ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އަންނަ ބުދަ ދުވަހުން ފެށިގެން އިތުރަށް ވަރުގަދަ ކުރަން ނިންމާފައިވާ ކަަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ހަވީރު ބޭއްވި މީޑިއާބްރީފިން އެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް ކޮންޓްރޯލްކުރުމަށް ޓަކައި މިމަހު 26 ވަނަ ދުވަހު ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށާއި އެހެން ނަމަވެސް ލޮކްޑައުން ކުރަން ނިންމާފައި ނުވާ ކަމަށެވެ.
"އިތުރު ފިޔަވަޅުތަކެއް، ރެސްޓްރިކްޝަންތަކެއް އެޅުމަށް މި ވަގުތު މަޝްވަރާކުރެވެމުން އެބަދޭ. އަދި އެކަންކަން މިއަދު އަޅުގަނޑުމެން މި ވާހަކަ ދައްކާއިރު ވެސް ލިޔެވެމުން އެބަދޭ. ލޮކްޑައުންގެ ހާލަތަކަށް ނުދާނެ،" މަބްރޫކް ވިދާޅުވި އެވެ.
އެހެން ނަމަވެސް އަޅާނީ ކޮން ފިޔަވަޅުތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. މާލޭގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހަވީރު 4 އިން ފަތިހު 4 އަށް ވަކި ގަޑިތަކެއްގައި ކާފިއު ހިންގުން ހިމެނެ އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖޭގައި މިހާރު ވަނީ ވަރަށް ސީރިއަސް ހާލަތަކަށް ގޮސްފަ އެވެ. އެގޮތުން އެބަލީގައި މަރުވާ މީހުންނާއި ހާލުބޮޑުވާ މީހުން ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން އިއްޔެ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން އޭގެ ކުރީ ދުވަހު ހަވީރު 6:00 އިން ފެށިގެން އިއްޔެ ހަވީރު 6:00 އަށް ނަތީޖާ ސާފުކުރި ސާމްޕަލްތަކުގެ ތެރެއިން 1960 ސާމްޕަލެއް އެބައްޔަށް ޕޮޒިޓިވް އެވެ. އެކަމަކު އެއީ ކިތައް ދުވަހުން ޓެސްޓްކުރި ސާމްޕަލްތަކެއް ކަމެއް ނޭނގެ އެވެ.
ހާލަތު ރަނގަޅުކުރުމަށް ޓަކައި މިހާރު ކުރަމުން އަންނަ އެއް ކަމަކީ މަބްރޫކް ވިދާޅުވި ގޮތުގައި ކޮންމެ އަތޮޅަކަށް ވަކިން އަތޮޅު ފެންވަރުގެ ޓާސްކްފޯސްތަކެއް އެކުލަވައިލުމެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޓާސްކްފޯސްތައް އެކުލަވައިލާނީ އަލަށް ހޮވުނު ކައުންސިލްތަކާއި މެޑިކަލް ޕްރޮފެޝަނަލުންގެ ވެސް ބައިވެރިވުން އޮންނަ ގޮތަށެވެ.
"ކޮންމެ އަތޮޅަކަށް ވެސް އެއަތޮޅެއްގެ ކަންތައް ވަކިން ބެލުމަށް ޓަކައި ޓާސްކްފޯސްތަކެއް ހެދުމުގެ މަސަައްކަތްތަކެއް މިހާރު ކުރިއަށް އެބަދޭ،" އޭނާ ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ އަލަށް ހޮވުނު ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލްތަކާ އެކު އެޗްޕީއޭއިން ބައްދަލުވުންތައް ބާއްވައި މަޝްވަރާކޮށްފަައިވާ ކަމަށެވެ. އެގޮތުން މަޝްވަރާކުރީ އެކްޓިވް ކޭސްތައް މެނޭޖްކުުރުމާއި މޮނިޓަރިންގައި ހުރި ރައްތަކުގައި ފިޔަވަޅުތައް އެޅުމާ ބެހޭ ގޮތުން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.