ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރި ކްރޫޒް ޝިޕެއްގައި ތިބި ބައެއްގެ ގައިން ފެނިފައިވާ ހަންޓާވައިރަސްގެ ރިސްކު ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

އާއްމު ސިއްހަތު ރައްކާތެރިކުރުމާ ބެހޭ އެ އިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސްޕެއިންގެ ޓެނެރީފް އައިލެންޑަށް ދަތުރުކުރި "އެމް.ވީ ހޮންޑިއަސް" ނަމަކަށް ކިޔާ އެ ބޯޓުން ފެނުނު އެ ބަލީގެ ހާލަތު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ކަމަށްވާ ޑަބްލިއުއެޗްއޯއާ ގުޅިގެން މޮނީޓާކުރަމުންދާ ކަމަށެވެ. 

ރާއްޖެއިން މިހާތަނަށް އެ ބަލީގެ އެއްވެސް ކޭހެއް އަދި ބަލި ޖެހިފައިވާ މީހަކާ ދިމާވި މީހަކު ވެސް ފެނިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

"ރާއްޖެއަށް ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށް،" އޭނާ ވިދާޅުވި އެވެ. 

އޮފިޝަލް ވިދާޅުވީ އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބޭ މިންވަރަކުން ހިއްސާކުރާނެ ކަމަށެވެ. 

އާންމު ގޮތެއްގައި މީދާ އާއިލާގެ ތެރޭގައި ފެތުރޭ އެ ވައިރަސް އިންސާނުންނަށް ވާސިލް ވަނީ ވަރަށް ނާދިރު ހާލަތެއްގަ އެވެ. އެކަމަކު އިންސާނަކަށް ޖެހިއްޖެ ނަމަ، ނޭވާލާ ނިޒާމާއި ކިޑްނީއަށް ވަރަށް ބޮޑަށް ގެއްލުންވެ އެވެ.

މީދަލުގެ ސަބަބުން އިންސާނުންނަށް އެ ވައިރަސް ޖެހެނީ ބަލި ޖެހިފައިވާ މީދަލުގެ ނަޖިހާއި ކުޅު ނޭވާގެ ޒަރީއާއިން އިންސާނުންގެ ހަށިގަނޑަށް ވަނުމުންނެވެ. 

އެ ބޯޓުން ދަތުރުކުރި ތިން ފަސިންޖަރަކު ހަންޓާވައިރަހުގައި މަރުވެފައިވާއިރު ޑަބްލިއުއެޗްއޯ އިން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވަނީ ބަލި ޖެހިފައިވާކަން ކަށަވަރުވާ ފަސް މީހަކާއި ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ ތިން މީހަކު އެބަ ތިބި ކަމަށެވެ.

ބަލި ޖެހުނު މީހުންނާ ޑައިރެކްޓު ކޮންޓެކްޓުވި ބަޔަކު ވެސް އެއަށް ނެގެޓިވްވުމުން، އެއީ ފެތުރުމުގެ ފުރުސަތު ކުޑަ ވައިރަހެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވަނީ ބުނެފަ އެވެ.

ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ކްރިސްޓިއަން ލިންޑްމެއިއާ ވިދާޅުވި ގޮތުގައި ބަލި ޖެހުނު މީހުންނާ އެކު އެއް ކެބިންއެއްގައި ތިބި މީހުންގެ ތެރެއިން ވެސް ބައެއް މީހުންނަށް ބަލީގެ ވައިރަސް އަރާފައި ނެތް ކަމަށް ބެލެވެ އެވެ.

"މިއީ އާ ކޮވިޑެއް ނޫން... މިއީ ހިމަބިއްސާ ގާތްކުރާ ވަރުގެ ކަމެއް ވެސް ނޫން،" ހަންޓާވައިރަސްއަކީ ކެއްސާ މީހެއްގެ ކައިރީގައި ހުރެގެން ވެސް ޖެހޭ ބައްޔެއް ނޫންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

"ބަލި ޖެހޭނީ މޫނާއި މޫނު ޖެހޭހާ ގާތްވެގެން... ކުޅު ވާސިލްވުމުން، ބުރައިގެންދާ ކުޅުން މައްސަލަ ދިމާވެދާނެ،" އޭނާ ވިދާޅުވި އެވެ.