ކެޓަރެކްޓްސް ސާޖަރީ ނުވަތަ ލޯ ފުސްވުން ރަނގަޅުކުރުމަށް ހަދާ ސާޖަރީ ބޭނުންވާ 94 މިލިއަނަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށާއި އެކަމަކު އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ އެކަން ކުރެވޭނެ ގޮތް ނެތް މީހުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.
ކެޓަރެކްޓްސް -- ލޮލުގެ ކަޅިއަށް ފުސްއަރައި، ލޮލަށް ފެނުން ވެސް ފުސްވާ މި މައްސަލައިގެ ސަބަބުން ލޮލުގެ ފެނުން އެއްކޮށް ގެއްލިގެން ވެސް ދެ އެވެ. މި މައްސަލަ މުޅި ދުނިޔޭގައި ވެސް އިތުރުވަމުން ދާއިރު އެންމެ ބޮޑު ސަބަބެއް ކަމަށް ވެފައި ވަނީ އުމުރުން ދޮށީ މީހުން ގިނަވުމެވެ.
"ކެޓަރެކްޓްސް ސާޖަރީ އަކީ އެންމެ 15 މިނެޓުގެ އާދައިގެ ޕްރޮސީޖާއެއް އަދި އެންމެ އަގު ހެޔޮ މެޑިކަލް އެއް ޕްރޮސީޖާ. މިއީ ލޮލުގެ ފެނުން ވަގުތުން އިޔާދަކޮށް ދިގު މުއްދަތަކަށް ހޯދޭ ހައްލެއް،" ޑަބްލިޔުއެޗްއޯ އިން ބުންޏެވެ.
މިއީ އެންމެ މުއްސަނދި ގައުމުތަކުގައި އެންމެ ގިނައިން ހަދާ އެއް ސާޖަރީ އެވެ.
އެކަމަކު "މުޅި ދުނިޔޭގައި ތިބި މި ސާޖަރީ ބޭނުންވާ މީހުންގެ ތެރެއިން ދެ ބައިކުޅަ އެއް ބައި މީހުންނަކީ މިކަން ކުރެވޭނެ ގޮތެއް ނެތް މީހުން" ކަމަށް ލޮލުގެ ފަރުވާއާ ބެހޭ، ޑަބްލިޔުއެޗްއޯގެ ޓެކްނިކަލް ލީޑް ސްޓްރޯޓް ކީލް ވިދާޅުވި އެވެ.
ހާލަތު އެންމެ ގޯހީ، ޑަބްލިއުއެޗްއޯގެ އެފްރިކާ ސަރަހައްދުގައި ކަމަށާއި ކެޓަރެކްޓް ސާޖަރީއެއް ހަދަން ޖެހޭ ކޮންމެ ހަތަރު މީހަކުން ތިން މީހަކު ތިބީ އެކަން ނުކުރެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ކީލް ވިދާޅުވި ގޮތުގައި ކެންޔާގައި ކެޓަރެކްޓް ސާޖަރީ ހަދަން ޖެހޭ މީހުންގެ ތެރެއިން 77 ޕަސެންޓް މީހުން މަރު ވެދާނީ ވެސް އެ ހާލަތުގައި ތިބެގެން ކަމަށް ވުމުގެ ފުރުސަތު ބޮޑެވެ.
ހުރިހާ ސަރަހައްދެއްގައި ވެސް ފިރިހެނުންނަށް ވުރެ އަންހެނުންނަށް ސިއްހީ މި ހިދުމަތް ނުލިބުމުގެ މައްސަލަ ވަކިން ބޮޑުކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
މި މައްސަލަ ހުރި 94 މިލިއަން މީހުންގެ ތެރެއިން ލޯ އަނދިރިވެފައި ވަނީ 20 ޕަސެންޓަށް ވުރެ މަދު މީހުން ކަމަށާއި ދެން ތިބި މީހުންނަކީ ލޮލުގެ ފެނުމަށް ދަތިވެފައިވާ މީހުން ކަމަށް ސިއްހަތު ޖަމިއްޔާއިން ބުންޏެވެ.
ޑަބްލިއުއެޗްއޯއިން ބުނީ ފާއިތުވި 20 އަހަރުގެ ތެރޭގައި، ކެޓަރެކްޓް ސާޖަރީ ކަވަރޭޖް މުޅި ދުނިޔޭގައި 15 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. ޑަބްލިއުއެޗްއޯގެ މެމްބަރު ގައުމުތަކުން ވަނީ 2030 ވަނަ އަހަރު އަންނަންވާއިރަށް މި ނިސްބަތް 30 ޕަސެންޓް އިތުރުކުރުމަށް 2021 ވަނަ އަހަރު އަމާޒު ކަނޑައަޅައިފަ އެވެ.
އެކަމަކު މިހާރުގެ މޮޑެލިން އިން ލަފާކުރާ ގޮތުގައި މި ހިނގާ 10 އަހަރު ކެޓަރެކްޓް ސާޖަރީ ކަވަރޭޖް އިތުރުވާނީ އެންމެ 8.4 ޕަސެންޓަށެވެ.
މި ފަރަގު ނައްތާލަން ޑަބްލިއުއެޗްއޯއިން ވަނީ ޕްރައިމަރީ ހެލްތުކެއާގައި ލޮލުގެ ޓެސްޓްތައް ހިމެނުމަށާއި ކެޓަރެކްސް ސާޖަރީ ހެދުމަށް ބޭނުންވާ ވަސީލަތްތަކަށް އިންވެސްޓްކުރުމަށް ގައުމުތަކަށް ގޮވާލައިފަ އެވެ. އަދި ލޮލުގެ ފަރުވާދޭ މީހުންގެ އަދަދު އިތުރުކޮށް، މީހުން ތަމްރީންކުރުން ވަކި މިންގަނޑަކަށް ފައްތައި ގައުމުތަކުގެ އެކި ސަރަހައްދުތަކުގައި އަދި ހާއްސަކޮށް ބޮޑެތި ސިޓީތަކުން ބޭރުގައި ފަރުވާ ދެވޭނެ އިންތިޒާމް ފުޅާކުރުމަށް ވެސް ގޮވާލާފައިވެ އެވެ.