އެފްރިކާ ސަރަހައްދުގައި، ހިމަބިހި ޖެހުމުގެ ސަބަބުން ކުރިމަތިވާ އެކި މައްސަލަތަކުގައި 20 މިލިއަނާ ގާތްކުރާ އަދަދަކަށް 2000 ވަނަ އަހަރުން ފެށިގެން 2024 އަށް މީހުންގެ ފުރާނަ ސަލާމަތްކުރެވިފައިވާ ކަމަށާއި އެއީ ވެކްސިން ދޭ މިންވަރު އިތުރުކުރުމުގެ ސަބަބުން ކަމަށް އިއްޔެ އާންމުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އާއި ގަވީ  ވެކްސިން އެލަޔަންސް ގުޅިގެން އެފްރިކާ ބައްރުގެ އިމިއުނައިޒޭޝަން ލަނޑުދަނޑިތަކާ ބެހޭގޮތުން އެކުލަވާލި ފުރަތަމަ ތަފްސީލީ ދިރާސާގައި ބުނެފައިވަނީ، 2000 ވަނަ އަހަރާއި 2024 ގެ ނިޔަލަށް އެފްރިކާގައި ހިމަބިހީގެ 19.5 މިލިއަން މީހުން ސަލާމަތްކުރެވިފައިވާ ކަމަށެވެ.

އަދި ހަމަ އެ މުއްދަތުގެ ތެރޭގައި، ގަވާއިދުން ދެވޭ ވެކްސިންތަކުގެ އެހީގައި އެފްރިކާގެ 500 މިލިއަނަށްވުރެ ގިނަ ކުޑަކުދިން ނުރައްކާތެރި އެހެނިހެން ބަލިތަކުން ރައްކާތެރިކުރެވިފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ވެކްސިންގެ ކާމިޔާބީގެ މުހިންމު ނުކުތާތައް:

  • ހިމަބިހިން ރައްކާތެރިވުން: މި ގަރުނު ފެށުނު ފަހުން އެފްރިކާގެ 44 ގައުމަކުން ވަނީ ހިމަބިހީގެ ދެވަނަ ޑޯޒް، ގަވާއިދުން ދޭ ވެކްސިން ލިސްޓުގައި ހިމަނައިފަ އެވެ. މިކަމުގެ ސަބަބުން، ވެކްސިން ޖަހާ މިންވަރު 5 ޕަސެންޓުން 55 ޕަސެންޓަށް ވަނީ އުފުލިފަ އެވެ.
  • މަރުވާ މިންވަރު ދަށްވުން: ވެކްސިން ކެމްޕޭންތަކުގެ ސަބަބުން، އެފްރިކާ ސަރަހައްދުގައި ހިމަބިހީގައި މަރުވާ މީހުންގެ އަދަދު ދެބައިކުޅަ އެއްބަޔަށް މަދުވެ، ބަލި ޖެހޭ މިންވަރު 40 ޕަސެންޓް ދަށްވެފައިވެ އެވެ.
  • އެހެނިހެން ބަލިތައް: 47 ގައުމެއްގައި ހެޕަޓައިޓިސް ބީ ވެކްސިން ދޭން ވަނީ ފަށައިފަ އެވެ. އަދި 29 ގައުމެއްގައި ސާވިކަލް ކެންސަރުން ރައްކާތެރިކޮށްދޭ އެޗްޕީވީ ވެކްސިން ދެ އެވެ. މީގެ އިތުރުން 25 ގައުމެއްގައި މެލޭރިއާ ވެކްސިން ވަނީ ތައާރަފްކޮށްފަ އެވެ. މެނިންޖައިޓިސް (ސިކުނޑީގެ ދުލި ދުޅަވުން) ޖެހިގެން މަރުވާ މިންވަރު 39 ޕަސެންޓް ވަނީ ދަށްކުރެވިފަ އެވެ.

ކާމިޔާބު ހޯދި ގައުމުތައް:

ކޭޕްވާޑް، މޮރިޝަސް އަދި ސޭޝެލްސް އަކީ މިދިޔަ އަހަރު އެފްރިކާގެ ސަބް-ސަހާރާ ސަރަހައްދުން ހިމަބިއްސާއި ރުބެއްލާ އެއްކޮށް ނައްތާލެވުނު ފުރަތަމަ ގައުމުތަކުގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ.

ކުރިއަށް ހުރި ގޮންޖެހުންތައް:

އެފްރިކާގެ ޑަބްލިއުއެޗްއޯ ރީޖަނަލް ޑިރެކްޓަރު މުހައްމަދު ޖަނާބީ ވިދާޅުވި ގޮތުގައި، މި ކުރިއެރުންތަކާއެކު ވެސް ހުރިހާ ސަރަހައްދެއްގެ ހާލަތު ހަމަހަމައެއް ނޫނެވެ. ބައެއް ތަންތަނުގައި ކުރިއެރުން ލަސްވަމުންދާ ކަމަށާއި، 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ 90 ޕަސެންޓް ވެކްސިން ކަވަރޭޖްގެ ލަނޑުދަނޑިއަށް ވާސިލްވެވޭ ވަރަށް ވުރެ އެފްރިކާ އަދިވެސް އޮތީ ފަހަތުގައި ކަމަށް ވިދާޅުވި އެވެ.

"އެއްވެސް ކުއްޖަކު ބާކީނުކޮށް، ގަވާއިދުން ވެކްސިން ދޭ ނިޒާމު ވަރުގަދަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް،" ޖަނާބީ ވިދާޅުވި އެވެ.