އިންޑިއާގައި ބަލި މީހަކު ގޮވައިގެން ދަތުރުކުރި ޗާޓަރު އެއާ އެމްބިއުލާންސެއް އެ ގައުމުގެ އިރުމަތީ ސަރަހައްދަކަށް ވެއްޓި އޭގައި ތިބި އެންމެން މަރުވެއްޖެ އެވެ. 

ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ބުނީ "ބީޗްކްރާފްޓް ސީ90 މެޑިކަލް އިވެކުއޭޝަން (އެއާ އެމްބިއުލާންސް) ފްލައިޓް ވެއްޓުނީ އިރުމަތީ ސްޓޭޓެއް ކަމަށްވާ ކަސާރިއާ ސަރަހައްދަށް" ކަމަށެވެ.

ބޯޓުން ދަތުރުކުރި ހަތް މީހުން ވެސް ވަނީ މި ހާދިސާގައި މަރުވެފަ އެވެ. 

ޑީޖީސީއޭ އިން ސޯޝަލް މީޑިއާގައި މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސާޗް އެންޑް ރެސްކިއު ޓީމެއް އެ ސަރަހައްދަށް ގޮސްފައިވާ ކަމަށާއި އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯގެ ޓީމެއް ވެސް ފޮނުވާފައިވާ ކަމަށެވެ.

ރެޑްބާޑް އެއާވޭސް ޕްރައިވެޓް ލިމިޓެޑުން އޮޕަރޭޓްކުރި މި މަތިންދާބޯޓު ދިއްލީއަށް ދަތުރު ކުރަމުން ދިޔައީ ބަލި މީހަކާއި ސިއްހީ ހިދުމަތްތެރިންނާ އެކުގަ އެވެ.

"އެ މަތިންދާބޯޓު މޫސުން ގޯސްވުމުގެ ސަބަބުން މިސްރާބު ބަދަލުކުރަން ބޭނުންވެގެން އެދުނު" ކަމަށާއި އޭގެ 23 މިނިޓް ފަހުން އެއާ ޓްރެފިކް ރާޑަރާ ކޮންޓެކްޓް ކެނޑިފައިވާ ކަމަށް ޑީސީޖީއޭ އިން ބުންޏެވެ.

އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މަތިންދާބޯޓު ވެއްޓުނީ ޖަންގަލިތެރެއަށެވެ. 

މިދިޔަ މަހު މަހަރާޝްތުރާގެ ޗާޓަރު މަތިންދާބޯޓު ވެއްޓުނު ހާދިސާގައި އެ ސްޓޭޓުގެ ވެރިއެއްގެ އިތުރުން ހަތަރު މީހަކު މަރުވެފައިވެ އެވެ.