މިދިޔަ ހަފްތާގައި އީރާންގެ އަސްކަރީ ޖެޓެއް ވެއްޓި އޭގެ ޕައިލެޓް މަރުވެފައި ވަނިކޮށް މިއަދު އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި ހަތަރު މީހުން މަރުވެއްޖެ އެވެ.
އީރާންގެ ދައުލަތުގެ މީޑިއާއިން ބުނީ އެއާފޯސްގެ ހެލިކޮޕްޓަރު ވެއްޓުނީ މެދުތެރޭގައި އޮންނަ ޕްރޮވިންސެއް ކަމަށްވާ އިސްފަހާންގެ މޭވާ ބާޒާރަކަށް ކަމަށެވެ. މި ހާދިސާގައި ހެލިކޮޕްޓަރުގެ ޕައިލެޓާއި ކޯ ޕައިލެޓާއި ހެލިކޮޕްޓަރު ވެއްޓުނު ބާޒާރުގައި ތިބި ދެ މީހަކު ވެސް މަރުވި ކަމަށް ވެސް ބުންޏެވެ.
ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި ހެލިކޮޕްޓަރު ވެއްޓުނީ އިސްފަހާން ޕްރޮވިންސްގެ ޚުމައިނިޝަހަރު ސިޓީގައި ހެލިކޮޕްޓަރު އުދުހެނިކޮށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ.
އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެއާކްރާފްޓްތަކަށް ބޭނުންވާ ސާމާނު ނުލިބޭތީ ފްލީޓްތައް ބާވެގެން ދިމާވާ މައްސަލަތައް އީރާންގައި ގިނަ އެވެ. މެއި، 2024 ގައި އީރާންގެ އޭރުގެ ރައީސް އިބްރާހިމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި އޭނާ ވަނީ އަވަހާރަވެފަ އެވެ. އީރާނުން އޭރު ބުނެފައިވަނީ އެއީ މޫސުން ގޯސްވުމުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށެވެ.
އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވަން އެމެރިކާއިން އެ ގައުމާ އެކު ކުރަމުންދާ މަޝްވަރާއާ އެކު ހަމަލާ ދިނުމުގެ އިންޒާރު ދެމުން ދަނިކޮށް އީރާނުން ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީންތަކެއްގައި އުޅުނު ޖެޓެއް ބުރާސްފަތި ދުވަހު ވަނީ ވެއްޓިފަ އެވެ.
އީރާނުން ގެންދަނީ އެ ގައުމަށް ހަމަލާ ދީފި ނަމަ ރައްދުގައި ހަމަލާ ދޭނެ ކަމުގެ އިންޒާރު ދެމުންނެވެ.