ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމާ ބެހޭ ގޮތުން އެމެރިކާއިން އިރާނާ އެކު ހަދަން އުޅޭ އެއްބަސްވުމަކަށް އުމާނުން "ހުރަސްއަޅާ ނަމަ" އެ ގައުމަށް ބޮން އަޅާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ދެއްވައިފި އެވެ.
"އުމާނުން ހުރަސްއަޅައިފި ނަމަ، އެ މީހުންގެ ދުވަސް ދަންދެން ބޮން އަޅާނަން،" އެމެރިކާއިން ނުސީދާކޮށް އީރާނާ އެކު މަޝްވަރާތައް ކުރިއަށްގެންދާއިރު، ކަނޑުއޮޅީގެ ކަންކަން ބެލެހެއްޓުމާ މެދު އުމާނާއި އިރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށް އިޝާރާތް ކުރައްވައި، ފޮކްސް ނިއުސްގެ ނޫސްވެރިޔާ ޓްރޭ އިންގްސްޓް އަށް ދެއްވި އިންޓަވިއުގައި ޓްރަމްޕު ވިދާޅުވި އެވެ.
ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ އިންތިޒާމުތަކާ ބެހޭގޮތުން އިރާނާއި އުމާނުގެ އޮފިޝަލުން މަޝްވަރާކުރާތާ ހަފްތާތަކެއް ވެފައިވާއިރު، ދެ ފަރާތުން ގުޅިގެން ގަރާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އީރާންގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހުގެ ހެނދުނު ވަނީ ބުނެފަ އެވެ. ނަމަވެސް، ފެބްރުއަރީ 28 ގައި މެދުއިރުމަތީގެ ހަނގުރާމަ ފެށުމާ އެކު އީރާނުން ބަންދުކޮށްފައިވާ އެ ކަނޑުއޮޅީގެ ދަތުރުފަތުރު އަދިވެސް ހުއްޓިފައި ވާއިރު، އެއީ އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައިވާ ތަނެއް ކަމަށް ޓްރަމްޕް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.
ހުކުރު ދުވަހު ޓްރަމްޕް ވަނީ ހޮރްމޫޒް ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއްގެ ގޮތުގައި އިއުލާން ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެއާ އެކު އިރާނުން ރައްދުދެމުން ބުނީ، އެ ގައުމުން ބަންދުކޮށްފައިވާ ހަކަތައިގެ މުހިންމު މަގު "ދެމިއޮންނާނީ އިރާނުގެ ތަނެއްގެ ގޮތުގައި" ކަމަށެވެ.
އިރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލު ގުޅިގެން ހަނގުރާމަ ފެށުމުގެ ކުރިން، ހޮރްމޫޒް ކަނޑުއޮޅި އޮތީ އެންމެންނަށް ހުޅުވާލެވިފައިވާ ބައިނަލްއަގުވާމީ ކަނޑުމަގެއްގެ ގޮތުގަ އެވެ. އެއީ ދުނިޔޭގެ ހަކަތައިގެ އުފެއްދުންތަކާއި އެހެނިހެން މުދާ އުފުލުމުގައި ބޮޑު ހިއްސާއެއް އޮންނަ މަގެކެވެ.
އިރާންގެ އަސްކަރިއްޔާ ބަލިކަށިކޮށްލައި ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވަން މަޖުބޫރުކުރުވުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކާ ދެކޮޅަށް، އިރާނުން ބޭނުންކުރާ އެންމެ މުހިންމު ހަތިޔާރަށް އެ ކަނޑުއޮޅި ވަނީ ހަދައިފަ އެވެ.
ހޮރުމޫޒްގެ އުތުރު ފަރާތް އޮންނަނީ އިރާނުގެ އައްސޭރިފަށާ ގުޅިފަ އެވެ. އަދި ދެކުނު ފަރާތުގައި އޮންނަނީ އުމާނެވެ.
ނޫސްވެރިޔާ އިންގްސްޓް ޓްރަމްޕުގެ އިންޓަވިއުއާ ބެހޭ ގޮތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިރާނުން "އަމާންދިނުމުގެ ހުދު ދިދަ ނަގަންޖެހޭ" ކަމަށް ވެސް ޓްރަމްޕް ވިދާޅުވި ކަމަށެވެ.
އެމެރިކާގެ ކޮންގްރެސްގެ ކޮންޓްރޯލް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ އަތުން އަތުލުމަށް އިދިކޮޅު ޑިމޮކްރެޓުން މަސައްކަތް ކުރަމުންދާ ނޮވެމްބަރު މަހުގެ މިޑްޓާމް އިލެކްޝަންގެ ކުރިން، އެމެރިކާގެ އާންމުންގެ މެދުގައި މި ހަނގުރާމައަށް އިންތިހާއަށް ނުރުހުންތެރިކަން ބޮޑުވެފައިވީ ނަމަވެސް، އެއްބަސްވުމަކަށް އައުމަށް އަވަސްވެގަތުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި އެވެ.
ޓްރަމްޕް އިންގްސްޓް ގާތު ވިދާޅުވި ގޮތުގައި، ސަރުކާރާއި އިރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ އޮފިޝަލުންނާ ދެމެދު ސީދާ މުއާމަލާތް ކުރެވޭނެ 'ބެކް-ޗެނަލް' އެއް އެބަ އޮތް ކަމަށެވެ.
"އެމީހުންނަކީ މޮޅު ޕޯކާ ކުޅުންތެރިން، ނަމަވެސް އެމީހުން އެ ދަނީ ނެތެމުން،" ޓްރަމްޕް ވިދާޅުވި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. -- އޭއެފްޕީ