ވެނެޒުއެލާގެ އިންތިގާލީ ސަރުކާރުން 30 މިލިއަނާއި 50 މިލިއަނާ ދެމެދުގެ އަދަދަކަށް ސާފުނުކުރާ ފީފާ ތެޔޮ އެމެރިކާ އަށް "ދޭނެ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު، އެމެރިކާ ސިފައިން ވެނެޒުއެލާ އަށް އަރައި، އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އަނބިކަނބަލުން ވަނީ ހައްޔަރުކޮށްގެން އެމެރިކާގެ ނިއު ޔޯކަށް ގެންގޮސްފަ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ ގިނަ ދައުވާތަކެއް މަދޫރޯގެ ދެކަނބަލުންގެ މައްޗަށް އެމެރިކާއިން އުފުލައިފަ އެވެ.
މަދޫރޯ ގަދަކަމުން ގެންދިއުމަށް ފަހު، ވެނެޒުއެލާ ހިންގުމާއި ތެލުގެ ވިޔަފާރިއާ އެމެރިކާ އިން ހަވާލުވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
މަދޫރޯ ގެންދިއުމާ ގުޅިގެން، ވެނެޒުއެލާގެ ނައިބު ރައީސް ޑެލްސީ ރޮޑްރީގޭޒް ވަނީ ރައީސްކަމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގެންފަ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ 50 މިލިއަން ފީފާއާ ހަމައަށް އެމެރިކާ އަށް ތެޔޮ ވެނެޒުއެލާގެ އިންތިގާލީ ސަރުކާރުން އެމެރިކާއަށް "ދޭނެ" ކަމަށެވެ.
އެ ތެޔޮ، ދުނިޔޭގެ ބާޒާރުގައި ވިއްކައިގެން ލިބޭ ފައިސާ ބޭނުންކުރާނީ އެމެރިކާ އާއި ވެނެޒުއެލާގެ ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ބޭރުގެ ބައެއް މީޑިއާތައް ރިޕޯޓުކުރާ ގޮތުގައި، ޓްރަމްޕްގެ ވިސްނުމަކީ އެމެރިކާގެ ތެޔޮ ކުންފުނިތަކުން ވެނެޒުއެލާގެ ތެލުގެ ވިޔަފާރީގެ ކޮންޓްރޯލް ނަގައި، ތެޔޮ ސާފުކުރުމުގެ ގާބިލުކަން އިތުރުކުރުމެވެ.
ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް އޮންނަ ވެނެޒުއެލާގެ ރިޒާވްގައި ގާތްގަނޑަކަށް 303 ބިލިއަން ފީފާ ތެޔޮ ހުރި ކަމަށް ލަފާކުރެވެ އެވެ.
ނަމަވެސް، 2009 ވަނަ އަހަރުން ފެށިގެން ވެނެޒުއެލާގެ ތެޔޮ ސާފުކުރުމުގެ ގާބިލުކަން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
މި ވަގުތު ވެނެޒުއެލާގައި ހަރަކާތްތެރިވަނީ އެމެރިކާގެ އެންމެ ތެޔޮ ކުންފުންޏެކެވެ.
އެހެންކަމުން، އެމެރިކާގެ އިތުރު ތެޔޮ ކުންފުނިތަކުން ވެނެޒުއެލާގެ ތެލުގެ ވިޔަފާރީގެ ތެރެއަށް ވަދެ، އެ ގައުމުގެ ތެލު ސާފުކުރުމުގެ ގާބިލުކަން އިތުރުކުރުމަށް އެތައް ބިލިއަން ޑޮލަރެއް އިންވެސްޓްކުރަންޖެހޭނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.