ފަލަސްތީނުގެ ޣައްޒާގައި ސުލްހަ ބަލަހައްޓަން ފޮނުވާ ބައިނަލްއަގުވާމީ ފައުޖުގައި ގަތަރާއި ތުރުކީގެ ސިފައިންނަށް ޖާގަ ނުދޭނެ ކަމަށާއި އެއްބަސްވުމުގެ ދަށުން ކަނޑައެޅި ޣައްޒާގެ ހިންގާ ކޮމިޓީ ވެސް ގަބޫލު ނުކުރެވޭ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
ޣައްޒާގައި ކުރި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވާލެއްވި 20 ނުކުތާގެ އެއްބަސްވުމުގައި ކަނޑައެޅި ގޮތަށް ވައިޓް ހައުސް އިން މިދިޔަ ހަފުތާގައި ވަނީ "ބޯޑް އޮފް ޕީސް" ގެ ނަމުގައި ބޯޑެއް އުފައްދައިފަ އެވެ. މިއީ ޣައްޒާގެ ކަންކަން ދުވަހުން ދުވަހަށް ބަަލަހައްޓަން ކަނޑައެޅި ކޮމިޓީގެ މައްޗަށް އޮންނަ ބޯޑެކެވެ. މި ބޯޑާއި ކޮމިޓީ މަސައްކަތް ފެށުމާ އެކު ޣައްޒާއަށް ބައިނަލްއަގުވާމީ ފައުޖެއް ވެސް ދާން ކަނޑައަޅާފައިވެ އެވެ.
"ޣައްޒާގައި މިހާރު މި އޮތީ ޓްރަމްޕުގެ ޕްލޭންގައި ބަޔާންކުރާ ދެ ވަނަ ފިޔަވަހި ފެށުމާ ހިސާބަށް އައިސްފައި. ދެ ވަނަ ފިޔަވަހީގެ މާނަ އަކީ ވަރަށް ސާފު އެންމެ ކަމެއް. ހަމާސް އިން ހަތިޔާރު ބަހައްޓައި ޣައްޒާ އަކީ ހަތިޔާރު ނުގެންގުޅޭ ތަނަކަށްވުން،" ގާނޫނު ހަދާ މަޖިލީހުގައި ނަތަންޔާހޫ ބުންޏެވެ.
"ޣައްޒާގައި ތުރުކީ ނުވަތަ ގަތަރުގެ ސިފައިންނެއް ނުތިބޭނެ،" ޓްރަމްޕްގެ ޕްލޭންގެ ދަށުން ހުށަހެޅި އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް) އަށް އިޝާރާތް ކުރައްވައި އޭނާ ބުންޏެވެ.
ޣައްޒާގެ ސަލާމަތީ ކަންކަން ބަލަހައްޓައި، ހަމާސްގެ ބަދަލުގައި އާ ފުލުހުންގެ ފައުޖެއް ތަމްރީނު ކުރުމުގެ ޒިންމާ އުފުލާނެ މި ފައުޖުގައި ހިމަނަން ނިންމާފައި ވަނީ ކޮން ގައުމުތަކެއްގެ ސިފައިނެއް ކަމެއް އަދި ނޭނގެ އެވެ.
ޣައްޒާގެ ބޯޑް އޮފް ޕީސްގައި ބައިވެރިވުމަށް އެކި ގައުމުތަކުގެ ވެރިންނަށް ޓްރަމްޕު ދައުވަތު ދެއްވަމުން ދާއިރު އަދި މި ދައުވަތު ގަބޫލުކުރި ގައުމުތަކެއް ކަށަވަރެއް ނޫނެވެ.
ޣައްޒާގެ ސުލްގައިގެ އެއްބަސްވުމުގެ ދެ ވަނަ ފިޔަވަހި ތަންފީޒުކުރަން ފަށާފައި ވާއިރު މި މަރުހަލާގައި ޣައްޒާއިން އިޒްރޭލު ސިފައިން އެއްކޮށް ފޭބުމާއި ރަފަހް ބޯޑަރު ހުޅުވުމާއި މިސްރުގެ ބޯޑަރު ސަރަހައްދުގައި ޖަމާވެ، މިހާރު ޣައްޒާއަށް އެތެރެ ނުކުރެވި ހުރި އެހީގެ ސާމާނު ވެއްދުން ވެސް ހިމެނެ އެވެ. ޣައްޒާގައި އިޒްރޭލުން ހަމަލާދީ 67،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް ދެ މިލިއަން މީހުން ބަނޑަށް ޖައްސައި އިމާރާތްތައް ބިމާ ހަމަކޮށްލި ފަހުން ސުލްހައިގެ އެއްބަސްވުން ހެދީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ހަމަލާތައް ހުއްޓާލަން އެއްބަސްވި ފަހުން ވެސް އިޒްރޭލުން ޣައްޒާއިން 451 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ.