ރިޔާޟް، ސައުދީ އަރަބިއްޔާ (ނޮވެމްބަރު 24) - ތެލަށް ބަރޯސާވެފައިވާ އިގްތިސާދު ސިންދަފާތު ކުރުމަށް ކުރަމުން އަންނަ އިސްލާހީ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށް، 2027 ވަނަ އަހަރަށް 190 ބިލިއަން ރިޔާޟަށް (50.8 ބިލިއަން ޑޮލަރަށް) ވުރެ ބޮޑު ޑެފިސިޓެއް ލަފާކޮށް ސައުދީ އަރަބިއްޔާގެ ފިނޭންސް މިނިސްޓްރީން ބަޖެޓް ހުށަހަޅައިފި އެވެ.
މި ބަޖެޓް އިއުލާންކޮށްފައި މި ވަނީ، ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައޫދީގެ ފައިނޭންޝަލް ޑިސްޓްރިކްޓަށް އަމާޒުކޮށް އެންމެ ފަހުން ދިން ހަމަލާގައި، ވެރިރަށް ރިޔާޟްގައި ހުންނަ އެންމެ އުސް އިމާރާތަށް އެއް ހަފުތާ ތެރޭގައި ދެވަނަ ފަހަރަށް ހަމަލާދީފައިވާ ދަނޑިވަޅެއްގަ އެވެ.
ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފައިވާ ގޮތުގައި 2027 ވަނަ އަހަރު ދައުލަތުގެ ހަރަދު 1.39 ޓްރިލިއަން ރިޔާޟަށް އަރާނެ އެވެ. އަދި އާމްދަނީގެ ގޮތުގައި 1.2 ޓްރިލިއަން ރިޔާޟް ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު، ބަޖެޓް ޑެފިސިޓް ހުންނާނީ 190.56 ބިލިއަން ރިޔާޟްގަ އެވެ. މިއީ 2026 ވަނަ އަހަރަށް މުރާޖައާކޮށްފައިވާ 245 ބިލިއަން ރިޔާޟްގެ ޑެފިސިޓް އަންދާޒާއާ އަޅާބަލާއިރު 22 ޕަސެންޓް ދަށް އަދަދެކެވެ.
ސައޫދީ ޕްރެސް އެޖެންސީން ބުނި ގޮތުގައި މި ބަޖެޓް ފާސްކޮށްފައިވަނީ އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގަ އެވެ.
ހަނގުރާމަ ފެށުމުގެ ކުރިން، އަރަބި ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު އޮތް ސައުދީން އައީ "ވިޝަން 2030" ގެ ދަށުން، ތެލުގެ އާމްދަނީއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން އިންވެސްޓްމަންޓާއި ޓޫރިޒަމް ފުޅާކުރުމުގެ މަޝްރޫއުތަކަށް އެ ގައުމުގެ އޮފިޝަލުން އައީ ބިލިއަނުން ފައިސާ ހަރަދުކުރަމުންނެވެ. ނަމަވެސް ފާއިތުވި މަސްތަކުގައި، ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އޭގެ ތެރެއިން ގިނަ ރޭވުންތަކަށް ވަނީ ބުރޫއަރާފަ އެވެ.
އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ހޫތީން ދެމުންދާ ހަމަލާތަކާ ގުޅިގެން، މި ފިނި މޫސުމުގައި ސައުދީގައި ބާއްވަން ރާވާފައި އޮތް މުހިންމު ގިނަ އިވެންޓްތަކެއް ވަނީ ކެންސަލްކޮށްފަ އެވެ. އޭގެ ތެރޭގައި އެ ގައުމުގެ އެންމެ ބޮޑު އިންވެސްޓްމަންޓް ކޮންފަރެންސާއި، ކުޅިވަރު މުބާރާތްތަކުގެ އިތުރުން މިއުޒިކް ފެސްޓިވަލެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން، މިދިޔަ އޮކްޓޯބަރު މަހު ރިޔާޟްގެ ބައިނަލްއަގްވާމީ އެއާޕޯޓަށް ހޫތީން ދިން ނުރައްކާތެރި ހަމަލާތަކަކަށް ފަހު، އެ އެއާޕޯޓުގެ ފްލައިޓްތައް ވެސް ވަނީ ވަރަށް ބޮޑަށް މަދުކޮށްފަ އެވެ.
އަހަރެއްހާ ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ދާޚިލީ ހަނގުރާމައެއްގައި އޮތް ޔަމަން، އެމެރިކާ އާއި އީރާނުގެ ފުޅާ ހަމަނުޖެހުންތަކުގެ ތެރެއަށް ވަނީ، ހޫތީންނާއި ސައޫދީގެ މަދަދު ލިބޭ ސަރުކާރާ ދެމެދު އޮތް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން މިދިޔަ ޖުލައި މަހު ރޫޅުމާ ގުޅިގެންނެވެ. ޔަމަނުގެ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ސަރުކާރަށް ސައޫދީން މަދަދު ދެމުންދާއިރު، އަލުން ހަނގުރާމަ ފެށުނު ފަހުން ހޫތީން ސައުދީއަށް ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސައުދީން ގެންގުޅޭ ބޮޑު ޕްލޭނަށް މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ހަނގުރާމަ ފެށުމުގެ ކުރިން ވެސް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. އެ ގޮތުން، އަގުބޮޑު ބައެއް މަޝްރޫއުތަކުގެ މަސައްކަތްތައް އޭރު ވެސް އޮތީ ކުޑަކޮށްފަ އެވެ. -- އޭއެފްޕީ