އޮސްޓްރޭލިއާގެ ހުޅަނގަށް އެރި ޓްރޮޕިކަލް ސައިކްލޯން ނަރޭލް އެ ސަރަހައްދާ ކައިރިވަމުން ދިޔައިރު އެ ސަރަހައްދުގެ އުޑުމަތި ލޭ ރަތްކުލައިން ދިއްލި ބިރުވެރިކަން އުފެދިއްޖެ އެވެ.
މިގޮތަށް އުޑުމަތިން ފެނިފައިޗަނީ ޑެންހަމް ކައިރީގައިވާ ޝާކް ބޭ އާއި ޕިލްބަރާ އައްސޭރީގެ ކަރާތާގަ އެވެ. މި މަހުގެ 20 ވަނަ ދުވަހު ކުއީންސްލޭންޑަށް މި ތޫފާނުގެ އެރުމަށް ފަހު މިހާރު ވަނީ ހުޅަނގު ސަރަހައްދަށް ވެސް އަރައިފަ އެވެ.
ތޫފާނު ކައިރިވަމުން ދިޔައިރު ލޭ ކުލައިން އުޑު ފެނުނު މީހުން އެއީ "އާދަޔާ ހިލާފަށް ބިރުވެރި" އަދި "ދުނިޔެ ނިމުމުގެ ސިފަ ޖެހިފައިވާ" މަންޒަރެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ. އަދި ބައެއް މީހުން ބުނި ގޮތުގައި އެއީ "އުޑުން ދޭ އެންމެ ފަހުގެ އިންޒާރެއް" ފަދަ އެވެ.
އުޑުމަތިން ފެނުނު ބިރުވެރި ރަތްކުލައިގެ ފޮޓޯ އާއި ވީޑިއޯތައް އާންމުވުމުން އެއީ އެޑިޓްކޮށްފައިވާ މަންޒަރުތަކެއް ކަމަށް ބުނެ އިންޓަނެޓްގައި ބައެއް މީހުން ސުވާލު އުފެއްދި އެވެ. ނަމަވެސް، ސޯޝަލް މީޑިއާގައި އާންމުކުރި އެހެން ބައެއް ޕޯސްޓްތަކުގައި އެއީ އެއްވެސް "ފިލްޓަރެއް" ބޭނުންނުކޮށް ނަގާފައިވާ ފޮޓޯތަކެއްކަން ވަނީ ސާފުކޮށްދީފަ އެވެ.
މި ކުލަ އުފެދެން މެދުވެރިވީ ތޫފާނުގެ ބާރުގަދަ ވައިގެ ސަބަބުން ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ގަދަ ވައިގެ ސަބަބުން، ދަގަނޑުގެ މާއްދާ މަތީ މިންވަރަކަށް ހުރި ހިކި ވެއްޔާއި ހިރަފުސް ޖައްވުގެ ތެރެއަށް ބުރައިގެން ދިޔަ އެވެ. މި ހިރަފުހުގެ ތެރެއަށް އިރުގެ ދޯދިތައް އެޅި، އޭގެ ރިފްލެކްޝަންގެ ސަބަބުން އުޑުމަތިން ގަދަ އޮރެންޖު އަދި ރަތްކުލަ ހިލާފު ގޮތަކަށް ފެނުނީ އެވެ.
މި ތޫފާނަކީ ފާ ނޯތު ކުއީންސްލޭންޑް، ނޮދަން ޓެރިޓަރީ އަދި ހުޅަނގު އޮސްޓްރޭލިއާއަށް އަސަރުކުރި، މަދުން ނޫނީ ނުފެންނަ "ޓްރިޕްލް-ސްޓްރައިކް" ނުވަތަ ތިން ސަރަހައްދަކަށް އެރި ތޫފާނެކެވެ. ނަރޭލް ތޫފާން އެންމެ ފުރަތަމަ އެރީ އެކްސްމައުތު އަށެވެ. އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ.
އޭގެ ފަހުން މި ތޫފާން ވަނީ ގަޑިއަކު 200 ކިލޯމީޓަރުގެ ބާރުމިނުގައި، ޕިލްބަރާ އައްސޭރީގައިވާ ކަރާތާ އާއި ގޭސްކޮއިން އައްސޭރިފަށާ ދިމާލަށް، ދެކުނަށް ދަތުރުކޮށްފަ އެވެ. އިއްޔެ މި ތޫފާނުގެ ބާރު ދަށްވެ، "ސަބްޓްރޮޕިކަލް ސައިކްލޯން" އަކަށް ބަދަލުވި އެވެ.