އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 200 އަށް ވުރެ ގިނަ ކަމަށް އެ ގައުމުގެ ރެޑް ކްރެސެންޓުން ބުނެފި އެވެ.
އީރާނުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ ތަރުޖަމާނަކު މެހެރް ނިއުސް އޭޖެންސީއަށް ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލުން އީރާނުގެ 24 ޕްރޮވިންސަކަށް ހަމަލާދީފައިވާ ކަމަށާއި އެ ތަންތަނުން 201 މީހުން މަރުވެ 747 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
ރެޑް ކްރެސެންޓްގެ 220 އަށް ވުރެ ގިނަ ޓީމް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުން ބުނެފައިވާ ގޮތުގައި އެލެމެންޓްރީ ސްކޫލަކަށް އެއް ހަމަލާ އަމާޒުވެފައި ވާއިރު އެތަނުން މަރުވި އަދަދު 80 އަށް ވުރެ ގިނަ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ އެތަނުގެ ދަރިވަރުންނެވެ.
އީރާނުން މީގެ އިރުކޮޅެއް ކުރިން ވަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ އުޒުރެއް ކަމަށް ދައްކައިގެން ދޭން ފެށި ހަމަލާތަކާ ގުޅޭ ގޮތުން އދ.ގެ އެޓޮމިކް އެނާޖީ އެޖެންސީގެ ކުއްލި ބައްދަލުވުމެއް ބާއްވަން ގޮވާލައިފަ އެވެ.
"އެމެރިކާ އާއި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކާ ގުޅިގެން ... އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީގެ ބޯޑް އޮފް ގަވަނާސްގެ ކުއްލި ބައްދަލުވުމެއް ބާއްވަން ގޮވާލަން،" އީރާނުން ބުންޏެވެ.
"އީރާނުގެ ސުލްހަވެރި ނިއުކްލިއާ ޕްރޮގްރާމާ ދެކޮޅަށް ކުރާ ތުހުމަތުތަކާއި ނުރައްކާތެރި އިންޒާރުތަކާއި ނާޖާއިޒު އަމަލުތަކާ މެދު އެ ބޯޑުން މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭ."
އީރާނަށް އެމެރިކާއިން ހަމަލާދީފި ނަމަ އެމެރިކާގެ މަސްލަހަތު ހިމެނޭ ކޮންމެ ތަނަކަށް ހަމަލާ ދޭނެ ކަމަށް އިންޒާރު ދެމުން ދިޔަ އީރާނުން ވަނީ ރައްދުގައި ވަގުތުން ހަމަލާތައް ފަށައިފަ އެވެ. ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އޮމާން ނޫން ހުރިހާ ގައުމަކަށްހެން ހަމަލާ ދީފައި ވާއިރު ކުވައިތުގެ އެއާޕޯޓުގެ އިތުރުން ބަހްރެއިންގެ ބައެއް އިމާރާތްތަކަށް ވެސް ވަނީ ޑްރޯންގެ ހަމަލާތައް ދީފަ އެވެ. މީގެ އިތުރުން ގަތަރާއި ޔޫއޭއީ އާއި ސައޫދީ އާއި ޖޯޑަން ފަދަ ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ރޮކެޓް ފޮނުވާފައިވެ އެވެ. މީގެ ތެރެއިން ގިނަ ހަމަލާތައް އިންޓަސެޕްޓްކޮށްފައި ވިޔަސް ބައެއް ހަމަލާތައް އަމާޒުވެ އަދި ގޮއްވާލި ބައެއް މިސައިލްތަކުގެ ބައިތައް ވެއްޓި ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ.