މިދިޔަ އާދިއްތަ ދުވަހު އޮސްޓްރޭލިއާގެ ލަޖަމަނޫ އަށް ވާރޭ ވެހުނު އިރު އެތައް ބައިވަރު މަހެއް ވެސް މަތިން ފޭބި އެވެ. އެކަމަކު މިއީ އެ އަވަށު މީހުންނަށް އާ ކަމެއް ނޫނެވެ.

ބައެއް ނޫސްތަކުން ބުނި ގޮތުގައި މަތިން ވެހުނު ބައެއް މަސްތައް ހުރީ މަރު ވެސް ނުވެ އެވެ. އެހެންވެ ކުޑަކުދިން ނުކުމެ މަސް ހިފަން ފެންގަނޑުތަކަށް ވެސް އެރި އުޅުނެވެ.

އޮސްޓްރޭލިއާގެ ލުޖަމަނޫ
އޮސްޓްރޭލިއާގެ ލުޖަމަނޫ

މިއީ އެ އަވަށަށް އަލަށް ދިމާވި ކަމެއް ނޫނެވެ. މިދިޔަ 50 އަހަރު ތެރޭގައި ލަޖަމަނޫ އަށް ހަތަރު ފަހަރެއްގެ މަތިން ވާރެއާ އެކު މަސް ވެހިފައިވެ އެވެ. އާދިއްތަ ދުވަހުގެ ހާދިސާގެ ކުރިން، 2010 ވަނަ އަހަރު ވެސް މިފަދަ ކަމެއް ހިނގި އެވެ. އޭގެ ކުރިން، 2004 ވަނަ އަހަރާއި، 1974 ވެސް ހަމަ މިހެން ދިމާވި އެވެ.

މިއީ ކިހިނެއްވާ ކަމެއް؟

ބިންމަތީގައި އަތުރާލައިފައިވާ މަސްތަކެއް
ބިންމަތީގައި އަތުރާލައިފައިވާ މަސްތަކެއް

ތަޖުރިބާކާރުން ބުނާގޮތުގައި، މި ކަމަކީ މޫސުން ގޯސްވެ، ވައިގެ ޒަރިއްޔާއިން މޫދު ނުވަތަ ކޯރެއްގައި އުފެދޭ ކޮޅިގަނޑަކުން، މަސްތައް ކޮޅިގަނޑުގެ ތެރެއަށް ދަމައިގަނެގެން ދިމާވާ ކަމެކެވެ.

"ވޯޓަސްޕައުޓްސް" ނުވަތަ މޫދުގައި އުފެދޭ އެފަދަ ކޮޅިގަނޑުތަކުން، އޭގެ ތެރެއަށް ދަމައިގަނެފައިވާ މަސްތަކާއި އެހެނިހެން ތަކެއްޗާ އެކު، ވަކި ހިސާބަކަށް ދަތުރުކޮށް، އޭގެ ބާރު ކެނޑި ކޮޅިގަނޑު ރޫޅޭ ވަގުތު އޭގެ ތެރޭގައި ހުރި އެއްޗެހިތައް ފައިބަނީ އެވެ. "މަހުގެ ވާރޭ" ވެހެނީ އެހެންވެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އެމެރިކާގެ ޔުނިވަސިޓީއެއްގެ ޕްރޮފެސަރެއް ކަމަށްވާ އާނެސްޓް އޭޖީ މީގެ ކުރިން ބުނެފައިވާ ގޮތުން، ކޮޅިގަނޑާ އެކު ކުދި ޕޮންޑުތައް އޭގެ ތެރެއަށް ދަމައިގަންނަ މަންޒަރު އޭނަ އަށް ފެނިފައިވެ އެވެ.

"އެހެންވީމާ، ދިރޭއެއްޗެހި އުޑުން ވެހުމަކީ ގަބޫލުކުރެވޭނެ ކަމެއް،" އޭޖީ ބުންޏެވެ.

މިއީ ވަރަށް ގިނަ ގައުމުތަކުގައި ހިނގާފައިވާ ކަމެކެވެ. ދާދި ފަހުން ހޮންޑިއުރަސްގެ ޔޯރާ އަށް ވެސް ވަނީ މަހުގެ ވާރޭ ވެހިފަ އެވެެ. ބޭރުގެ ނޫސްތަކުން ބުނާ ގޮތުގައި، އެއީ އެ ގައުމަށް ވަރަށް ގިނައިން ދިމާވާ ކަމެކެވެ.

ލަޖަމަނޫ އަވަށުގެ ކުއްޖަކު، އެ އަވަށަށް ވެހުނު މަސްތަކުގެ ތެރެއިން ހޮވާފައިވާ މަހަކާއެކު
ލަޖަމަނޫ އަވަށުގެ ކުއްޖަކު، އެ އަވަށަށް ވެހުނު މަސްތަކުގެ ތެރެއިން ހޮވާފައިވާ މަހަކާއެކު

އޭގެ އިތުރުން، އެމެރިކާގެ ޓެކްސަސްގެ ސިޓީއަކަށް ވެސް 2021 ވަނަ އަހަރު މަހުގެ ވާރޭ ވެހި، އެތަނުގެ ގިނަ ބަޔަކު ހައިރާންކޮށްލި އެވެ. އަދި މިދިޔަ އަހަރު އިންޑިއާގެ އަވަށަކަށް ވެސް މިކަން ތަޖުރިބާކުރަން ޖެހުނެވެ.

މިފަދަ ހާދިސާތަކުގައި ވެހެނީ ހަމައެކަނި މަސް އެކަންޏެއް ނޫނެވެ. މީގެ ކުރިން، ބޮކާއި މެކުންޏާއި ކިލާފަނި ވެސް މަތިން ވެހުނު ކަމަށް ރިޕޯޓުކޮށްފައިވާ ގައުމުތައް ވެސް އެބަހުއްޓެވެ.