ސައުދީ އަރަބިއްޔާގެ އެކުވެރިއެއްގެ ގޮތުގައި އޮވެފައި މިހާރު މައްސަލަ ޖެހިފައިވާ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ޕާކިސްތާނުން ދައްކަންޖެހޭ ލޯނުތައް އަނބުރާ ދެއްކުމަށާއި ރިޒާވް މަތިކުރުމަށް ސައުދީން ތިން ބިލިއަން ޑޮލަރު ދޭން ނިންމާފައިވާ ޕާކިސްތާނުން ބުނެފި އެވެ.

"ފެޑެރަލް މިނިސްޓަ ފޯ ފިނޭންސް އެންޑް ރެވެނިއު، ސެނެޓަރު މުހައްމަދު އައުރަންގްޒޭބް ވަނީ، ސައުދީ އަރަބިއްޔާއިން އިތުރު 3 ބިލިއަން ޑޮލަރުގެ ޑިޕޮސިޓެއް ދިނުމަށް އެއްބަސްވެފައިވާކަން އަންގަވާފައި. އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެ ފައިސާ ލިބޭނެ ކަމަށް ބެލެވޭ،" ޕާކިސްތާނުގެ ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އަހަރީ 'ސްޕްރިންގް މީޓިންގްސް' އަށް މިހާރު ވޮޝިންޓަންގައި ހުންނެވި އައުރަންގްޒޭބް ވިދާޅުވީ، ސައޫދީން މިހާރު ވެސް ޑިޕޮސިޓްކޮށްފައިވާ 5 ބިލިއަން ޑޮލަރުގެ ބެހެއްޓުމުގެ މުއްދަތު ވެސް، ވަކި މުއްދަތެއް ނެތް ގޮތަށް އިތުރުކޮށްދޭނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، އެއްބަސްވުންތަކާ އެއްގޮތަށް، އައިއެމްއެފްގެ ޕްރޮގްރާމްތަކުގައިވާ ގޮތުގެ މަތިން ބޭރު ފައިސާގެ ރިޒާވް ބެލެހެއްޓުމަށް ޕާކިސްތާނުން އިސްކަންދޭނެ ކަމަށެވެ.

ޔޫއޭއީގެ ލޯނުގެ ބަދަލުގައި ސައުދީގެ ލޯނެއް ހޯދުމުގެ ފުރުސަތު އެބައޮތްތޯ ސުވާލުކުރުމުން، ފިނޭންސް މިނިސްޓަރު އައުރަންގްޒޭބް ވިދާޅުވީ ޔޫރޯބޮންޑާއި ލޯނު އަދި ކޮމާޝަލް ދަރަނި ހިމެނޭހެން "ހުރިހާ އިހުތިޔާރުތަކެއް ވެސް އެބަހުރި" ކަމަށެވެ.

ޕާކިސްތާނަށް އިގްތިސާދީ ގޮތުން ދަތިވާ ކޮންމެ ފަހަރަކު ސައުދީ އަރަބިއްޔާއިން އަންނަނީ ތަކުރާރުކޮށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން، 2018 ވަނަ އަހަރު ވަނީ 6 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ މަރުކަޒީ ބޭންކުގައި ބެހެއްޓި 3 ބިލިއަން ޑޮލަރުގެ ޑިޕޮސިޓަކާއި ފަހުން ފައިސާ ދައްކާ ގޮތަށް ދިން 3 ބިލިއަން ޑޮލަރުގެ ތެޔޮ ހިމެނެ އެވެ.

ހަމައެއާ އެކު، މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާ އާއި އީރާނާ ދެމެދު މެދުވެރިއެއްގެ ދައުރު ޕާކިސްތާނުން އަދާކުރަމުންދާ އިރު، އީރާނުން ސައުދީއަށް ދެމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކުން އެ ގައުމު ދިފާއުކުރުމަށް ވެސް ޕާކިސްތާނުން އަންނަނީ އެހީވަމުންނެވެ.

އީރާނުން ސައުދީގެ ހަކަތަ އުފައްދާ މުހިންމު ވަސީލަތްތަކަށް ހަމަލާދިނުމާ ގުޅިގެން، މިދިޔަ ހަފުތާގައި ޕާކިސްތާނުން ވަނީ ސައުދީ އަރަބިއްޔާއަށް ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި އެހީތެރިކަން ފޯރުކޮށްދޭ އުޅަނދުތައް ފޮނުވައިފަ އެވެ.

މިކަން އިއުލާނުކޮށްފައި ވާއިރު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ރަސްމީ ދަތުރެއްގައި މިއަދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވާނެ ކަމަށް އޭނާގެ އޮފީހުން މިއަދު ވަނީ ބުނެފަ އެވެ.