އެމެރިކާ އާއި އިޒްރޭލުން އީރާނަށް މިއަދު ދޭން ފެށި ހަމަލާތަކުގައި އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.
އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިރޭ ވިދާޅުވީ ޚާމާނައީ އަވަހާރަވެފައިވާކަމުގެ ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށެވެ. އަދި އަވަހާރަކޮށްލާފައިވާ ހާމަނާއީގެ ހަށިކޮޅުގެ ފޮޓޯތަކެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނަތަންޔާހޫއަށް މިހާރު ލިބިފައިވާ ކަމަށް އިޒްރޭލްގެ މީޑިއާއަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މީގެ އިތުރުން ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް އިޒްރޭލްގެ ސިފައިންގެ އިސްވެރިއަކު ބުނެފައިވާ ކަމަށް ރޮއިޓާސް އިން ދެންމެ ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް އީރާންގެ ސަރުކާރުން މިކަން އަދި ކަށަވަރުކޮށެއް ނުދެ އެވެ. އަދި އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާންއާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ ޚާމަނާއީ އާއި އީރާންގެ ރައީސް ވެސް ސަލާމަތުން އެބަތިއްބެވި ކަމަށެވެ.
އީރާންގެ ސުޕްރީމް ލީޑަރަކީ އެ ގައުމުގެ އަސްކަރިއްޔާ އެންމެ އިސްވެރިޔާ ވެސް މެ އެވެ. އަދި ގައުމުގެ ބޮޑެތި ކަންކަމުގައި ފަހު ބަސް ބުނާ ފަރާތަކީ ވެސް އެއީ އެވެ. ނަމަވެސް ދަތި ކުރުމުގެ ފިޔަވަޅުތަކާއި އިންޒާރުތަކާ ހެދި ޚާމާނާއީގެ ސަލާމަތީ ކަންކަން އީރާނުން ވަރަށް މަތީ ފެންވަރެއްގައި ބަލަހައްޓަމުންދެ އެވެ.
އީރާނަށް ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އިޒްރޭލާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް ހަމަލާ ދީފަ އެވެ.