އިންޑިއާގެ ލަކްނޯ ޔުނިވަސިޓީގައި މިސްކިތަކާ އެކު ހުންނަ ލާލް ބަރަދާރީ އިމާރާތް ރޯދަމަހާ ދިމާކޮށް ބަންދުކުރުމުން މައްސަލަ ހޫނުވެފައި ވަނިކޮށް ހިންދޫ ދަރިވަރުން ދިން ހިމާޔަތުގައި މުސްލިމު ދަރިވަރުން އެތަނުގެ ބޭރުގައި ނަމާދުކޮށްފި އެވެ. 

ޔުނިވަސިޓީން ވަނީ މިސްކިތް ހުންނަ އިމާރާތް ބަންދުކުރުމަށް ފަހު އެތަނުގެ ވަށައިގެން ބެރިކޭޑް ވެސް ޖަހައިފަ އެވެ. މި މައްސަލަ ހޫނުވެ ދަރިވަރުން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ. އަދި ހަމަނުޖެހުން ބޮޑުވެ ފުލުހުން ވެސް ނެރެން ޖެހުނެވެ. 

ދަރިވަރުން ބައިވެރިވާ ސަމަޖްވާދީ ޗަތުރާ ސަބާ (އެސްސީއެސް)، ނެޝަނަލް ސްޓޫޑެންޓް ޔުނިއަން (އެންއެސްޔޫއައި) އަދި އޯލް އިންޑިއާ ސްޓޫޑެންޓް އެސޯސިއޭޝަން (އައިސާ) އިން ވަނީ އާދީއްތަ ދުވަހާއި ހޯމަ ދުވަހު ވެސް ލާލް ބަރަދާރީ އިމާރާތުގެ ބޭރުގައި މުޒާހަރާކޮށްފަ އެވެ. 

ދަރިވަރުން ބުނަމުން ދިޔައީ ޔުނިވަސިޓީން އެ އިމާރާތް ބަންދުކުރީ މުސްލިމް ދަރިވަރުން ރޯދަ މަހު ނަމާދުކުރުމަށް ހުރަސްއަޅަން ކަމަށެވެ. 

އާދީއްތަ ދުވަހު މުސްލިމު ދަރިވަރުން ވަނީ އިމާރާތުގެ ބޭރުގައި ހިންދޫ ދަރިވަރުންގެ ހިމާޔަތުގައި ނަމާދު ވެސް ކޮށްފަ އެވެ. މުސްލިމު ދަރިވަރުން ނަމާދުކުރި އިރު ހިންދޫ ދަރިވަރުން ތިބީ މުސްލިމު ދަރިވަރުން ވަށާލައިގެން، އެތަނަށް އެހެން ބަޔަކަށް ކައިރި ނުވެވޭ ގޮތް ހަދައިގެންނެވެ. 

މުޒާހަރާކުރި ދަރިވަރުން ބުނީ 200 އަހަރު ވާން ގާތްވެފައިވާ ލާލް ބަރަދާރީ އިމާރާތުގައި ހުންނަ މިސްކިތުގައި މުސްލިމުން ދަރިވަރުން ނަމާދުކުރާތާ އެތައް ޒަމާނެއް ވެއްޖެ ކަމަށެވެ. 

އިމާރާތުގެ ގޭޓު ވެލްޑިންކޮށް ބަންދުކޮށް، ތަނުވެ ވަށައިގެން ބެރިކޭޑް ޖަހައި ނުވަދޭވޭ ގޮތް ހެދީ މަރާމާތަށް ކަމަށް ބުންޏަސް ދަރިވަރުން ބުނަނީ އެއީ މުސްލިމުންނަށް ހުރަސްއަޅަން ހިންގި އަމަލެއް ކަމަށާއި އެފަދަ ކަމެއް ކުރާއިރު ދުރާލައި އަންގަންޖެހޭނެ ކަމަށެވެ.