އިޒްރޭލާއި އެމެރިކާއިން އީރާނަަށް ހަމަލާ ދޭން ފަށައިފި އެވެ.
ތަފްސީލެއް ނުދީ މިކަން އެންމެ ފުރަތަމަ ކަށަވަރުކޮށްދިނީ އިޒްރޭލުގެ ޑިފެންސް މިނިސްޓްރީންނެވެ. އޭގެ އިރުކޮޅެއް ފަހުން އެމެރިކާގެ އޮފިޝަލަކު އަލް ޖަޒީރާއަށް ވިދާޅުވި ގޮތުގައި މިއީ އެމެރިކާ އާއި އިޒްރޭލު ގުޅިގެން ދިން ހަމަލާއެކެވެ.
މި ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާންގެ ވެރިންނާއި އަސްކަރީ ތަންތަނަށް ކަމަށް ވެސް ބުންޏެވެ. އެކަމަކު އީރާންގެ ރަސްމީ މީޑީއާއިން ވަނީ މި ހަމަލާތަކުގައި ރައީސް މަސްއޫދު ޕެޒެޝްކިއަން ސަލާމަތްވެ ވަޑައިގެންފައިވާ ކަމަށް ބުނެފަ އެވެ.
އީރާންގެ މީީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މިހާރު ވެސް ދަނީ ހަމަލާ ދެމުންނެވެ. އަދި އީރާންގެ ވައިގެ ދިފާއީ ނިޒާމުން ގެންދަނީ އެ ހަމަލާތަކުން ސަލާމަތްވާން ރައްދު ދެމުން ކަމަށް ވެސް ދަނީ ބުނަމުންނެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާ ދީފައިވަނީ ވެރިރަށް ތެހެރާންގައި ރައީސް އޮފީހާއި ގައުމީ ސަލާމަތީ ކަންކަމާ ބެހޭ އޮފީސްތައް ހުންނަ ޕާސްޗަ ސްޓްރީޓާއި ސުޕްރީމް ލީޑަރުގެ ކޮމްޕައުންޑާއި އެސެމްބްލީ އޮފް އެކްސްޕާޓްސް ކައިރި އަށެވެ.
ފުރަތަމަ ދިން ހަމަލާތަކާ އިޒްރޭލުގައި ސައިރަން އަޅައި، އަތުވެދާނެ ރައްދު ހަމަލާއަކުން އާންމުން ރައްކާތެރިވެ ތިބެން ވަނީ އަންގައިފަ އެވެ. އިޒްރޭލުގެ ސަލާމަތީ އިދާރާތަކުން ވަނީ މިއީ ވަރަށް ސީރިއަސް އިންޒާރެއް ކަމަށް ބުނެފަ އެވެ. އަދި މިހާރު ވަނީ މަދަނީ ވައިގެ ދަތުރުތަކަށް އިޒްރޭލުގެ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.
އީރާންގައި ތިބި އޭއެފްޕީގެ ނޫސްވެރިން ބުނީ ވެރިރަށް ތެހެރާންގެ ދެ ދިމާލަކުން ދުން އަރަމުންދާތަން ފެންނަ ކަމަށެވެ. އޭގެ ކުރިން ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވުނު ކަމަށް ވެސް ބުންޏެވެ. އެކަމަކު އެހެން ބައެއް ރިޕޯޓްތައް ބުނާ ގޮތުން ތިން ހަމަލާއެއް ދީފައިވެ އެވެ.
ހަމަލާ ދިންކަން އިއުލާނުކުރިތާ އިރުކޮޅެެއް ފަހުން، އީރާންގެ ނިއުކްލިއާ މަރުކަޒެއް ހުންނަ އިސްފަހާން އާއި އެހެން ބައެއް ތަންތަނުން ވެސް ގޮވުންތަކުގެ އަޑު އިވިފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
އީރާނުން މިހާރު ވަނީ ވަކި ގޮތަކަށް އަންގަންދެން ވައިގެ ސަރަހައްދު މަދަނީ އެއާލައިންތަކަށް ބަންދުކޮށްފަ އެވެ. އެ ގައުމުގެ މޯބައިލް ފޯން ނެޓްވޯކަށް މި ވަގުތު މައްސަލަތައް ދިމާވެފައި ވާއިރު އިންޓެނެޓްގެ ހިދުމަތް ކަނޑާލުން އެކަށީގެންވާ ކަމަށް ވަނީ ބެލެވިފަ އެވެ.
އީރާންގެ ނިއުކްލިއާ މަޝްރޫއު ހުއްޓުމަކަށް ގެނައުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް ދަނިކޮށް ހަމަލާ ދީފައި ވާއިރު މަޝްވަރާތައް ހޮސްޓުކުރާ އޮމާނުން ވަނީ އީރާނުން ނިއުކްލިއާ މެޓީރިއަލް ސްޓޮކްޕައިލްކުރުން ހުއްޓާލަން އެއްބަސްވެފައިވާ ކަމަށާއި އެހެންވެ އެއްބަސްވުމެއް ގާއިމުކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ބުނެފަ އެވެ.
މަޝްވަރާތައް ކުރިއަށް ދިޔައިރު އެމެރިކާއިން ވަނީ މެދުއިރުމައްޗަށް އަސްކަރީ މަނަވަރުތައް ޖަމާކޮށް، މެދުއިރުމަތީގެ ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ސަލާމާތީ ކަންކަން ވަރުގަދަކޮށްފަ އެވެ. މީގެ އިތުރުން ޖެޓްތަކަށް ތެޔޮ އަޅާ އެއާކްރާފްޓްތައް އިއްޔެ ވަނީ އިޒްރޭލަށް ގެންގޮސްފަ އެވެ. މީގެ އިތުރުން އިޒްރޭލުގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންގެ އާއިލާތަކުގެ މީހުން އިޒްރޭލުން ފޭބުމަށް ލަފާ ދީފައިވެ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ވެސް އިޒްރޭލުން އީރާނަށް ހަމަލާ ދިނުމާ އެކު ހަނގުރާމަ ފެށުނެވެ. އެފަހަރު 12 ދުވަސް ވަންދެން އިޒްރޭލާއި އީރާނުން މިސައިލާއި ޑްރޯނުން ހަމަލާ ބަދަލުކޮށްފައި ވާއިރު އީރާނުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ ބޮޑެތި ގެއްލުންތައްވި އެވެ. އަދި އީރާންގެ ހަމަލާތަކުގައި އިޒްރޭލުން ވެސް މީހުން މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ.