އެމެރިކާއަށް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިގެންވާ މިސައިލް އުފައްދަން އީރާނުން މަސައްކަތްކުރާ ކަމަށާއި އަދި އެ ގައުމުން ގެންދަނީ އެމެރިކާއިން އެންމެ ފަހުން ހަމަލާދިން ނިއުކްލިއާ މަރުކަޒުތައް މަރާމާތުކޮށް އެ ޕްރޮގްރާމު އަލުން ފަށައިގަންނަން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި މިސައިލް ޕްރޮގްރާމް ހުއްޓުވުމާ ގުޅޭ ގޮތުން އެމެރިކާ އާއި އީރާނާ ދެމެދު މުހިންމު މަޝްވަރާތައް ކުރިއަށް ދަނިކޮށް ޓްރަމްޕު މިހެން ވިދާޅުވީ މިއަދު ދެއްވި ސްޓޭޓް އޮފް ދަ ޔުނިއަން (ރިޔާސީ ބަޔާން) ގަ އެވެ.
ޓްރަމްޕް ގެންދަވަނީ އީރާނާ އެކު ކުރިއަށް ގެންދާ މަޝްވަރާއިން ހައްލެއް ނުލިބިއްޖެ ނަމަ އީރާނަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ. އެކަމަކު ވިދާޅުވަނީ ޑިޕްލޮމަސީއަށް އިސްކަން ދެއްވާނެ ކަމަށެވެ.
"ޔޫރަޕާއި ބޭރު ގައުމުތަކުގައި ހުންނަ އަހަރެމެންގެ ބޭސްތަކަށް ނުރައްކާ ކުރެވޭ މިސައިލްތައް އެ މީހުން މިހާރު ވެސް ވަނީ އުފައްދާފައި. އެމެރިކާއާ ހަމައަށް ވާސިލުވާނެ މިސައިލްތައް އަވަހަށް އުފެއްދުމުގެ މަސައްކަތް ކުރަމުން އެބަދޭ،" މިހާތަނަށް އެމެރިކާގެ ރައީސަކު ދެއްވި އެންމެ ދިގު ސްޓޭޓް އޮފް ދަ ޔޫނިއަންގެ ތަގުރީރުގައި ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕުގެ ތަގުރީރު 1 ގަޑިއިރާއި 48 މިނެޓަށް ދިގު ދެމިގެން ދިޔަ އެވެ.
އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އޭޖެންސީން މިދިޔަ އަހަރު ބުނެފައިވާ ގޮތުގައި، 2035 ވަނަ އަހަރުގެ ނިޔަލަށް ފަންކްޝަނަލް އިންޓަކޮންޓިނެންޓަލް ބެލެސްޓިކް މިސައިލެއް އުފެއްދުމުގެ ގާބިލްކަން އީރާނަށް ލިބިގެންވެ އެވެ. އެކަމަކު އެފަދަ ނިންމުމެއް ނިންމާފައިވާ ކަމަށް ނުބުނެ އެވެ.
އެމެރިކާގެ ކޮންގްރެސް ރިސާޗް ސާވިސްއިން ބުނާ ގޮތުގައި އީރާނުގައި މިހާރު ވެސް 1،850 މޭލު (3،000 ކިލޯމީޓަރު) ގެ ރާސްތާގެ ކުރު އަދި މެދުރާސްތާގެ ބެލެސްޓިކް މިސައިލްތައް އެބަހުއްޓެވެ.
އީރާންގެ އެންމެ ހުޅަނގު ކޮޅުން އެމެރިކާއާ ދެމެދު 6،000 މޭލަށް ވުރެ ދުރުމިން ހުރެ އެވެ.
"އަޅުގަނޑު އިސްކަން ދެނީ ޑިޕްލޮމަސީގެ ތެރެއިން މި މައްސަލަ ހައްލުކުރަން. އެކަމަކު އެއް ކަމެއް ޔަގީން: ޓެރަރިސްޓު ހަމަލާ ދޭ ދުނިޔޭގެ އެއް ނަމްބަރު ސްޕޮންސަ ކަމަށްވާ އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުމުގެ ފުރުސަތު އަޅުގަނޑު ދުވަހަކުވެސް ނުދޭނަން،" އީރާނާ އެކު ކުރިއަށްދާ މަޝްވަރާތަކަށް އިޝާރާތް ކުރައްވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ރައީސް ޓްރަމްޕްގެ ތަގުރީރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ދާޚިލީ މައްސަލަތަކުގެ މައްޗަށެވެ. އިގްތިސާދީ ގޮތުން ވާދަވެރި ޗައިނާގެ ނަމެއް ވިދާޅެއް ނުވެ އެވެ. ރަޝިޔާގެ ނަން ވެސް ވިދާޅުވީ ވަރަށް ކުރު ގޮތަކަށް އެންމެ ފަހަރަކު އެވެ.
ރަޝިޔާގެ ވާހަކަ ވިދާޅުވީ އެ ގައުމާއި ޔުކްރެއިންގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަަކުރައްވަމުންނެވެ. ޓްރަމްޕް ވިދާޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަށް ހަނގުރާމައެއް އޭނާގެ މަސައްކަތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. -- އޭއެފްޕީ