އީރާންގެ މަގަކުން ވެހިކަލްތަކެއް ދުއްވާފައި ދަނީ: އެ ގައުމުގައި ޖީޕީއެސް ޖޭމްކުރާތީ ދަތުރުފަތުރަށް ވަނީ އުނދަގޫތައް ކުރިމަތިވެފައި. -- ފޮޓޯ: އޭއެފްޕީ
18 އޯގަސްޓް 2025 - 06:04
މީގެ ދެ މަސް ކުރިން އީރާނަށް އިޒްރޭލުން ދިން ކުއްލި ހަމަލާތަކާ އެކު ފެށުނު ހަނގުރާމައަށް ފަހު އަދިވެސް އީރާންގައި ޖީޕީއެސް ސިސްޓަމްތައް ބޭނުން ނުކުރެވޭތީ ޝަކުވާ ބޮޑުވެއްޖެ އެވެ.
އީރާންގެ ޓެކްސީ ޑްރައިވަރެއް ކަމަށްވާ ފަރްޝަދު ފޫލަދީ، އޭއެފްޕީއަށް ކިޔައިދިން ގޮތުގައި އީރާނާއި އިޒްރޭލާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ޖީޕީއެސް ޖޭމްކުރަން ފެށި ގޮތަށް އެކަން އަދިވެސް ނުހުއްޓެ އެވެ. އޭނާ ބުނީ މަގުތަކުގައި އެގޮތް މިގޮތަށް ދުއްވަންޖެހި ބޮޑެތި އުނދަގޫތަކާ މިކަމުގެ ސަބަބުން ކުރިމަތިވާ ކަމަށެވެ.
"މަސައްކަތް ނުކުރެވޭތާ އެތައް ހަފްތާއެއް ވެއްޖެ،" އީރާންގެ ޓެކްސީ އެޕް "ސްނޭޕް" ބޭނުންކޮށްގެން ދަތުރުތައް ހޯދާ ފޫލަދީ ބުންޏެވެ. "ދެވޭ ނުދެވޭ ދިމާލެއް ނޭނގި ގިނަ ފަހަރަށް އެތައް ވަގުތެއް ވަނީ ބޭކާރު." އުމުރުން 35 އަހަރުގެ ޑްރައިވަރު ބުންޏެވެ.
އީރާންގެ ކޮމިއުނިކޭޝަން މިނިސްޓްރީން ބުނީ ޖީޕީއެސް ބޭނުންކުރުމަށް އަޅާފައިވާ ހުރަސްތަކަކީ ސަލާމަތީ އަދި އަސްކަރީ ބޭނުންތަކަށް މިވަގުތަށް ކޮންމެހެން މުހިންމު ފިޔަވަޅެއް ކަމަށެވެ.
މިސައިލާއި ޑްރޯން އަދި ރޮކެޓު ފަދަ އެއްޗެހި އޭގެ އަމާޒަށް ދިއުމުގައި އާންމުކޮށް ބޭނުންކުރަނީ ގްލޯބަލް ޕޮޒިޝަނިން ސިސްޓަމް (ޖީޕީއެސް) ނުވަތަ އެފަދަ އެހެން ވަސީލަތެކެވެ.
އީރާނަކީ މުހިންމު އަސްކަރީ މަރުކަޒުތަކުގެ ކައިރީ ޖީޕީއެސް ޖޭމްކުރުމާއި ލޮކޭޝަން އޮޅުވާލުމަށް ތަފާތު އުކުޅުތައް އާންމުކޮށް ބޭނުންކުރާ ގައުމެކެވެ. އެކަމަކު މިފަހަރު އަޅާފައިވާ ފިޔަވަޅުތަކަކީ މިހާތަނަށް އެންމެ ފުޅާ ދާއިރާއެއްގައި އަދި އެންމެ ވަރުގަދައަށް އަޅާފައިވާ ފިޔަވަޅެވެ.
ޖީޕީއެސް ޖޭމްކުރުން ހުއްޓާލާނެ އިރެއް އަދި މިކަމުގެ ސަބަބުން އީރާންގެ އެކި ވިޔަފާރިތަކަށް ވެފައިވާ ގެއްލުމުގެ އަދަދެއް ނޭނގެ އެވެ.
ދަތުރު ހޯދާ އެޕްލިކޭޝަންތަކާއި ޑެލިވަރީގެ ހިދުމަތްތަކާއި ގޫގުލް މެޕްސް ފަދަ އަސާސީ މެޕިން ޓޫލްތަކާއި ގޫގުލް މެޕާ އެއްގޮތަށް އީރާނުން އަމިއްލައަށް ހަދައި ބޭނުންކުރަމުން އަންނަ ނެޝާން އަށް ވެސް ވަނީ ޖީޕީއެސް އަށް އަޅާފައިވާ ހުރަސްތަކުގެ އުނދަގޫ ކުރިމަތިވެފަ އެވެ.
ދަތުރުތައް ކުރާ މީހުން ބުނަނީ މެޕުން ދައްކާ ގޮތަށް ދަތުރު ނުކުރެވޭ ކަމަށާއި އެތައް ކިލޯމީޓަރެއް ދުރަށް ދާން މެޕުން އެތަނެއް ދެއްކުމުން ހިތު މިސާލަށް މަގުތަކުން ދާން މަސައްކަތްކުރުން ނޫން ގޮތެއް ނެތް ކަމަށެވެ. އެހެންވެ ބައެއް މީހުން މިހާރު ނަގަނީ ދާންވީ މަގު ކިޔައިދޭން އެނގޭ ފަސިންޖަރުންގެ ދަތުރުތައް އެކަންޏެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
19 August 2025
ޖީޕީއެސްއަކީ މިހާރު އައުޓްޑޭޓެޑް ވެފައިވާ އެއްޗެއް. އެއިން ޕޮޒިޝަން ހިފައިގެން ދަތުރުފެށި މެލޭޝިއަން އެއަރލައިނަށް އަދިވެސް އެއުޅެނީ ޖައްސަންވީ އެއަރޕޯޓް ނުފެނިގެން.