އަފްޣާނިސްތާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ކަންދަހާރުގައި ހިންގާ ރޭޑިއޯ ސްޓޭޝަންތަކުން ކްރިކެޓާ ގުޅުން ހުރި އެއްވެސް ކޮންޓެންޓެއް ފޮނުވުން ތާލިބާނުންގެ ކަމާބެހޭ ފަރާތްތަކުން މަނާކޮށްފި އެވެ.

އަފްޣާނިސްތާނުގައި ބާރަށް ކުރިއަރަމުން އަންނަ މި ކުޅިވަރުގެ ޚަބަރުތައް ރޭޑިއޯތަކުން ފޮނުވުން މަނާކުރިކަން އެ ސިޓީގެ ދެ ބްރޯޑްކާސްޓަރަކާއި ޕްރޮވިންޝަލް ސަރުކާރުގެ މަސްދަރަކުން ވަނީ އޭއެފްޕީއަށް ކަށަވަރުކޮށްދީފަ އެވެ.

ތާލިބާނުންގެ ސަރުކާރުން މީގެ ކުރިން ކްރިކެޓަށް އެއްބާރުލުން ދީ، އެ ޖަމާއަތުން އަލުން ވެރިކަމަށް އައި އަހަރީ ދުވަސް ފާހަގަކުރުމަށް އޯގަސްޓް މަހު ކްރިކެޓް މެޗުތަކެއް ވެސް ބާއްވާފައިވެ އެވެ.

ނަމަވެސް ކަންދަހާރުގެ އިންފޮމޭޝަން އެންޑް ކަލްޗާ ޑިޕާޓްމަންޓުން އިއްޔެ ވަނީ ރޭޑިއޯ ސްޓޭޝަންތަކަށް ގުޅައި، ކްރިކެޓާ ގުޅުން ހުރި އެއްވެސް ކަމެއް ދެން ނުފޮނުވޭނެ ކަމަށް އަންގައިފަ އެވެ.

މީޑިއާއަށް މައުލޫމާތު ދިނުމުގެ ހުއްދަ ނެތުމުން ނަން ނުޖެހުމަށް ޝަރުތުކޮށް އެ ޑިޕާޓްމަންޓުގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ ކްރިކެޓް ކަވަރޭޖް ދިނުން މިހާރު މަނާކޮށްފައިވާ ކަމަށެވެ.

"މެޗުތަކުގެ ކޮމެންޓްރީ އާއި ޚަބަރުތަކުގެ އިތުރުން، ޓީމު މޮޅުވާ ނަތީޖާ ރިޕޯޓުކުރުން ވެސް ވަނީ މަނާކޮށްފައި،" އިތުރު ތަފްސީލެއް ނުދެއްވައި އޭނާ ވިދާޅުވި އެވެ.

ކަންދަހާރުގެ ލޯކަލް ރޭޑިއޯ ސްޓޭޝަނެއްގެ އިސްވެރިޔަކު ވިދާޅުވީ އިންފޮމޭޝަން އެންޑް ކަލްޗާ ޑިޕާޓްމަންޓުން ގުޅައި، ރޭޑިއޯއިން ދެން ކްރިކެޓް ކަވަރު ނުކުރެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ. އަދި އެހެން ރޭޑިއޯ ސްޓޭޝަނެއްގެ މެނޭޖަރަކު ވެސް ވަނީ "މިވަގުތަށް ކްރިކެޓާ ގުޅުން ހުރި ހުރިހާ ކަމެއް މަނާކޮށްފައިވާ" ކަމަށް ބުނެ ކަމާބެހޭ ފަރާތްތަކުން ގުޅައި އެންގިކަން ކަށަވަރުކޮށްދީފަ އެވެ. މި ދެ ބްރޯޑްކާސްޓަރުން ވެސް ވާހަކަދެއްކީ ސަލާމަތީ ސަބަބުތަކަށްޓަކައި ނަން ހާމަނުކުރުމަށް ޝަރުތުކޮށެވެ.

ތާލިބާނުންގެ އެންމެ އިސް ލީޑަރު ދިރިއުޅުއްވާ ކަންދަހާރުގައި ނިންމި މި ނިންމުމާ ގުޅޭގޮތުން އަފްޣާނިސްތާން ކްރިކެޓް ބޯޑުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ތާލިބާނުންގެ ވެރިކަމުގައި މިކްސްޑް މާޝަލް އާޓްސް ފަދަ ބައެއް ކުޅިވަރުތައް މަނާކޮށްފައި ވީ ނަމަވެސް، ފިރިހެނުންނާއި ފިރިހެން ކުދިންނަށް ކްރިކެޓް ކުޅުމުގެ ހުއްދަ އޮވެ އެވެ. ނަމަވެސް އަންހެނުންނާއި އަންހެން ކުދިންގެ އާންމު ދިރިއުޅުމުގެ ހަރަކާތްތައް ހަނިކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން، ޖިމްތަކަށް ދިއުމާއި ހުރިހާ ކުޅިވަރެއް ކުޅުން ވަނީ މަނާކޮށްފަ އެވެ.

އަފްޣާނިސްތާނުގެ ގައުމީ ފިރިހެން ކްރިކެޓް ޓީމުން މިވަގުތު އަންނަނީ ޔޫއޭއީގެ ޝާރުޖާގައި ޒިމްބާބްވޭއާ ދެކޮޅަށް ދެވަނަ ޓެސްޓް މެޗު ކުޅެމުންނެވެ. -- އޭއެފްޕީ