޭއެފްޕީ