އިނގިރޭސި ވިލާތުގެ އިސްތިއުމާރުގައި އޮތް ޗާގޯސް މޮރިޝަސްއަށް ދޫކޮށްލުމާ ދެކޮޅުހެދުމަށް، ޗާގޯސްގެ އަސްލު ރަށްވެހިން ކަމަށް ބުނާ ހަތަރު މީހަކު އެތަނުގެ ރަށަކަށް އަރައިފި އެވެ. 

އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ ކުރީގެ މަޖިލިސް މެމްބަރު އެޑަމް ހޮލޮވޭއާ އެކު ޗާގޯސްގެ ހަތަރު މީހަކު އެތަނުގެ ޕެރޮސް ބަންހޯސް އަތޮޅުގައި އޮންނަ ކޮއިން އައިލެންޑަށް އެރީ މިދިޔަ ހޯމަ ދުވަހު އެވެ. 

މޮރިޝަސްއަށް 1960ގެ އަހަރުތަކުގައި އިނގިރޭސި ވިލާތުން މިނިވަންކަން ދިން އިރު ޗާގޯސްގެ ރަށްތަކުގެ ކޮންޓްރޯލް ދޫކޮށެއް ނުލަ އެވެ. އަދި މޮރިޝަސް އަށް މިނިވަންކަން ދިނުމުގެ ބަދަލުގައި އެ ރަށްތައް "ގަނެ"  އަސްކަރީ މަރުކަޒެއް ހަދަން އެންމެން ބޭރުކޮށްލި އެވެ.

މިދިޔަ އަހަރުގެ މެއި މަހު އިނގިރޭސި ވިލާތުން ވަނީ މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ދޭން ނިންމައިފަ އެވެ. އެކަމަކު ޗާގޯސްގެ އެންމެ ބޮޑު ރަށް ކަމަށްވާ، އިނގިރޭސި ވިލާތާއި އެމެރިކާއިން އަސްކަރީ މަރުކަޒު ހިންގާ ޑިއެގޯ ގާސިއާ (ފޯޅަވަހި) 99 އަހަރަށް ކުއްޔަށް ދީ، އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބާއްވަން މޮރިޝަސްއާ އެކު ވަނީ އެއްބަސްވުމެއް ހަދައިފަ އެވެ. 

ކޮއިން އައިލެންޑަށް އަރައި ޓެންޓު ޖަހައިގެން ތިބި މީހުންގެ ތެރެއިން އެކަކު އޭއެފްޕީއަށް ބުނީ މޮރިޝަސް އާއި އިނގިރޭސި ވިލާތުގެ ޑީލަށް އެ މީހުން ދެކޮޅުހަދާ ކަމަށެވެ. 

"އިނގިރޭސި ވިލާތުން މޮރިޝަސްއާ އެ ހަވާލުކުރަނީ އަހަރެމެންގެ ރަށްތައް. އެހެންވެ އަހަރެމެން މިތަނުގައި މި ތިބީ،" ވަޒަނުން ބޭރުގައި އުޅެންޖެހިފައިވާ ޗާގޯސް ރައްޔިތުންގެ ސަރުކާރުގެ ފުރަތަމަ މިނިސްޓަރުގެ ގޮތުގައި އަމިއްލައަށް ސިފަކުރި މިސްލޭ މެންޑަރިން ބުންޏެވެ. 

އޭނާ ބުނީ ބޭނުންވަނީ އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި ޗާގޯސް ބާއްވަން ކަމަށާއި އެތަނުގެ ރަށްވެހިންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބި 322 މީހުން އެނބުރި އެ މީހުންގެ ވަޒަނަށް ދިއުމުގ ފުރުސަތު ވެސް ދޭންޖެހޭނެ ކަމަށެވެ. 

"އަހަރެމެން މިތަނުގައި ވަޒަންވެރިވާން އެއްވެސް ސަރުކާރެއްގެ އެހީތެރިކަމެއްގެ އިންތިޒާރަކު ނޫން މި ތިބީ،" ފޭސްބުކް ލައިވް ވީޑިއޯއެއްގައި މެންޑަރިން ބުންޏެވެ. 

"އިނގިރޭސި ބޮޑުވަޒީރު [ކިއާ ސްޓާމާ] އާއި މޮރިޝަސް ސަރުކާރަކަށް އަހަރެން މިތަނުން ބޭރެއް ނުކުރެވޭނެ." 

އޭނާ ފޯނުން އޭއެފްޕީއާ ވާހަކަ ދައްކަމުން ބުނީ އިނގިރޭސި ވިލާތުގެ މެރިޓައިމް ޕެޓްރޯލް އުޅަނދުތަކުން މިއަދު ވަނީ އެ މީހުން ރަށުން ބާލަން މަސައްކަތްކޮށްފައި ކަމަށެވެ. 

"އެ މީހުން  ބޭނުންވަނީ އަހަރެެމެން މިތަނުން ބާލަން. އެކަމަކު އަހަރެމެން ތިބޭނަން ... އަހަރެންގެ ދިފާއުގައި މަސައްކަތްކުރާނެ ގާނޫނީ ވަކީލުން އެބަތިބި،" އޭނާ ބުންޏެވެ. 

ކޮންޒަވެޓިވް ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި މެންޑަރިން ޗާގޯސްގެ ރަށަކަށް ގޮސް ހުރީ އުމުރުން 72 އަހަރުގެ ބައްޕަ މައިކަލް މެންޑަރިންނާ ވެސް އެކުގަ އެވެ. އެއީ އުމުރުން 14 އަހަރުގައި ޗާގޯސް އިން ބޭރުކޮށްލި މީހެއް ކަމަށް ބުނެފައިވެ އެވެ. 

މޮރިޝަސްގެ ޖަސްޓިސް މިނިސްޓަރު ގެވިން ގްލޯވާ ވިދާޅުވީ، މިއީ ޗާގޯސްގެ ޑީލާ މެދު އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ބަހުސްކުރުމާ ދިމާކޮށް ޖެއްސި "ޕަބްލިސިޓީ ސްޓަންޓެއް" ކަމަށެވެ.

"މިއީ ހިތާމަހުރި ކަމެއް، ސަބަބަކީ މޮރިޝަސް ސަރުކާރުން ވަނީ ޗާގޯސްގެ ރައްޔިތުން ވީހާވެސް އަވަހަކަށް އެ މީހުންގެ އަމިއްލަ ވަޒަނަށް އެނބުރި އާދެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ވައުދުވެފައި،" ގްލޯވާ ވިދާޅުވި އެވެ. -- އޭއެފްޕީ