މީގެ 18 މަސް ދުވަސް ފަހުން އެމެެރިކާގެ ތެޔޮކުންފުނިތައް ވެނެޒުއޭލާގައި "އޮޕަރޭޓްކުރަން ފަށާނެ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާއިން ދިން ކުއްލި ހަމަލާއެއްގައި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ރަހީނު ކޮށްގެން އެމެރިކާ އަށް ގެންދިއުމަށް ފަހު، ބޭއްވި ފުރަތަމަ ޕްރެސްކޮންފަރެންސްގައި ވެސް ވެނެޒުއޭލާގެ ތެލުގެ ވާހަކަ ޓްރަމްޕް ދެއްކެވި އެވެ.

އެންބީސީ އަަށް ދެއްވި އިންޓަވިއުއެއްގައި އެ ވާހަކަ އިތުރަށް ތަފްސީލު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ވެނެޒުއޭލާގެ ތެލުގެ އިންޑަސްޓްރީ ހިންގަން އެމެރިކާގެ ތެޔޮކުންފުނިތަކުން ވަރަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރަން ޖެހޭނެ ކަމަށާއި އެ ފައިސާ އެމެރިކާ ސަރުކާރުން އަނބުރާ ދޭނެ ކަމަށާ ނުވަތަ ވެނެޒުއޭލާގެ ތެލުގެ ވިޔަފާރީގެ ފައިދާއިން އެބައި ލިބޭނެ ކަމަށެވެ. 

 އެންބީސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމެރިކާގެ ޕެޓްރޯލިއަމް ކުންފުނިތަކުގެ މަންދޫބުން މިހަފުތާގެ ފަހުކޮޅު ޓްރަމްޕާ ބައްދަލުކުރަން ވަނީ ތާވަލުކޮށްފަ އެވެ. 

ބީބީސީން ބުނި ގޮތުގައި ވެނެޒުއޭލާގައި ތެޔޮ ނަގައި ސާފުކުރުމުގެ ގާބިލިއްޔަތު ކުރީގެ ފެންވަރަށް ގެންނަން އެތައް ބިލިއަން ޑޮލަރެއް ހަރަދު ކުރަން ޖެހުމުގެ އިތުރުން އެކަމަށް ގާތްގަނޑަކަށް 10 އަހަރު ހޭދަވާނެ ކަމަށް އެ އެޖެންސީއާ ވާހަކަ ދެއްކި މުހައްލިލުން ބުންޏެވެ. 

މަދޫރޯގެ ދެމަފިރިން ރަހީނުކުރުމަށް ފަހު، ޓްރަމްޕް ފުރަތަމަ ވިދާޅުވި ވެނެޒުއޭލާ ހިންގާނީ އެމެރިކާ އިން ކަމަށެވެ. އެ ދެމަފިރިން ރަހީނުކުރުމަށް ފަހު ޝަރީއަތެއް ހިންގާ ކަމަށް ބުނެ އެމެރިކާގެ ކޯޓަކަށް އިއްޔެ ހާޒިރުކުރި އެވެ. 

އެމެރިކާ އިން މީގެ ކުރިން އަޅުވެތިކުރި ބައެއް ގައުމުތައް އަޅުވެތިކުރުމަށް ފަހު، އެ ގައުމުތަކުގެ ތެލުގެ ފައިދާ ނަގާ ވާހަކަ މިހާ ފާޅުކަންބޮޑު ގޮެތެއްގައި ދައްކާފައެއް ނުވެ އެވެ. ނަމަވެސް ޓްރަމް ވިދާޅުވީ "ތެޔޮ އުފައްދާ ގައުމެއް ކަމަށްވާ ވެނެޒުއޭލާ ލިބުމަކީ އެމެރިކާއަށް ރަނގަޅެއް" ކަމަށެވެ.