އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ޖަހާފައިވާ ކޮމިއުނިކޭޝަން އެންޓަނާތަކެއް: އެ ގައުމުން މިހާރު ވަނީ މުއާސަލާތީ ހިދުމަތް ކަނޑާލާފައި. -- ފޮޓޯ: އޭއެފްޕީ
30 ސެޕްޓެމްބަރ 2025 - 13:56
ފާހިޝް އަމަލުތައް ހުއްޓުވުމުގެ ނަމުގައި އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން މުޅި ގައުމުން މުއާސަލާތީ ހިދުމަތް ކަނޑާލައިފި އެވެ.
މުއާސަލާތީ ހިދުމަތް ކަނޑާލަން ނިންމައި އެކަން ތަންފީޒުކުރަން ފަށާފައި ވާއިރު އިންޓަނެޓްގެ ކަނެކްޓިވިޓީ މިހާރު އަފްޣާނިސްތާނުގައި ލިބެނީ ކުރިން ހުރި އާންމު މިންގަނޑާ އަޅާބަލާއިރު އެއް ޕަސެންޓަށްވުރެ ވެސް ދަށްކޮށް ކަމަށް އިންޓަނެޓް ވޮޗްޑޯގް ނެޓްބްލޮކްސް އިން ބުންޏެވެ.
މި ފިޔަވަޅު އެޅުމުގެ އިރުކޮޅެއް ކުރިން ސަރުކާރުގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި މުއާސަލާތީ ހުރިހާ ހިދުމަތް "ވަކި ގޮތަކަށް އަންގަންދެން މެދުކަނޑާލަން" ވަނީ ނިންމައިފަ އެވެ.
"ކަނޑާލާނެ، މިރެއިން ފެށިގެން މަޑުމަޑުން މި ނިންމުން ތަންފީޒުކުރަމުން ގެންގޮސް އެކަން ފުރިހަމަކުރާނެ،" ނަން ސިއްރުކުރުމަށް ޝަރުތުކޮށް އޭއެފްޕީއާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.
"މުއާސަލާތުކުރާނެ އެހެން ވަސީލަތެއް ނުވަތަ ސިސްޓަމެއް ނެތް ... ބޭންކިން ސެކްޓަރާއި ކަސްޓަމްސް އާއި ހުރިހާ ތަނެއް ހިމެނޭ ގޮތުން މުޅި ގައުމަށް މިކަން ހިނގާނެ."
ވެރިރަށް ކާބުލްގައި ހުންނަ އޭއެފްޕީގެ ބިއުރޯއާ ވެސް އިއްޔެ ހަވީރު 5:45 (ޖީއެމްޓީން މެންދުރު ފަހު 1:15) އިން ފެށިގެން ވަނީ ގުޅުން ކެނޑިފަ އެވެ.
މި މަހު ކުރީކޮޅު އަފްޣާނިސްތާނު ސަރުކާރުން ވަނީ އެކި ސަރަހައްދުތަކުން ހައި ސްޕީޑް އިންޓަނެޓް ކަނޑާލައިފަ އެވެ. ޓެލެފޯންގެ ހިދުމަތް އެ ގައުމުގައި އާންމުކޮށް ދެނީ އިންޓަނެޓް ހިދުމަތް ވެސް ދޭން ބޭނުންކުރާ ކޭބަލްތައް މެދުވެރިކޮށްގެން ކަމަށް ވާތީ ފޯނުގެ ހިދުމަތަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ.
ނެޓްބްލޮކްސް އިން ބުނީ އިންޓަނެޓް ހިދުމަތް ކަނޑާލުމަށް ފަހު ފޯނުތަކަށް ވަކިން ހިދުމަތް ދިނުމަށް ވަގުތު ނަގާނެ ކަމަށެވެ.
މި މަހުގެ 16 ވަނަ ދުވަހު ބަލްޚް ޕްރޮވިންސްގެ ތަރުޖަމާން އަތައުﷲ ޒައިދު ވިދާޅުވި ގޮތުގައި ތާލިބާނުންގެ ލީޑަރުގެ އަމުރާ ގުޅިގެން އުތުރު ޕްރޮވިންސްގައި ފައިބަ އޮޕްޓިކް އިންޓަނެޓް މިހާރު ވަނީ އެއްކޮށް މަނާކޮށްފަ އެވެ.
"މިއީ ފާހިޝް އަމަލުތައް ހުއްޓުވަން އެޅި ފިޔަވަޅެއް. ހިދުމަތް ދިނުމަށް އެހެން ގޮތެއް ހޯދައި މުޅި ގައުމަށް އަލުން ހިދުމަތް ލިބޭ ގޮތް ހަދާނެ،" އޭނާ ވިދާޅުވި އެވެ.
އަފްޣާނިސްތާނުގައި ކުރިން އޮތް، އެމެރިކާގެ ތާއީދުގައި ހިންގި ސަރުކާރުން 2024 ވަނަ އަހަރު ކާބުލްގައި ވަނީ 9،350 ކިލޯމީޓަރުގެ ފައިބަ އޮޕްޓިކް ނެޓްވޯކް އަޅައި ހިދުމަތް ދީފަ އެވެ. އެކަމަކު ތާލިބާނުން އަލަށް ވެރިކަމަށް އައުމަށް ފަހު ވަނީ އެތައް ކަމެއް ބަދަލުކޮށްފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކިރަމަން
01 October 2025
ރާއްޖޭގަ މިކަން ކުރަން ބޭނުންވާ އެތައް ބަޔަކު އެބަތިބި. މީހުން މަރާތީ ވަޅި އުފެއްދުމާ އެތެރެކުރުންވެސް މަނާކޮށްފާނެ. އަފްގާނިސްތާނުން އިންޓަނެޓް އެމީހުން ބޭނުންވާ މިންގަނޑުން އަދި ފޯރުކޮށްދޭގޮތަށް ވަގުތީގޮތުން މެދުކަނޑާލިކަނއ މީގެން އެނގެނީ. އިންޓަނެޓުގެ ފައިދާތައް ހިފާއިރު ދަައުލަތުން ފާހިސް ކަންކަން މަނާކުރެވޭނެ ގޮތަކަށް އެކަން ފޯރުކޮށްދިނުން މުހިންމު ކަމެއް.
އަހަންމ
30 September 2025
ގެތައްވެސް ތަޅާލާފަ ޓެންޓުޖަހާ. އާނ ފަހެ ދެން. ކަލޭމެން އުޅޭ ވައްތަރު އެނގިދާނެތީ ކުރާ ކަމެއް ތީ. އެހެން އެއްވެސް ކަމަކު ނޫން. އިންޓަނެޓުގަ އޮންނަ އެއްޗެއް އުތަ ފާހިޝް އެއީ؟
ގެރިކިރު
30 September 2025
ކަލޭ ހާދަ މޮޅޭ ދޯ؟ އިންޓެނެޓް ބޭނުމެއް ނުކުރަންދޯ؟
ގާކިރު
30 September 2025
ހަމައެކަނި އިސްލާމީ ގައުމު
ކިރުސައި
30 September 2025
ހުރިހާ އިމާރާތްތަކެއް ބިމާހަމަކޮށްފަ ހޮހޮޅަތަކުގަ އުޅެންފަށާ. ކަރަންޓްވެސް ކަނޑާލާ.
އަޅި އަލީ
30 September 2025
ވަރަށް ބަރާބަރު!
ސަލިންޓޭ
30 September 2025
އަޖައިބު.. ރަސޫލް ޒަމާނުގާ ނެތް އިންޓަނެޓެއް ފޯނެއް ކޮމްޕިއުޓަރެއް.. ޖަމަލާ ގެރި ބަކަރި ހުރީ...
ބޯދާބުރާންތީން
30 September 2025
ޒަމާނުންސުރެ ތި އަފްގާނިސްތާނުގައި ހިންގަމުންއަންނަ ބައްޗަ ބާޒީ އަކީ ކަލޭމެންގެ އަޅުކަމެއްބާ؟