އީރާންގެ އަސްކަރިއްޔާއަށް އޮތީ މަރު ނުވަތަ އަމާން ދިނުން ކަމަށާއި އީރާނަށް ހަމަލާދޭން ފެށީ އެ ގައުމުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވާން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ. 

އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމައެއް ފެށިކަން ޓްރަމްޕު މީގެ ކުރިން ވަނީ އިއުލާނުކުރައްވައިފަ އެވެ. އެކަމަކު ހަނގުރާމައަށް ކޮންގްރެސްގެ ހުއްދަ ހޯއްދެވި ކަމެއް ނުވަތަ އެކަން އެންގެވި ކަމެއް ވެސް ނޭނގެ އެވެ. 

އީރާންގެ ގައުމީ ޓީވީން ބުނި ގޮތުގައި ވެރިރަށް ތެހެރާއި އެކި ހިސާބުތަކަށް މިސައިލްގެ ހަތް ހަމަލާއެއް ދީފައިވެ އެވެ. 

ފާސް ނިއުސް އޭޖެންސީން ބުނީ އީރާނުގެ އިސް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ދިރިއުޅުއްވާ ތެހެރާންގެ ކެޝްވަރްދޫސްޓަށާއި ޕާސްތޯރް ޑިސްޓްރިކްޓަށް ވެސް ހަމަލާ ދީފައިވެ އެވެ. މިއީ އީރާންގެ ރައީސް އޮފީސް ފަދަ މުހިންމު އޮފީސްތައް ހުންނަ ސަރަހައްދުތަކެވެ. 

އީރާނަށް މިއަދު ދިން ހަމަލާއަކަށް ފަހު ދުން އަރަނީ: މިއީ ވެރިންނާއި އަސްކަރީ ތަންތަނަށް ދިން ހަމަލާތަކެއް ކަމަށް އެމެރިކާއިން ވަނީ ބުނެފައި. -- ފޮޓޯ: އޭއެފްޕީ
އީރާނަށް މިއަދު ދިން ހަމަލާއަކަށް ފަހު ދުން އަރަނީ: މިއީ ވެރިންނާއި އަސްކަރީ ތަންތަނަށް ދިން ހަމަލާތަކެއް ކަމަށް އެމެރިކާއިން ވަނީ ބުނެފައި. -- ފޮޓޯ: އޭއެފްޕީ

މިއީ އީރާންގެ ވެރިންނާއި އަސްކަރީ ތަންތަނަށް ދިން ހަމަލާއެއް ކަމަށް އެމެރިކާގެ ބައެއް އޮފިޝަލުން ބުނެފައި ވާއިރު އީރާނުން ވަނީ ރައީސް މަސްއޫދު ޕެޒެޝްކިއާން ސަލާމަތްވެ ވަޑައިގެންފައިވާ ކަމަށް ބުނެފަ އެވެ. އާޔަތުﷲ އަލީ ޚާމަނާއީއާ ވަނީ މާ ކުރިން އެހެން ހިސާބަކަށް ގެންގޮސް ރައްކާތެރިކަން ދީފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ހަމަލާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕު ވިދާޅުވީ އީރާންގެ މިސައިލް ޕްރޮގްރާމް ނައްތާލާނެ ކަމަށާއި ކަނޑުގެ ސިފައިންގެ ބާރުތައް ވެސް ނައްތާލާނެ ކަމަށެވެ. އަދި އީރާން ރައްޔިތުންނަށް މުހާތަބުކުރައްވަމުން ވިދާޅުވީ މިނިވަންކަމުގެ ވަގުތު އޮތީ ވަރަށް ގާތުގައި ކަމަށެވެ. 

ދިރާސާކުރާ މީހުން ބުނާ ގޮތުގައި މި ހަމަލާތައް ފަށާފައި ވަނީ އީރާނާ އެކު ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންދަމުން އަދި އީރާނުން ނިއުކްލިއާ ހަތިޔާރަށް ބޭނުންވާ ވަރަށް ނިއުކްލިއާ މެޓީރިއަލް ނުގެންގުޅޭނެ ކަމުގެ ޔަގީންކަން ވެސް ދީފައި ވަނިކޮށް ކަމަށް ވާއިރު ހަމަލާގެ މަގްސަދާ މެދު ސުވާލު އުފެދޭ ކަމަށެވެ. މިއީ ނިއުކްލިއާ ހަތިޔާރު އުފެއްދިޔަ ނުދިނުމަށް ދޭ ހަމަލާއެއް ނޫން ކަމަށާއި މިއީ އީރާންގެ ވެރިކަން ބަދަލުކުރުމުގެ ހަނގުރާމައެއް ކަމަށް ދިރާސާކުރާ މީހުން ބުނެ އެވެ.