މެލްބަން (މާޗްް 10) - އޮސްޓްރޭލިއާގެ ކޯރެއްގެ ފެންގަނޑު ފިޔާތޮށި ކުލަ އަށް ބަދަލުވެއްޖެ އެވެ.

ވެސްޓްގޭޓް ޕާކުގެ ކޯރުގެ ލޮނު ފެންގަނޑު އަސުރުމާ ކުލަ އަށް ބަދަލުވެފައި މިވަނީ އިރުގެ އައްޔާއި ހޫނުވުމާ އަދި ވާރޭ ނުވެހުން އެކުވެގެން ދިމާވި މައްސަލައަކުންނެވެ. ވައިލްޑްލައިފް އޮފިސަރުން ބުނެފައި ވަނީ މި ތިން ކަންތައް މި ގޮތަށް ދިމާވުމުން ކޯރު ތެރޭގައި އަލްގީއެއް އުފެދި ފިޔާތޮށި ކުލަ އުފެދެން ފަށާފައިވާ ކަމަށެވެ.

"ފެންގަނޑުގެ ކުލަ އަށް ބަލައިގެން ހިތްހަމަޖެހުން ހޯދާ. އެކަމަކު ފެންގަނޑުގައި ނުޖެހި އުޅުމަށް އެދެން،" ޕާކުން ބުނެފައިވެ އެވެ.

ފިނި މޫސުމާ އެކު މި ކޯރުގެ ފެންގަނޑު ނޫކުލަ އަށް ބަދަލުވާނެ.
ފިނި މޫސުމާ އެކު މި ކޯރުގެ ފެންގަނޑު ނޫކުލަ އަށް ބަދަލުވާނެ.

މި ގޮތަށް ކުލަ ބަދަލުވުން ވަނީ ސްޕޭނުގެ ސެލލިނާ ޑި ޓޮރެވިއެޖާ ކޯރާއި ކެނެޑާގެ ޑަސްޓީ ރޯޒް ލޭކް އަދި ސެނެގާލްގެ ލޭކް ރެޓްބާ އަށް ވެސް ދިމާވެފަ އެވެ.

ޕާކުގެ ކޮންޒަވޭޝަން ސައެންޓިސްޓް ޑރ. މާކް ނޫމަން ވިދާޅުވީ ފެންގަނޑުގެ ކުލަ ބަދަލުވެފައި ވަނީ އެއްވެސް ގެއްލުމެއް ނުދޭ ސިންގަލް-ސެލް އަލްގީއެއް ކަމަށްވާ ޑުނަލިއެލާގެ ސަބަބުން ކަމަށެވެ.

"މިއީ ގުދުރަތީ ކަމެއް. ބައެއް ފަހަރަށް މީހުން ބުނޭ އެއީ ފިޔާތޮށި ދަވާދު އެޅިގެންވާ ގޮތެއް ކަމަށް ވެސް،" އޭނާ ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ ކޯރެއްގެ ފެންގަނޑު ފިޔާތޮށި ކުލަ އަށް ބަދަލުވީ ވާރޭ ނުވެހި ގިނަ ދުވަސްވެގެން ކަމަށް އޮފިޝަލުން ބުނޭ.
އޮސްޓްރޭލިއާގެ ކޯރެއްގެ ފެންގަނޑު ފިޔާތޮށި ކުލަ އަށް ބަދަލުވީ ވާރޭ ނުވެހި ގިނަ ދުވަސްވެގެން ކަމަށް އޮފިޝަލުން ބުނޭ.

ނޫމަން ވިދާޅުވީ ކޯރުގެ ކުލަ ބަދަލުވި ފެންގަނޑު ނުރައްކާ ނުވި ނަމަވެސް ކޯރަށް އެރި ފަތާ ހެދުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ.

ޕާކުން ބުނީ ފިނި މޫސުން ކުރިމަތިވެ އަދި ވާރޭ ވެހޭ މިންވަރު އިތުރުވާން ފެށުމުން ކޯރުގެ ފެންގަނޑު ނޫކުލަ އަށް ބަދަލުވާނެ ކަމަށެވެ.