ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލަން ހެދި އެއްބަސްވުމުގެ ދަށުން އުފައްދާ "ބޯޑް އޮފް ޕީސް" ގައި ބައިވެރިވުމުގެ ދައުވަތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވެސް ދީފި އެވެ.
އެމެރިކާއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސާޖިއޯ ގޯރް އެކްސްގައި ޝެއާކުރެއްވި ވައިޓް ހައުސްގެ ޕޯސްޓެއްގައި މިކަން ހާމަކޮށްފައި ވިޔަސް އިންޑިއާއިން މި ދައުވަތު ގަބޫލުކުރި ކަމެއް ނޭނގެ އެވެ.
ރައީސް ޓްރަމްޕު ވިދާޅުވެފައިވަނީ މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރުމަށް ކުރާ މަސައްކަތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގަތުމަށް ދައުވަތު ދިނުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މިއީ ދުނިޔޭގެ މައްސަލަތައް ހައްލުކުރުމުގައި އަޒުމާ އެކު އަލުން މަސައްކަތް ފެށުމުގެ ވަގުތު ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މި ދައުވަތާ މެދު އިންޑިއާއިން ނިންމި ގޮތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
އިންޑިއާއަށް ޓްރަމްޕު މި ދައުވަތު ދެއްވާފައި ވާއިރު، އެމެރިކާއަށް އެެތެކުރާ އިންޑިއާގެ މުދަލުން 50 ޕަސެންޓާ ހަމައަށް ޓެރިފް ނަގަން ނިންމި މައްސަލައައާ އެކު ދެ ގައުމުގެ ގުޅުން ވަނީ ހީނަރުވެފަ އެވެ. ޓެރިފް ކުޑަކުރުމާ ގުޅޭ ގޮތުން މިހާތަނަށް ކުރި މަޝްވަރާތަކުން އެއްވެސް ހައްލެއް ވެސް ނުފެނެ އެވެ.
ގޯރް ވިދާޅުވެފައިވާ ގޮތުގައި ބޯޑް އޮފް ޕީސް ވެގެންދާނީ ޣައްޒާއަށް ދާއިމީ ސުލްހައެއް ގެނެސްދޭނެ ބޯޑަކަށެވެ.
ބޯޑުގައި މެންބަރުން ހިމެނުމުގެ ދައުވަތު މިސްރު، ތުރުކީ، އާޖެންޓީނާ އަދި ކެނެޑާއަށް ވެސް ވަނީ ދީފަ އެވެ.
"ބޯޑް އޮފް ޕީސް" ގައި ޓްރަމްޕު ވަނީ ޓްރަމްޕުގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ އާއި އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އާއި އިސް ނެގޯޝިއޭޓަރު ޖެރެޑް ކުޝްނާ އަދި ސްޓީވް ވިކްޓޮފް ވެސް ހިމަނައިފަ އެވެ. ބޯޑުގެ ޗެއާމަނަކީ ޓްރަމްޕެވެ.
މިއީ އިޒްރޭލުން ދެ އަހަރު ވަންދެން ޣައްޒާއަށް ދިން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވި ހުށަހެޅުމުގެ ދަށުން ޣައްޒާ ހިންގަން އެކުލަވާލާ ވަގުތީ ކޮމިޓީގެ ކޮންޓްރޯލް އޮންނަ ބޯޑެވެ. އެ ކޮމިޓީއަށް ވެސް ކުރިން ވަނީ މެންބަރުން އައްޔަންކޮށްފަ އެވެ.
ޣައްޒާގެ ސުލްގައިގެ އެއްބަސްވުމުގެ ދެ ވަނަ ފިޔަވަހި ތަންފީޒުކުރަން ފަށާފައި ވާއިރު މި މަރުހަލާގައި ޣައްޒާއިން އިޒްރޭލު ސިފައިން އެއްކޮށް ފޭބުމާއި ރަފަހް ބޯޑަރު ހުޅުވުމާއި މިސްރުގެ ބޯޑަރު ސަރަހައްދުގައި ޖަމާވެ، މިހާރު ޣައްޒާއަށް އެތެރެ ނުކުރެވި ހުރި އެހީގެ ސާމާނު ވެއްދުން ވެސް ހިމެނެ އެވެ.
ޣައްޒާގައި އިޒްރޭލުން ހަމަލާދީ 67،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް ދެ މިލިއަން މީހުން ބަނޑަށް ޖައްސައި އިމާރާތްތައް ބިމާ ހަމަކޮށްލި ފަހުން ސުލްހައިގެ އެއްބަސްވުން ހެދީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ހަމަލާތައް ހުއްޓާލަން އެއްބަސްވި ފަހުން ވެސް އިޒްރޭލުން ޣައްޒާއިން 451 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ.