ސައުދީ އަރަބިއްޔާގެ ހިއްސާގެ ބާޒާރު ބޭރުގެ ހުރިހާ ބާވަތެއްގެ އިންވެސްޓަރުންނަށް ހުޅުވާލަން އެގައުމުން ނިންމައިފި އެވެ. 

ސައުދީ ގެޒެޓް ނޫހުން ބުނީ ހުރިހާ ބޭރުގެ ހުރިހާ ފަންތިއެއްގެ އިންވެސްޓަރުންނަށް އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހިއްސާގެ ބާޒާރު ހުޅުވާލަން އެގައުމުގެ ކެޕިޓަލް މާކެޓް އޮތޯރިޓީ (ސީއެމްއޭ) އިއުލާނުކޮށްފައިވާ ކަމަށެވެ. 

ސައުސީ ސީއެމްއޭގެ އެ ނިންމުމަކީ ސައުދީ އަރަބިއްޔާގައި ނުވަތަ ގަލްފުގެ ގައުމެއްގައި ދިރިނޫޅޭ އިންވެސްޓަރުންނަށް ވެސް ސައުދީގައި އިންވެސްޓްކުރެވޭ ގޮތަށް ހެދި އާ ގަވައިދުތަކަކަށް އަމަލުކުރަން ފެށުމަށް ފަހު ނިންމި ނިންމުކެވެ. އާ ގަވައިދުތަކުގެ ބޭނުމަކީ ސައުދީ އަރަބިއްޔާގައި އިންވެސްޓްކުރާ އިންވެސްޓަރުންގެ އަދަދު އިތުރުކުރުމެވެ. 

ސައުދީގައި އިންވެސްޓްކުރަން ހުއްދަ ދިނުމުގައި ކުރިން ބަލާ މިންގަނޑުތައް ބަޔާންކުރާ "ކޮލިފައިޑް ފޮރިން އިންވެސްޓާ " އުސޫލު، އާ ގަވައިދުން ވަނީ އުނިކޮށްފަ އެވެ. މީގެ މާނައަކީ އިންވެސްޓަރުންގެ ފަންތިއާއި ގިންތިއަށް ބެލުން އެގައުމުން ހުއްޓާލުމެވެ. 

ގަވައިދަށް ގެނައި އަނެއް ބަދަލަކީ ސައުދީ ގެޒެޓުން ބުނި ގޮތުގައި ކެޕިޓަލް މާކެޓްގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ އިތުރުން އެގައުމުގެ ކޮންމެ ކުންފުންޏެއްގެ ހިއްސާ ވެސް ބޭރުގެ އިންވެސްޓަރުންނަށް ގަނެވޭ ގޮތް ހެދުމެވެ. 

މިދިޔަ އަހަރު ނިމުނު އިރު ސައުދީ ހިއްސާގެ ބާޒާރުގައި އެތެރޭގެ އިންވެސްޓަރުން ކޮށްފައިވާ އިންވެސްޓްމެންޓް އަގަކީ 590 ބިލިއަން ސައުދީ ރިޔާލަ އެވެ. ހަމަ އެ އަހަރު، ބޭރުގެ އިންވެސްޓަރުން ކޮށްފައިވާ އިންވެސްޓްމެންޓް އަގު 519 ބިލިއަން ސައުދީ ރިޔާލަ އަށް އެރި އެވެ. އޭގެ ކުރީ އަހަރު (2024 ވަނަ އަހަރު ) ބޭރުގެ އިންވެސްޓްމެންޓްތަކުގެ އަގަކީ 498 ބިލިއަން ރިޔާލަ އެވެ. 

ސައުދީ ސީއެމްއޭ އިން ބުނީ ގަވައިދަށް ގެނައި ބަދަލުތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރެވޭނެ ކަމަށެވެ.