އޮސްޓްރޭލިއާއަށް އެރި "ޑެބީ"ގެ ނަން ދީފައިވާ ތޫފާނަށް ފަހު އިރު އުތުރު ސަރަހައްދުގެ 1300 ކިލޯމީޓަރު (800 މޭލު)ގެ ސަރަހައްދެއްގައި ފެން ބޮޑުވެދާނެ ކަމުގެ އިންޒާރު ދީފި އެވެ.
ތޫފާނުގައި ގަދަޔަށް ވައި ޖެހި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި ބޮޑު ސަރަހައްދަކުން ކަރަންޓު ވެސް ކެނޑުނެވެ. މި ހާދިސާތަކާ ގުޅިގެން އެ ސަރަހައްދުގައި މިހާރު ވަނީ ކާރިސާގެ ހާލަތު އިއުލާނުކޮށްފަ އެވެ.
ތޫފާނު އަރައި އޭގެ ބާރު ދަށްވެފައި ވިޔަސް އަދިވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ބުދަ ދުވަހު 250 މިލިމީޓަރުގެ ވާރޭ ވެހޭނެ އެވެ. އެހީގެ މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުތަކުން ވަނީ، ފެން ބޮޑުވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް އާންމުން ގެއިން ނުނިކުތުމަށް އިލްތިމާސްކޮށްފަ އެވެ.
"ބޮޑުވަމުން އަންނަ ފެންގަނޑު ތެރެއިން ވެހިކަލްގައި ދަތުރުކުރި ދެ މީހަކަށް މިހާރުވެސް ވަނީ އެހީވާން ޖެހިފައި،" ކްއީންސްލޭންޑް ފަޔަ އެންޑް އިމަޖެންސީ ސާވިސް ކޮމިޝަނަރު ކެޓްރީނާ ކެރޯލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެން ބޮޑުވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގުމަކީ މިހާރު އޮތް އެންމެ ބޮޑު އެއް ބިރު ކަމަށެވެ.
ތޫފާން ޑެބީ އޮސްޓްރޭލިއާގެ ބޮވެން އާއި އެއާލީ ބީޗާ ދެމެދަށް ކެޓަގަރީ ހަތަރެއްގެ ތޫފާނެއްގެ ގޮތުގައި އެރީ ގަޑިއަކު 263 ކިލޯމީޓަރު (ގަޑިއަކު 163 މޭލު) ބާރުމިނުގަ އެވެ. އެކަމަކު މިހާރު ވަނީ ވަރުގަދަ ކޮޅިގަނޑަކަށް ބަދަލުވެފަ އެވެ. މި ކޮޅިގަނޑުގެ އަސަރު އެތައް ގަޑިއިރަކަށް ދެމިގެން ދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.