އިންޑިއާގެ ވެސްޓް ބެންގާލްގައި ސިވިލް ސާވިސް އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ތައްޔާރުކުރި ވީޑިއޯއެއްގައި އިންޑިއަން ޕޮލިސް ސާވިސް (އައިޕީއެސް) ގެ މުސްލިމް އަންހެން އޮފިސަރަކު "އައްސަލާމު އަލައިކުމް" ގެ އިތުރުން އިސްލާމީ އެހެން އިބާރާތްތައް ބޭނުންކުރުމުން ހަރުކަށި ހިންދޫންގެ ޝަކުވާ ބޮޑުވެ އެންމެ ފަހުން އެ އޮފިސަރުގެ މަގާމު ކުއްލި ގޮތަކަށް ބަދަލުކޮށްފި އެވެ. 

ޕީއެޗްޑީ ހާސިލްކުރައްވާފައިވާ، ޚަރަގްޕޫރުގެ އެޑިޝަނަލް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް (އޭއެސްޕީ) ބުޝްރާ ބާނޯ އާންމުކުރެއްވި ވީޑިއޯއެއްގައި، އޭނާ ވަނީ ސިވިލް ސާވިސް އިމްތިހާނު (ޔޫޕީއެސްސީ) ކާމިޔާބު ކުރެއްވި ގޮތުގެ ތަޖުރިބާ ހިއްސާކުރައްވައިފަ އެވެ. އޭނާ މި ވީޑިއޯ ފައްޓަވަނީ  "އައްސަލާމު އަލައިކުމް" އިން ސަލާމް ގޮވާލައްވަމުންނެވެ. އަދި ދަރިވަރުންނަށް ހިތްވަރު ދެއްވަމުން "އިންޝާﷲ" އާއި "ޖަޒާކަﷲ" ފަދަ އިބާރާތްތައް ބޭނުންކުރެއްވި އެވެ. މީގެއިތުރުން، އަލީގަޅު މުސްލިމް ޔުނިވާސިޓީ (އޭއެމްޔޫ) ގެ ރެސިޑެންޝަލް ކޯޗިން އެކަޑަމީން އޭނާއަށް ލިބިވަޑައިގަތް އެހީތެރިކަމަށް ތައުރީފުކުރައްވައި، އެހެން ދަރިވަރުން ވެސް އެފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އިލްތިމާސްކުރެއްވި އެވެ.

މި ވީޑިއޯ އާންމުވުމާ އެކު، އިންޑިއާގެ ހިންދޫ ކަނާތުފިޔައިގެ ޖަމާއަތްތަކުން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. "ހިންދޫ ލީގަލް ފަންޑު" އިން ވެސްޓް ބެންގާލްގެ ހޯމް ސެކްރެޓަރީއަށް ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ، ދައުލަތް ތަމްސީލުކުރާ ސަރުކާރުގެ އޮފިސަރަކު އާންމުކޮށް ވާހަކަދައްކާއިރު ވަކި ފަރާތަކަށް ނުޖެހޭ ސުލޫކީ މިންގަނޑެއް ހިފަހައްޓަންޖެހޭނެ ކަމަށެވެ. އަދި "ވަންދޭ މާތަރަމް" ނުވަތަ "ޖައި ހިންދު" ފަދަ ޝިއާރުތައް ބޭނުންނުކޮށް، އިސްލާމީ އިބާރާތްތައް ބޭނުންކުރުމުން އެ ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ވީޑިއޯ މި މަހުގެ 13 ގައި އާންމުކުރެއްވިތާ 24 ގަޑިއިރު ނުވެ 14 ވަނަ ދުވަހު ވަނީ، މައްސަލަ ހޫނުވެ ވެސްޓް ބެންގާލް ސަރުކާރުން ބުޝްރާ ބާނޯ ޚަރަގްޕޫރުގެ މަގާމުން ވަކިކޮށް، ސްޓޭޓް އާމްޑް ޕޮލިސްގެ 4 ވަނަ ބެޓަލިއަންގެ ޑެޕިއުޓީ ކޮމާންޑަންޓްގެ މަގާމަށް ބަދަލުކޮށްފަ އެވެ. ސަރުކާރުގެ އަމުރުގައި ވަނީ މިއީ "އާންމު މަސްލަހަތަށްޓަކައި" ގެނައި ބަދަލެއް ކަމަށެވެ. ނަމަވެސް، ބުޝްރާ ބާނޯ ޚަރަގްޕޫރުގެ މަގާމުގައި ހުންނެވީ އެންމެ ދެ މަހާއި ބައިގެ މުއްދަތެއްގަ އެވެ.

މި ބަދަލާ ގުޅިގެން އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުކިޔައިފަ އެވެ. ތްރިނަމޫލް ކޮންގްރެސް (ޓީއެމްސީ) ގެ މަޖިލިސް މެންބަރު މަހުވާ މޮއިތުރާ އާއި ކޮންގްރެސް މެންބަރު އިމްރާން ޕްރަތާޕްގަރީ ވަނީ މުސްލިމް އޮފިސަރަކު "އައްސަލާމު އަލައިކުމް" ކިޔުމުން ބަދަލުކުރުމަކީ ތަފާތުކުރުމެއް ކަމަށް ބުނެ ސަރުކާރުގެ ނިންމުމަށް ފާޑުވިދާޅުވެފަ އެވެ.

އުއްތަރު އަދޭޝްގެ ކަންނައުޖަށް ނިސްބަތްވާ ބުޝްރާ ބާނޯއަކީ އަލީގަޅު މުސްލިމް ޔުނިވާސިޓީން މެނޭޖްމަންޓް ސްޓަޑީޒްއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އައިޕީއެސް އޮފިސަރަކަށްވެވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ސައޫދީ އަރަބިއްޔާގެ ޔުނިވާސިޓީއެއްގައި އެސިސްޓެންޓް ޕްރޮފެސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވައިފަ އެވެ.