އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި، ގަލްފުގެ ގައުމުތަކަށް އީރާނުން ދޭން ފެށި ހަމަލާތަކާ ގުޅުގެން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ވައިގެ ދަތުރުފަތުރު މެދުކަނޑާލުމަށް ފަހު އެޅި ފިޔަވަޅުތައް އުވާލައިފި އެވެ. 

ޔޫއޭއީގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ޖީސީއޭއޭ) އިން ބުނި ގޮތުގައި މި ނިންމުން ނިންމާފައިވަނީ، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހާލަތާއި ސެކިއުރިޓީގެ ކަންކަން ފުޅާ ދާއިރާއެއްގައި ވަޒަންކުރުމަށްފަހުގަ އެވެ. އަދި އޭވިއޭޝަންގެ ސަލާމަތްތެރިކަން އެންމެ މަތީ މިންގަނޑެއްގައި ބެހެއްޓުމަށް، ކަންކަން ވަގުތުން ބަލައި މޮނިޓާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މީގެ އިތުރުން، މި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމިގެންދިޔަ މުއްދަތުގައި ފަސިންޖަރުންނާއި އެއާލައިންތަކުން ދިން އެއްބާރުލުމަށް ޝުުކުރުއަދާކޮށް، އެ އޮތޯރިޓީގެ ޓެކްނިކަލް އަދި އޮޕަރޭޝަނަލް ޓީމުތަކުން ކުރިއަށް އޮތްތަނުގައި ވެސް ކޮންމެފަދަ ކަމަކަށް ތައްޔާރަށް ތިބިކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޖީސީއޭއޭ އިން ވަނީ ދަތުރުކުރާ މީހުން އެންމެ ފަހުގެ މައުލޫމާތު، ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ހޯދުމަށް އިލްތިމާސްކޮށްފަ އެވެ. 

ޔޫއޭއީން ވައިގެ ދަތުރުތައް އާންމު ހާލަތަކަށް ގެނައުމުގެ ކުރިން މިދިޔަ ދެ މަހެއްހާ ދުވަހު ދިޔައީ ވައިގެ ސަރަހައްދު ހުޅުވަމުން ދަތުރުތައް އިތުރުކުރަމުންނެވެ. 

މެދުއިރުމަތީގެ ގައުމުތަކުގެ ދަތުރުތައް ފަށަމުން މި ދަނީ އީރާނާއި އެމެރިކާއިން ހަމަލާތައް މެދުކަނޑާލުމަށް ފަހު ދާއިމީ ސުލްހަޔަކަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގަ އެވެ.